ހަބަރު

ރުކުމާ އެމްޑީޕީއިން އިސްތިއުފާދީފި

އިހުލާސްތެރިންނާއި، އަދާވާތްތެރިން އެމްޑީޕީއަށް ވަކި ނުވާކަމަށްބުނެ، ރައްުޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) އެމްޑީޕީން އިސްތިއުފާދީފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ކެނޑިޑޭޓުން އިންތިހާބު ކުރުމަށް ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހުސައިން ޝަމީމް (އަނދުން ހުސައިން) އާއި ވާދަކޮށް، ކުޑަ ތަފާތަކުން ބަލިވެވަޑައިގެންނެވި ރުކުމާ އިސްތިއުފާދެއްވިކަން އިއުލާން ކުރެއްވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

ރުކުމާ ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ފަހުރުވެރިވާ ސިޔާސަތުތަކާއެކު، ވުޖޫދުވި އެމްޑީޕީގައި އިހުލާސްތެރިންނާއި، އަދާވާތްތެރިން ވަކިނުވާތީ ހިތާމަ ކުރާ ކަމަށެވެ. އަދި ހިތާއި ރޫހާއި ޖާނާއި މާލުން ގުރުބާންވި ޕާޓީ އެމްޑީޕީން އިސްތިއުފާދިން ސިޓީ އެ ޕާޓީގެ އޮފީހާއި ހަވާލު ކުރީ ހިތާމައާއިއެކު ކަމަށެވެ.

ރުކުމާ އިސްތިއުފާދެއްވިކަން އިއުލާން ކުރެއްވި ޓުވީޓް

ރުކުމާ އެމްޑީޕީން އިސްތިއުފާދީފައި ވާއިރު، ޕްރައިމަރީގައި ބަލިވި ކެނޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމައި ސްޕްރީމްކޯޓުން ވަނީ ހުކުމެއް އިއްވާފަ އެވެ. އަދި އެ ފުރުސަތު އިލެކްޝަނުން އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ހަމަޔަށް ހުޅުވާލުމަށްވެސް ސްޕްރީމްކޯޓުން ވަނީ އިލެކްޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ. ރުކުމާ އެމްޑީޕީން ވަކިވާން ނިންމީ އަމިއްލަ ގޮތުން މަޖިލީހުގައި ވާދަ ކުރަންކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ރުކުމާ ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ޔަގީން ކުރެވިފައެއް ނުވެއެވެ.