ބޭރު ކުޅިވަރު

ބެގޮވިޗް ގަތުމަށް ޗެލްސީ އާއި ޔުނައިޓެޑް ހިފަނީ

Jul 5, 2015

ސްޓޯކް ސިޓީގެ ގޯލްކީޕަރު އަސްމީރު ބެގޮވިޗް ގަތުމަށް އިނގިރޭސި ގަދަ ދެ ބާރު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ހިފަން ފަށައިފި އެވެ.

ޔުނައިޓެޑުން ބޮސްނިއާގެ މި ކީޕަރު ގަތުމުގެ ރޭހަށް މި ވަނީ އޭނާ ގަތުމަށް ޗެލްސީން ހުށަހެޅި ހަ މިލިއަން ޕައުންޑް ސްޓޯކް ސިޓީން ބޮލާލައި ޖަހާފައިވަނިކޮށެވެ. މިހެންވެ ކީޕަރަށް އަށް މިލިއަން ޕައުންޑް ހުށަހަޅަން ޗެލްސީން ދަނީ ތައްޔާރުވަމުންނެވެ. އެކަމަކު އޭނާ ދޫކޮށްލާނަމަ މަދުވެގެން 10 މިލިއަން ޕައުންޑް ސްޓޯކުން ބޭނުންވެ އެވެ.

ޕްރެމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ 28 އަހަރުގެ ކީޕަރުގެ މުހިންމުކަން ޗެލްސީ އާއި ޔުނައިޓެޑަށް ވެސް ވަނީ ބޮޑުވެފަ އެވެ. އެއީ ދެ ވަނަ ކީޕަރެއްގެ ގޮތުގައި މޮޅު ކީޕަރަކު ބެހެއްޓުމަށްޓަކަ އެވެ.

އޭނާ ޗެލްސީ އަށް ސޮއިކޮށްފިނަމަ ޔަގީނުން ވެސް އިންނަން ޖެހޭނީ ބެލްޖިއަމްގެ ކީޕަރު ތިބައޫޓް ކޯޓުއާގެ ބަދަލުގަ އެވެ. ނަމަވެސް ޔުނައިޓެޑްގެ އެއްވަނަ ކީޕަރު ސްޕޭނުގެ ޑޭވިޑް ޑެހެޔާ ރެއާލް މެޑްރިޑަށް ދާން ބޭނުންވާތީވެ ފަހަރުގައި ޔުނައިޓެޑުގެ ފުލް ޓީމުން ޖާގަ ލިބިދާނެ އެވެ.