ބޭރު ކުޅިވަރު

މެން ސިޓީން 150 މިލިއަން ޕައުންޑް ހަރަދު ކުރަނީ

Jul 5, 2015

ޔޫއޭފާއިން ކުލަބުތަކުން ބޭނުންވަރަކަށް ހަރަދު ކުރުމަށް މަނާކުރަން ޖެހުނީ އަރަބި މަހުޖަނުންނާ ހެދި އެވެ. މެންޗެސްޓާ ސިޓީ އާއި އެނޫން ކުލަބުތަކާ މަހުޖަނުން ހަވާލުވެ ހިތުހުރި ވަރަކަށް ހަރަދު ކުރުމުން ފުޓްބޯޅަ އަށް ވަނީ ގެއްލުން ކަމަށް އެއިރު ބުންޏެވެ. ނަމަވެސް ބޮޑެތި ކުލަބުތަކުގެ ފިއްތުންތަކާ ހެދި މިހާރު ވަނީ އަނެއްކާ ވެސް ހިފެހެއްޓުމެއްނެތި ހަރަދުކުރަން ދޫކޮށްލާފަ އެވެ.

މިކަމާ އެންމެ ބޮޑަށް އުފާކުރި އެއް ބަޔަކީ މަޝްހޫރު ގިނަ ކުޅުންތެރިން ތިބި އިނގިރޭސި ވިލާތުގެ ވަރުގަދަ މެންޗެސްޓާ ސިޓީ އެވެ. މި ޓީމުގެ ވެރިޔަކީ ޔޫއޭއީގެ މަހުޖަނު ހަލްދޫން އަލް މުބާރިކެވެ. އޭނާ ބުނީ ހުސްވި ސީޒަނުގައި އެހެން ޓީމުތަކަށްވުރެ ފަހަތަށް ސިޓީ ވެއްޓުނީ ޔޫއޭފާއިން 49 މިލިއަން ޕައުންޑަށްވުރެ އިތުރަށް ހަދުކުރަން އެ ކުލަބަށް ހުއްދަނުދިނުމުން ކަމަށެވެ.

"އެކަން މިހާރު ބަދަލުވެއްޖެ. މި ޓީމު ވަރުގަދަ ކުރާނެ ކަމުގެ ޔަގީންކަން އަހަރެންދެން. މި ޓީމު ކުރިއަށްވުރެ ވަރުގަދަވާނެ. އަންނަ ސީޒަނާމެދު އަހަރެން މިހުރީ ވަރަށް އުއްމީދާއެކު. މިދިޔަ އަހަރު އަހަރުމެންނަށް ޔޫއޭފާގެ ގަވާއިދުގެ ސަބަބުން (ކުޅުންތެރިން ގަންނަން) އުނދަގޫވި. މިހާރު އެކަމެއްނެތް. އަހަރުމެން އުއްމީދު ކުރަނީ ޓްރާންސްފާ މާކެޓުގައި ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށް،" މުބާރިކް ބުންޏެވެ.

އިނގިރޭސި މީޑިޔާތަކުން ބުނާގޮތުގައ ސިޓީން ވަނީ 150 މިލިއަން ހަރަދު ކުރަން ނިންމައިފަ އެވެ. އެ ކުލަބުން ގަންނަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލްގެ ރަހީމް ސްޓާލިން އާއި ޔުވެންޓަސްގެ ޕައުލް ޕޮގްބާ އަދި ވޮލްފުސްބާގްގެ ކެވިން ޑެބްރޫނޭ ވެސް ހިމެނެ އެވެ.

އިނގިރޭސި ޗެމްޕިއަނުންގެ ގޮތުގައި ސީޒަނަށް ކުރިމަތިލި ސިޓީ އަށް މިދިޔަ ސީޒަނުގައި ތައްޓެއް ނުލިބެ އެވެ. ޗެމްޕިއަންސް ލީގުން ވެސް ކެޓީ ކުއާޓާ ފައިނަލުގައި ބާސެލޯނާ އަތުންނެވެ.