ހަބަރު

ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތު ސަލާމަތީ ބާރުތަކަށް

Feb 26, 2019
14

ބައެއް ގައުމުތަކުން ކުރަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން މީހުން ފޮނުވުމުގެ ނެޓުވާކުގައި ސަލާމަތީ ބާރުތަކުގެ އިތުރުން، ދައުލަތުގެ ބައެއް މުއައްސަސާތަކުން ބައިވެރިވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ރާއްޖޭގައި ހަރުކަށި ދީނީ ހިޔާލު ފެތުރިފައިވާ މިންވަރުގެ މައްޗަށް "ޗެނަލް ނިއުސް އޭޝިއާ" އިން އުފެއްދި ޑޮކިޔުމެންޓަރީއަށް ދެއްވި އިންޓަވިއުގައި، ނަޝީދު ވިދާޅުވީ، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ނުފޫޒުގަދަ މަގާމުތަކުގައި ތިބެގެން، ބޭރުގެ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސަރުކާރުގެ އެތެރޭގައި، ސަލާމަތީ ބާރުތަކުގެ ތެރޭގައި، ނުފޫޒު ގަދަ މަގާމުތަކުގައި ދީނީ ހަރުކަށި ސަލަފީ ހިޔާލުގެ މީހުން އެބަތިބި، މިސާލަކަށް ކަސްޓަމްސް އިމިގްރޭޝަންގެ ތެރެއަށް އެފަދަ މީހުން ވަދެ ބޭރުގެ ހަނގުރާމަތަކަށް ފޮނުވާނެ ދިވެހިން ހޯދުމުގެ މަސައްކަތް ކުރޭ، އަދިވެސް އެ ނެޓްވާކްގެ ތެރެއިން މަސައްކަތް ކުރޭ،" ނަޝީދު ވިދާޅުވި އެވެ.

އަދި އެ ހަރުކަށި ވިސްނުންތައް ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުގައި ފަތުރައިގެން، އެ ގޭންގުތައް "ދީނީ ފުލުހުން" ގެ ގޮތުގައި ބޭނުންކުރަމުންދާކަމުގެ ތުހުމަތުވެސް ނަޝީދު ވަނީ ކުރައްވައިފަ އެވެ.

ރާއްޖެއިން ހަގުރާމައަށް ގޮސްފައިވާ މީހުންގެ އަދަދު 60 އަށްވުރެ މަތިކަމަށް ރަސްމީ އިދާރާތަކުން ބުނި ނަމަވެސް، އެކަމާއި ތަކުރާރުކޮށް ދެކޮޅު ހައްދަވަމުން ގެންދަވާ ނަޝީދު ވިދާޅުވީ އެ އަދަދު ގާތްގަނޑަކަށް 300 އަށް އަރާނެ ކަމަށެވެ.

"ނަމަވެސް ބޭރުގެ ޖާސޫސީ އިދާރާތަކުން އެ އަދަދު 1،000 އަށް އަރާ ކަމަށް ބުނޭ،" އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތުގެ ތަފްސީލެއް ނުދެއްވައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ބައެއް ގައުމުތަކުން ކުރަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ ބައެއް ދިވެހި އާއިލާތަކުން ރާއްޖެ ގެނެސްދިނުމަށް އެދެމުންދާ ކަމަށް އެމްއެންޑީއެފުން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ.

ދީނީ ހަރުކަށި ފިކުރު އިސް ކުރުމުން ގައުމުގެ ސުލްހަމަސްލަހަތު ގެއްލޭ ކަމަށް ވިދާޅުވެ އެ ފިކުރު އިސް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެގޮތުން ސައްހަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް ދިވެހިން ހަރުކަށި ވިސްނުމަށް ލެނބިގެން ދާ ކަމަށާއި އަނެއް ބައި މީހުން ނުރައްކާތެރިކަމަށް ވިސްނާލުމެއް ނެތި އިސްލާމްދީނަށް ކުޑައިމީސް ކުރެވޭ ފަދަ ހިޔާލުތައް ފާޅު ކުރަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ހަރުކަަށި ފިކުރުތަކަށް ތަބާވެ ބައެއް ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވެ ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ދާ ކަމީ މުޖުތަމައުއަށް ލިބޭ ވަރަށް ބޮޑު ދެރައެއް، މިއީ ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ސުލްހައަށް އަދި ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުމެއް،" ރައީސް ވިދާޅުވި އެވެ. "މިއީ މަޝްވަރާކޮށް ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް، އާބާދީގެ 35 ޕަސަންޓަށް ވުރެ ގިނައީ ޒުވާނުން، އެ ޒުވާޏުންގެ ފިކުރު ގައުމު ބިނާ ކުރުން ކަމުގައި ހެދުމަކީ އެންމެންގެ ޒިންމާއެއް،"

ގާތްގަނޑަކަށް 46 މިނެއްޓުގެ ދިގު އެ ޑޮކިޔުމެންޓަރީގައި، ރާއްޖޭގައި ފެތުރިފައިވާ ދީނީ ހަރުކަށި ވިސްނުމާއި ގުޅޭގޮތުން ގިނަ ބައެއްގެ އިންޓަވިއުތައް ވަނީ ހިމަނައިފަ އެވެ.