ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތާއި އަމަލުތައް ނުހުއްޓުވޭތީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުއްލި މައްސަލައެއް ވައްދައި އެ މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވަން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބޮޑު މީހެއް ކަމަށް ބަލާ ގާނޫނީ އުމުރު ހަމަ ނުވާ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާތާ އަހަރު ވެގެން ދިޔައިރު ކަމާ ބެހޭ މުއައްސަސާއަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ މެންބަރުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމަށެވެ.
"އިއްޒަަތްތެރި މެންބަރުން އެންމެ ބޮޑަށް ފާހަގަ ކުރެއްވި ނުކުތާއަކީ ފުލުސް އޮފީސް މި ކަމުގައި އިހުމާލުވާ މިންވަރު، ފުލުސް އޮފީހުން މި ކަމުގައި އެއްވެސް ގޮތަކަށް އަޅާ ނުލެވޭ މިންވަރު، ތަހުގީގުގައި އަހަރެއް ވާއިރު ވެސް އެ ކުއްޖާ ހުރީ އަނިޔާގެ ޝިކާރާގައި. މެންބަރުން ވިދާޅުވީ އެއީ އެ ކަން އޮންނަން ވާނެ ގޮތް ނޫން ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިޝާރާތް ކުރެއްވީ ދާދި ފަހުން ފެންމަތި އުމުރުން 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭ މައްސަލައަށެވެ. އެ ކުއްޖާއާ އިނދެގެން އުޅޭ މީހާއަށް އޭނާ ދަތުރު ކުރަމުން ދިޔަ ދޯންޏެއްގައި ބަޔަކު ހަމަލާ ދީ ޒަަހަމްކޮށްލާފައި ވެއެވެ. އެ ހަމާލަތަކުގެ ތެރޭ އޭނަ ވަނީ ސަލާމަތް ވާން ކަނޑަށް ފުންމާލާއި ކައިރީގައި އޮތް ރަށަށް ފަތާފައި ގޮސްފަ އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެފަދަ ކަންބޮޑުވުންތައް މެންބަރުން ފާޅު ކުރެއްވުމުން ރައީސަށް ހިއްސާ ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އިއްޔެގެ ޖަލްސާގެ ޔައުމިއްޔާ އާއި ކުއްލި މައްސަލާގައި މެންބަރުން ދެއްކެވި ވާހަކަތައް ރައީސް ސޯލިހަށް ފޮނުވަން މަޖިލީހުގެ އަމީންއާންމަށް އަންގަވާފައިވާ ކަމަށެވެ.
ހަރުކަށި ފިކުރުގެ އަމަލުތައް ނުހުއްޓުވޭތީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުންގެ ނުރުހުން އަމާޒު ކުރެއްވީ ސަލާމަތީ ބާރުތަކާއި ކަމާބެހޭ މިނިސްޓްރީތަކުގެ މިނިސްޓަރުންނަށެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހިމެނެ އެވެ.