ހަބަރު

ކާށިދޫ ދާއިރާގެ ރައްޔިތުން އަޅުގަނޑު ހޮވާނެ: ޖާބިރު

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ރައްޔިތުން ވޯޓް ދީގެން އޭނާ އެ ގޮނޑިއަށް އިންތިހާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު "އަވަސް" އަށް ވިދާޅުވީ، ސްޕްރީމް ކޯޓުގެ ހުކުމާއެކު އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި، ކާށިދޫއާއި، ގާފަރު ރައްޔިތުންނާއި ގާތް ގުޅުމެއް އޮވެ، ހިދުމަތް ކުރާތާ މިހާރު ހަތް އަހަރު ވެފައިވާ ކަމަށެވެ. އަދި އެ ދައިރާގައި ދޮރުން ދޮރަށް ނުހިގާ އެއްވެސް ގެއެއް ނުހުންނާނެ ކަމަށާއި، ރައްޔިތުންނާއި ގާތުން އަބަދުވެސް ހިދުމަތް ކޮށްދީފައިވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، އެމްޑީޕީން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް، ކާށިދޫ ދާއިރާއަށް ބޭނުންވާ ތަރައްގީއާއި އުފާވެރިކަން ގެނެސްދިނުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނިކޮށް، އެމްޑީޕީން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޖަލުގައި ހުންނަވަން ޖެހުނު ނަމަވެސް ބަލިވެ ވަޑައިގެންނެވީ ވަރަށް މަދު ވޯޓްކޮޅަކުން ކަމަށާއި، އޭގެންވެސް އެދާއިރާގެ ރައްޔިތުންގެ ތާއިދު އޮތްވަރު ހާމަވާކަމަށް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއިން ބަލިވި ނަމަވެސް، މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅީވެސް ޖާބިރު ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.