ހަބަރު

އައްޑޫގައި ޒަހަމްކޮށްލި ބިދޭސީ މީހާ ފަރުވާއަށް މާލެ ގެނެސްފި

އައްޑޫ ސިޓީ ހިތަދޫގައި އާދިއްތަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެމީހާ މިއަދު މާލެ ގެނެސްފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުގައި އެވެ. އެމްއެންޑީއެފުން ބުނީީ، މިއަދު ހެނދުނު 10:30ގައި އިންޑިއާ މީހާ މާލެ ގެނެސްފައިވަނީ ސިއްހީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެމީހާ ބެއްލެވި ޑޮކްޓަރު ލަފާދިނުމުން ކަމަށެވެ. އަދި އެމީހާއަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މާރާމާރީއާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރު، އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުން ބައިސިކަލްގައި ދުއްވާފައިދިޔަ އިންޑިއާގެ މީހަކަށް ކަމަށެވެ. ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އޭނާގެ މޫނު މައްޗަށެވެ.

އެމައްސަލާގައި 24 އަހަރުގެ ދެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނަކު ރޭ 7:15 ގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެތިން މީހުންވެސް ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.