ރިޕޯޓް

ޑޮލަރު ދެންޏާ ބޮޑުބޭބެ، ކުންފުނިތަކުގެ ޒިންމާއެއްނެތް؟

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްޗަށް އޭސީސީން ކުރި ތަހުގީގުގެ ރިޕޯޓް އެއޮތީ އާންމުކޮށްފަ އެވެ. އެކި ސަބަބުތަކާހުރެ ނަމަވެސް އެއް ބަޔަކު ކަންބޮޑުވެގެން ދެކޮޅަށް ދުވި އިރު، އާންމުންގެ ތެރެއިން ގިނަ ބަޔަކު އެ ރިޕޯޓަށް ފާޑުކިޔުންތައް ވެސް އޮއްސާލި އެވެ. ދިގު 700 އަށްވުރެ ގިނަ ސޮފްހާގެ ރިޕޯޓަކުން ހިޔާނަތްތެރިއަކު ނުފެނުނެވެ. ހަގީގަތުގައި އެ ރިޕޯޓްގައި ކުރިން ނޭނގޭ މާގިނަ އާ ވާހަކައެއް ނެތޭ ބުނުމުގެ ޖާގަ ލިބެނީ ވެސް އެހެންވެގެނެވެ.

ނަމަވެސް، ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތައް، ނުއަގުގައި ވިއްކައިގެން، އެއިން ލިބުނު ފައިސާ ދައުލަތަށް ދިނުމުގެ ބަދަލުގައި، އެސްއޯއެފް ކުންފުނީގެ އެ ކައުންޓުތަކަށް ޖަމާކޮށް، ރޯމާ ދުވާލު އެ ހިޔާނާތް ހިނގައި ދިޔަ ގޮތް އެ ރިޕޯޓުން ތިލަ ކޮށްދީފައިވާކަން ކަށަވަރެވެ.

ރިޕޯޓުގައިވާ ގޮތުން އެ ފައިސާތައް ލޯންޑާ ކޮށްފައިވަނީ އެސްއޯއެފުން ބޭނުންކުރި ބޮޑު ނެޓްވޯކެއްގެ ތެރެއިންނެވެ. އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކު ރުމަށްފަހު، އެ ފައިސާ ޖަމާކުރީ 155 މީހުންނަށެވެ. އެމީހުންގެ ނަންތައް ހިމެނޭ ލިސްޓާއި އެސްއޯއެފްއާ ކުރި މުއާމަލާތްތަކުގެ ތަފްސީލުތައް ވެސް ރިޕޯޓްގައި ވެއެވެ.

ހައްތަހާވެސް ޑޮލަރު ގަތުމުގެ މުއާމަލާތް

އެސްއޯއެފަށް ވެއްދި ދައުލަތުގެ ފައިސާގެ ތެރެއިން ލައްކައިންނާއި މިލިއަނުން މަޝްހޫރު ކުންފުނިތަކާއި، ވިޔަފާރިވެރިންނާއި، މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓުތަކަށް ޑޮލަރު ވަދެފައިކަން މިހާރު އެނގެ އެވެ. އެކަމަކު ޑޮލަރު ވިއްކުމުގެ ލައިންސަސެއްހާ މިންވަރުވެސް ނެތް ކުންފުންޏަކުން އެތައް މިލިއަން ޑޮލަރެއް ދޮވެ ސާފުކޮށްލުމުގައި ނުސީދާ ގޮތުން ނަމަވެސް އެ ކުންފުނިތައް "ބައިވެރިވެފައިވަނީ" ޑޮލަރު "ގަންނާ" ށެވެ.

އެސްއޯއެފްއަކީ މާގިނަ ވިޔަފާރިތަކެއް ކޮށްފައިނުވާ ކުޑަކުޑަ ކުންފުންޏެއްކަން ސާފުވާއިރު، ކުއްލި މުއްސަނދިކަމެއް ލިބިގެން، ރައްޔިތުން ހިއްސާވާ ކުންފުނިތަކާއި ނަންހިނގާ ވިޔަފާރިވެރިން ވެސް ޑޮލަރު ގަނެފައިވަނީ ހޭ ވެސް އަހާނުލަ އެވެ. މިއީ ކަޅު ބަޒާރުގައި ޑޮލަރު ގަތުމުގެ އަނދިރި ފަރާތެވެ. އެއީ އެކަން އޮންނަ ގޮތެވެ. އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެވެ. ރައްޔިތުން ހިއްސާވާ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ ވެސް ވަނީ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި މަޅީގައި ޖެހިފަ އެވެ. ސުވާލު އުފައްދަންޖެހެނީ އެ ހިސާބުންނެވެ.

ޑޮލަރު ގަންނައިރު ކުންފުނިތަކުގެ ހަމަ އެއްވެސް ޒިންމާއެއް ނެތީ ހެއްޔެވެ؟ ރާއްޖޭގައި ޓެރަރިޒަމަށް ފަންޑު ކުރުމަށް ބޭނުންކުރާ ފައިސާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ލޯންޑާ ކުރާ ކަމުގެ ތުހުމަތު ކުރާއިރު، "ޑިއު ޑިލިޖެންސް" އާއި ވިޔަފާރީގެ "ބެސްޓް ޕްރެކްޓިސް" އުސޫލުތަކަށް ފުރަގަސްދީގެން ތިބެ ޑޮލަރު ހޯދަންވީ ހެއްޔެވެ؟

ކުންފުނިތައް ގޯހެއް ނޫން!

ރާއްޖޭގައި ނަން މަޝްހޫރު އެއް ޓްރެވަލް ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވި ގޮތުގައި، ޑޮލަރު ހޯދުމުގެ މުޅި ނިޒާމް ބައްޓަންވެފައި އޮންނަނީ ކަޅު ބާޒާރުގައި އެކަން ކުރެވޭ ގޮތަށެވެ. ވިޔަފާރިންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ރާއްޖޭގެ ބޭންކުތަކުން ޑޮލަރު ފޯރުކޮށް ނުދެވޭއިރު، ވިޔަފާރިކުރަން ބޭނުންނަމަ ކޮންމެ ގޮތަކަށް ވިޔަސް ޑޮލަރު ހޯދަން މަޖުބޫރު ވެއެވެ.

އަޅުގަނޑު މާދަން މިދަނީ ދަބަހަކަށް 30 މިލިއަން ޑޮލަރު ލައިގެން އެސްޓީއޯއަށް، ގޮސް މިބުނަނީ މިހުރީ ވިއްކާ ޑޮލަރޭ، ބޭންކު ރޭޓްގައި ވިއްކާނަމޭ، ދޭށޭ ދިވެހި ރުފިޔާ، އަޅުގަނޑުގެ ސުވާލަކީ އެ ޑޮލަރު އެސްޓީއޯއިން ގަންނާނެތޯއޭ،
ކުންފުޏެއްގެ އިސްވެރިއެއް

ނަން ހާމަ ނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކެވި އެ ވިޔަފާރިވެރިޔާ ގަބޫލުކުރައްވާ ގޮތުގައި، އޭސީސީގެ ރިޕޯޓް ވަރަށް ބޭއިންސާފެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ ޑޮލަރުގެ ސައްހަ މުއާމަލާތްތަކެއް ކުރި އެތަކެއް ކުންފުނިތަކަކާއި މީހުން އެ ރިޕޯޓުން ފަލީހަތްކޮށް އަބުރު ނަގާލާފައިވުމެވެ.

"ދެން މިދައްކަނީ ކުންފުނިތަކުން ބަލަންޖެހޭ ވާހަކަ، އަޅުގަނޑުމެން ޑޮލަރު ނުލިބިގެން އަބަދު މިދުވަން ޖެހެނީ، އަނެއްކާ އެސްއޯއެފްއަކީ އޭރު ގައުމުގައި ތިބި އެންމެ ބޮޑެތި ވެރިންގެ ބްލެސިންގް ލިބިގެން ހިންގި ކުންފުންޏެއް، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެ ކުންފުންޏާއި މުއާމަލާތް ނުކުރަން ނާންގާހާ ހިނދަކު، އެ ކުންފުނިން ޑޮލަރު ގަތުން އަޅުގަނޑަށް ގޯހެއް ނުކުރެވޭނެ،" އޭނާ ފާހަގަކުރި އެވެ. އެ ވިދާޅުވާ ވާހަކައަކީ، މަނީ ލޯންޑަރިންގް ފަދަ ނާޖާއިޒު ކަންކަމަށް ފާރަވެރިވެ އެކަން ހުއްޓުވަން ތިބޭ މުއައްސަސާތަކަށް މި ހިޔާނާތް "ނޭނގޭ" އިރު، އަމިއްލަ މީހުންގެ ކުންފުނިތަކަށް އެކަން ބަލަން ލާޒިމެއް ނޫނޭ އެވެ.

"މިސާލަކަށް ގަހެއް ކަނޑަން ހަވާލު ކުރީމަ، ގަހުގެ ކުރިތަކަކުން ނޫން ދެއްތޯ ފަށާނީ، ގަސްކަނޑާނީ ބުޑުން ދެއްތޯ؟ އޭރުން ދެއްތޯ ގަސް ވެއްޓޭނީ،" އޭސީސީ ރިޕޯޓުން ވަރަށް ގިނަ ކުންފުނިތަކުގެ އަގު ވައްޓާލާފައިވާކަން ފާހަގަ ކުރައްވަމުން އޭނާ މިސާލު ދެއްކެވި އެވެ.

އޭނާގެ ވާހަކަތަކަށް ބަލާއިރު، އެމްއެމްޕީއާރްސީ ހިޔާނާތުގައި ވެސް މާބޮޑަށް އަޅާނުލެވި އޮތް ޑޮލަރުގެ ވިޔަފާރީގެ ތެރޭގައި ބެދުނު ކުންފުނިތަކެއް ތިބޭނެ ކަމާމެދު ޝައްކެއް ނެތެވެ. އެސްއޯއެފުން ހިޔާނާތުގެ ފައިސާ ލިބުނު އެންމެންނަކީ ހިޔާނާތްތެރިން ނޫންކަމަށް އޭސީސީން ވެސް ވަނީ ބުނެ އެވެ.

ކުންފުނިތަކުގެ "އެތިކްސް" އޮންނަންޖެހޭ!

ޑޮލަރު ގަތުމުގެ ނަމުގައި ހިނގި މުއާމަލާތްތަކެއް ކަމަށް ގިނަ ބަޔަކު ބުނާއިރު، "ވަށައިޖެހޭ" -- ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ ދިނުން -- މުއާމަލާތްތައް ހިންގާފައިވަނީ އެ ލިސްޓުގައި ހިމެނުނު މަދު ކުންފުނިތަކަކުންނެވެ. ނަމަވެސް، ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ނަން މަޝްހޫރު ބޮޑެތި އަމިއްލަ ކުންފުނިތަކުން ޑޮލަރު ގަންނައިރު ޒިންމާއެއް އޮންނަންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް އެތެރެ ކޮށްގެން ވިއްކާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި، ހަމައެކަނި ޑޮލަރުގެ މުއާމަލާތެކޭ ބުނެގެން ޒިންމާއިން ރެކެވޭނެ ޖާގައެއް ކުންފުނިތަކަކަށް ވެސް ނޯންނާނެ އެވެ. ކުންފުނިތަކުން ކުރާ މުއާމަލާތްތަކުގައި "ބިޒްނަސް އެތިކްސް" އޮންނަންޖެހޭ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ކުންފުންޏަކާއެކު ވިޔަފާރި ކުރަން ބޭނުންވާ އަމިއްލަ ކުންފުނިތަކުން އެތަކެއް މަރުހަލާއެއް ފުރިހަމަ ކުރަންޖެހޭ އިރު، އެސްއޯއެފްގެ "ޑިއު ޑިލިޖެންސް" ހަދާފައި ނުވުމަކީ ސުވާލު އުފެއްދޭނެ ކަމެކެވެ.

"މިސާލަކަށް އަޅުގަނޑުމެން އެސްޓީއޯއަށް މުދާ ވިއްކަންޏާ އެބަޖެހޭ ވެންޑާއެއް ގޮތުގަ ރަޖިސްޓްރީވާން، އެކަމަށް އެބަ ބޭނުންވޭ ވިޔަފާރީގެ ހުއްދަތަކާއި، ލައިސެންސްތަކާއި، ބޯޑު ރިޒޮލިއުޝަންތަކާއި، މިހެން ގޮސް ކިތަންމެ އެއްޗެއް، ދެން ސުވާލަކީ، މިކަމުގައި ކިއްވެތޯއޭ އެއިން އެއްވެސް ކަމެއް ފުރިހަމަ ނުކުރީ،" އޭނާ ސުވާލު އުފެއްދެވި އެވެ.

މިފަދަ ބޮޑު ނެޓުވާކެއްގެ ތެރެއިން ރައްޔިތުންގެ 1.3 ބިލިއަން ރުފިޔާ "ކާލި" އިރު އެކަމުގައި ނޭނގި ނަމަވެސް ބައިވެރިވެވިފައިވާ ކުންފުނިތަކަށް މިއީ ކުރިމަތިވާނެ ސުވާލެކެވެ.

"އަޅުގަނޑު މާދަން މިދަނީ ދަބަހަކަށް 30 މިލިއަން ޑޮލަރު އަޅައިގެން އެސްޓީއޯއަށް، ގޮސް މިބުނަނީ މިހުރީ ވިއްކާ ޑޮލަރޭ، ބޭންކު ރޭޓުގައި ވިއްކާނަމޭ، ދޭށޭ ދިވެހި ރުފިޔާ، އަޅުގަނޑުގެ ސުވާލަކީ އެ ޑޮލަރު އެސްޓީއޯއިން ގަންނާނެތޯ، އެހެންވީއިރު އަޅުގަނޑަކަށް ނުފެނޭ އެސްއޯއެފުން ޑޮލަރު ގަތުމުގައި މާބޮޑު ތަފާތެއް،" އޭނާ ވިދާޅުވި އެވެ.

ކޮންމެ ނަޒަރަކުން ބެލި ނަމަވެސް، މި ހިޔާނާތުގައި ސާފުވާ އެއް ކަމެއް އެބަ އޮތެވެ. މަނީ ލޯންޑަރިންގް އާއި ކޮރަޕްޝަން ހުއްޓުވަން ގާނޫނީ ޒިންމާ ބޮލުގައި އެޅިފައިތިބި ދައުލަތުގެ މުއައްސަސާތަކާއެކު މުޅި ނިޒާމް ފެއިލްވެފައިވާ ކަމެވެ. އަދި ޑޮލަރު ގަތުމުގެ ވިޔަފާރިކޮށްގެން ނޭނގިތިބެ ނަމަވެސް، އެތަކެއް ކުންފުންޏެއް މިވަނީ އެކަމުގައި ރަނގަޅަށް ވެސް ބެދިފަ އެވެ.