ވާހަކަ

ބޭނުންވަނީ ޔާރާ

(25 ފެބްރުއަރީ 2019 އާ ގުޅޭ) -- ޖެނީގެ ގާތުގައި އިން ހުސްގޮނޑި ދަމާލާފައި ޝަރަފު އިށިންނަން އުޅުމުގެ ތެރޭ ޖެނީގެ އަތުގައިޖެހި ހިފަހައްޓައިގެން އިން ސައި ޖޯޑު ވެރުނެވެ. ޝަރަފް އަވަސްއަވަހަށް މާފަށް އެދުނެވެ. އަދި ޖެނީގެ ކުރިމަތީ އިން މަންހާ އަވަސްވެގަތީ ކަބަޑުގައި ހުރި ޓިޝޫ ޕެކެޓުން ޓިޝޫ ނެގުމަށެވެ.

"އިޓްސް އޯކޭ.........." ޖެނީ އަވަސް އަވަހަށް ބުނެލިއެވެ.

"މި ދޮންބެ ކަންތަކޭ އެއީވެސް" ޝަރަފް އަވަހަށް ޝިމާދުގެ ބޮލުގައި އެކަންވެސް އަޅުވާލިއެވެ.

މޭޒުމަތީ ބަހެއްނުބުނެ އިނީ ހަމައެކަނި ވިޝާލްއެވެ. އޭނަ އިނީ އެހެންމީހުންގެ ވާހަކަތަކާއި ހަރަކާތްތަކަށް ބަލާށެވެ. މަންހާ އަވަސް އަރުވާލާފައި ޖެނީއަށް އެހީތެރިވަމުންދިޔައެވެ. ނާޒިޔާ ހުރިހާ ކުދިންގެ ސަކަރާތުގައި ބައިވެރިވަމުން އެއްވަރަކަށް ހީލަ ހީލަ އިނެވެ.

މުޅި ދުވަސް ނިމިގެން ދިޔައިރު މަންހާ އޭނަގެ އެކުވެރިންނަށް ގުޅާފައި އިންޓަރވިއު ދިޔަގޮތް ކިޔާދިނެވެ. އަދި އޭނަ ދާން ބޭނުންވި އޮފީހުގައި ހުސްވަޒީފާއެއް އޮއްވައި ފެނިއްޖެ ކަމުގެ އުފާވެރި ހަބަރުވެސް ދިނެވެ. މަންހާ އުފަލުން އޮވެ އެނދުގައި ދެކޮޅަށް ފުރޮޅެމުންދިޔައެވެ. އޭރު ކަންފަތުގައި އޭނަގެ ފޯނު ޖައްސާލައިފައި ވާއިރު އޭނަ އެއުޅެނީ ކޮންޕަރެންސް ކޯލްއެއްގައެވެ. އަލީޝާ އާއި އަމާނީ އާއި ޝިފްނާ އާއި ތިންކުދިންގެ މެދުގައެވެ. ހުރިހާ ކުދިންވެސް އިންތިޒާރު ކުރަމުންދިޔައީ މަންހާ ވަޒީފާއަށް އެދި ފޮނުވި އީމެއިލްގެ ޖަވާބު އަންނާނެ ގޮތަކާއި ދޭތެރޭއެވެ. ހުދު މަންހާވެސް އިންތިޒާރު ކުރަމުންދިޔައީ އެވަގުތަކަށެވެ. ޔަގީނުންވެސް ޖެހިގެން އޮތީ ހުކުރު ދުވަހަށް ވުމާއިއެކު އެދުވަހު ނުގުޅާނެކަން މަންހާއަށްވެސް އަދި އޭނަގެ ރަޙުމަތްތެރިންނަށްވެސް އެނގެއެވެ.

ހުކުރު ދުވަހުގެ ކަންތައްތައް ރޭވިފައި އޮތީ ނާޒިޔާމެންގޭގައެވެ. މެންދުރުގެ ކެއުމަށް ދިޔަ މަންހާގެ ޢާއިލާއަށް ގެއަށް އާދެވުނީ ރޭގަނޑުގެ ކެއުންވެސް ނިންމާލައިގެންނެވެ. އެކަނިވެރިކަން އިޙްސާސް ކުރެވިފައިވާ ޖެނީއަށް މަންހާގެ އެކުވެރިކަން ވަރަށް ކަމުދިޔައެވެ. އޭނަ މަންހާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ގޮސް އެކިއެކި އެއްޗެހި ދައްކާ ހެދިއެވެ. މަންހާ އާއި އޭނަގެ ކުރީގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރިއެވެ. އޭގެ ސަބަބުން މަންހާއަށްވެސް ޖެނީއަކީ ކޮންކަހަލަ މިޒާޖެއްގެ އަންހެން ކުއްޖެއްކަން ދެނެގަންނަން އެނގުނެވެ.

ގެއަށް އާދެވުނު އިރު މަންހާވަނީ ވަރަށް ވަރުބަލިވެފައެވެ. އެނދުމައްޗަށް ވެއްޓުނު ގޮތަށް އޭނައަށް ނިދުނީ ކިހިނެތްކަމެއް ނޭގުނެވެ. ހޭވެރިކަމެއް ވީ އަނެއްދުވަހަށް އިރުއަރަން ގާތްވެފައިވަނިކޮށެވެ. އެވެސް ފަތިސްނަމާދު ގަޑިއަށް އެލާމް ވާގޮތަށް ސެޓުކޮއްފައިވާ ގަޑިން އެލާމް އަޅަންފެށުމުންނެވެ. އެނދުން ތެދުވެ ދެއަތް ފުޅާކޮއްލަމުން އުޅާހަށް ދެމިލިއެވެ. އޭރުވެސް މަންހާގެ އަތުގައި ސްޕޮންޖު ބޮބް ބާލީސް އޮތެވެ.

އެހެން ދުވަސް ދުވަހާއި ހިލާފަށް މަންހާ ފަތިސް ނަމާދުކޮއްލައިގެން ކިރުތަށި ބުއިމުގެ ބަދަލުގައި އަނެއްކާވެސް ބަންޑުން އެނދުމައްޗަށް ވެއްޓިގަތެވެ. އޭނަގެ ލޮލުން އަދިވެސް ނިދި ނުފިލާ ކަހަލައެވެ. ވަރުބަލިކަމާއިއެކު ދެފަރާތުގައި އޮތް ބާލީހުގައި ދެއަތުން ބައްދާލަމުން ދެލޯ މަރާލިއެވެ.

"މަންހާ..........ދަރިފުޅު ތިރިއަށް ނާންނާތި މަންމަ ހަމަ ބަލާލީ ކިހިނެތްވީތޯ، ހުރިހާ ކަމެއްވެސް ރަނގަޅުތަ؟" ވަސީމާ ދޮރުހުޅުވާލާފައި މަންހާގެ ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ.

"ވަރަށް ކަންނެތް ދުވަހެއް، ނިދާލާ ހިތްވަނީ އަދިވެސް، އެހެންވެ އަނެއްކާވެސް އޮށޯވެވުނީ............މަންމަ ކަމަކުތޯ" މަންހާ ވަސީމާ އާއި ދިމާލަށް އެނބުރިލަމުން ވާހަކަދެއްކިއެވެ.

"ނޫން، ކިރުތަށި ހިފައިގެން މިއައީ...........ދެން ތެދުވޭ ބޯލަން، މަންމައަށް މައްސަލައެއްނެތޭ ދަރިފުޅު ނިދާލަން އޮތަސް............." ވަސީމާގެ އަތުގައި އިން ކިރުތަށީގައި މަންހާ އަޅައިގަތީ ދެނެވެ. އޭނަ މަޑުމަޑުން ތެދުވެ އެނދުގައި ދެފައިވައްކޮއްލައިގެން އިށީނެވެ. ވަސީމާ އައިސް އޭނަގެ ދާދިގާތުގައި އިށީނދެ ކިރުތަށި ދިއްކޮއްލިއެވެ.

"ދަރިފުޅު ގާތު މަންމަ ހިޔާލެއް ފާޅުކޮއްލަން ވަރަށް ބޭނުންވެފަ މިހުންނަނީ، މީ ރަނގަޅު ވަގުތެއްތަ....." ވަސީމާ ދިއްކޮއްލި ކިރުތަށީގައި މަންހާ ހިފުމާއިއެކު ބުނެލިއެވެ.

"ހޫމް........." މަންހާ ކިރުތަށީގައި ތުންޖަހަމުން ބުނެލިއެވެ.

"މިހާރު ދެން ދޮންބެގެ ކައިވެނީގެ ވާހަކަތާ އަބަދުމެ މިދެއްކެނީ، އެހެންވެ މަންމަ އަހާލަން ބޭނުންވަނީ ދަރިފުޅު ކައިވެންޏެއް ކުރަން ވިސްނަނީ ކިހާތާކުތޯ........މިދެން މަންމަ އެހެން އަހާވާހަކައެއް ނޫން އިނގޭ، މަންމަމެންގެ ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވީމަ ވިސްނޭނެތާ ދޯ........އެހެންވެ އަހާލެވުނީ" ވަސީމާ ވަރަށް ވިސްނަމުން އިނދެ ޖުމްލަތައް އަތުރާލިއެވެ.

"މަންމާ..........ދޮންބެގެ ކައިވެނި ކުރެވުނެއް ކަމަކު އަޅުގަނޑު އަދި ކައިވެނި ކުރާކަހަލަ ހިޔާލެއް ނުކުރަން، އަޅުގަނޑު މިހާރު ބޭނުންވަނީ ރަނގަޅު ވަޒީފާއަކަށް ދާން، ދުވަސްކޮޅަކު މީހުންގެ ތެރޭ އުޅެ ކިޔެވި އެއްޗެހީގެ ބޭނުންހިފަން، ބައްޕަ އަބަދުވެސް ބުނެއެއްނު، މުޖުތަމަޢުއަށް ފައިދާ ކުރުވަނިވި ދަރިއަކަށް ވާންވާނެއޭ............އަޅުގަނޑުވެސް ބޭނުންވަނީ ދޮންބެ އާއި ތިއްތޭ ގޮތަށް އޮފީހަށް ދާން..........މޮޅު މީހަކަށް ވާން...........އޭގެ ފަހުގައެއްނު ކައިވެންޏެއް އަންނާނީ.........." މަންހާ ކިރުތަށިން އެތިފޮދެއް ބޯލުމަށްފަހު ތަށި އަތަށް ލައިގެން އިނދެ ވާހަކަދެއްކިއެވެ. ވަސީމާއަށް އޭނަގެ ހުވަފެންތަ ކިޔާދިނެވެ. ކުރިމަގު ބައްޓަން ކުރެވިފައިވާ ގޮތުގެ ޕްލޭން ކިޔާދެމުންދިޔައިރު އެމޫނުގައި އިތުރު އުޖާލާކަމެއްވެއެވެ.

"މަންމައަށް އެނގޭ ދަރިފުޅަކީ ރަނގަޅު މޮޅު ކުއްޖެއްކަން، ކަތިފިޔަވަޅެއް ނާޅާނެކަން............ތީ ދަރިފުޅު ބޭނުންވާ ގޮތްކަމުގައިވާނަމަ މަންމައަށްވެސް އެންމެ ރަނގަޅު..........އެކަމަކު ދަރިފުޅުވެސް ކައިވެންޏެއް ކުރަން މަންމަ ބޭނުން އެހާ ދުވަސްނުކޮށް..........މިބުނީ އުމުރުން އެހާ މައްޗަށް ނުދަނިސް އޭ" ވަސީމާ ހިނިތުންވެލަމުން މަންހާގެ ބުރަކަށީގައި ފިރުމާލިއެވެ. މަންހާ ހުސްކޮއްލި ކިރުތަށި ވަސީމާގެ އަތަށް ދިނުމާއިއެކު އޭނަ ތެދުވެ ހިނގައިގަތީ އެކޮޓަރިން ނުކުތުމަށެވެ.

ވަސީމާ އާއި ދެމެދު ދެކެވުނު ވާހަކަތަކުން މަންހާއަށް ކަމެއް ހަނދާންވެގެން އެނދުމަތިން ތެދުވެ ޗާރޖަށް ޖަހާފައިވާ ފޯނުނެގިއެވެ. އަދި އަވަސް އަވަހަށް ކޮމްޕިއުޓަރ ޗެކްކޮއްލިއެވެ. ހަވީރު ވެބްސައިޓުގައި ވަޒީފާއަށް އިއުލާން ކޮއްފައި އިން މަންހާއަށް ހާއްސަ އޮފީހުގެ އިއުލާން އިނީ ދުވަސް ހަމަވެފައެވެ. އޭނަގެ ހިތް ކުއްލިއަކަށް އަވަސްވިއެވެ.

"އޯނޯ...........އަނެއްކާ އެހެން ކުއްޖަކަށް ޗާންސް ލިބުނީތަ، އަޅޭ............އެއީ އެންމެ ކުއްޖަކު ބޭނުންވެގެން ކޮއްފައިން އިއުލާނެއް، ވަރަށް ގިނަ ކުދިން އެޕްލައި ކުރާނެކަންނޭގެ، އެތަނުން ގުޅާނީ ކޮންއިރަކުންބާ..........ކާކުބާ ގުޅާނީ........އޭނަބާ..............އޯ...........އެހެން ހިތަށް އެރިޔަސް މިހިތަށް މިވާގޮތެއް، ކީއްވެތަ ކޮންމެ ފަހަރަކު އަހަރެން ހަނދާން މިނެތެނީ...............އެއީ މީހެއްގެ ހައްގެއްކަން އެނގޭއިރުވެސް އެކަމަށް ފަރުވާލެއް ނުބެހެއްޓިގެން މިއުޅެނީ ކީއްވެތަ...............ހައަހަރު އެހަނދާންތަކާއި ދުރުވަން މަސައްކަތްކުރިން، އެކަމަކު ރެޔާއި ދުވާލު ހުސްވެގެން ދިޔައީ އެހަނދާނުގައި، ކޮންމެވެސް ދުވަހަކުން އަހަންނަށް ލިބޭނެކަމުގެ އުއްމީދުގަ............ޔާ ﷲ މިއަޅާއަށް ކެތްތެރިކަން ދެއްވާށި............އަހަރެންގެ ހިތް ނެގިނެގިފަ ޖެހޭއިރު ހީވަނީ ޅަދުވަސް އެނބުރިއަތުވެއްޖެއޭ ބުނާހެން.............އެހިތުގައި ކޫރެއްވެސް ނޭޅޭފަދަ............މީ ކޮންކަހަލަ އަޖައިބެއް............އަޖައިބުގެ މައްޗަށް ހުރި އަޖައިބެއް.............ހެ ހެ ހެ ހެ ހެ ............އަހަރެން މޮޔަވެދާނެ، ނޫން.........ނޫން، ދެން އިތުރަކަށް އަހަރެން ވާނެ މޮޔައެއް އޮންނާނެތަ، މިހާރުވެސް މިއުޅެނީ ދިވާނާއެއް ފަދައިން ވިއްޔަ..........ހެ ހެ ހެ ހެ ހެ" މަންހާ ކޮމްޕިއުޓަރ ގޮނޑީގައި ލެނގިލައިގެން އިނދެ ހިޔާލުތަކުގެ ތެރޭ ފީނަމުންދިޔައެވެ. އަދި ދޭތެރެއަކުން ހިތަށް އަރާ އެއްޗެހިން ހީލައެވެ.

"ހޭ ސިސް، ބިޒީތަ؟ ތިއްތޭ ވާހަކައެއް ބުނަން ވެގެން..........." ޝަރަފް ފޯނުން މަންހާއަށް ގުޅާލުމަށްފަހު އަހާލިއެވެ.

"ނޫން މައި ހެންޑްސަމް ބްރާދަރ، އަނެއްހެން ބިޒީއެއް ނޫން...........ކީއްކޮއްދޭންވީ" ވަސީމާއަށް މެންދުރުގެ ކެއުންތައްޔާރު ކުރުމުގައި އަތްގާތްކޮއްދޭން ހުރި މަންހާ ފޯނުންވާހަކަދެއްކިއެވެ.

"ކާކު، ދޮންބެތަ..........." ވަސީމާ ރައިސް ކުކާރއިން ބަތްއަޅަމުން އަހާލިއެވެ.

"ނޫން، ތިއްތޭ" މަންހާ ފޯނުގައި ހުރެ ވަސީމާގެ ސުވާލަށް ޖަވާބު ދިނެވެ.

"މަންކޮ، ޔޫ ގޮޓް ދި ޖޮބް، އެމީހުން އިރުކޮޅަކުން ގުޅާނެ، މާދަމާ ޖޮބަށް ނުކުންނަންވީ............ނިއުސް ލިބުމާއެކު އަވަހަށް މިގުޅީ........" ޝަރަފްގެ އަޑުންވެސް އޭނަ އުފާވެފައި ހުރިވަރު އެނގުނެވެ.

"ރިއަލީ...........ބަޓް ތިއްތޭ........" މަންހާ އެއްޗެއް ބުނަން އުޅެފަވެސް ހުއްޓާލިއެވެ. އޭނަގެ މޫނުމަތިންވެސް އަޑަކުންވެސް އުފާވެރިކަމެއް ނުފެނުނެވެ.

"ކިހިނެތްވީ؟" ޝަރަފް އަވަހަށް އަހާލިއެވެ.

"ކަމެއްނުވޭ، ދެން އަވަހަށް އާދޭ މެންދުރު ކާން ގެއަށް، ދޮންބެވެސް އިރުކޮޅަކުން އަންނާނެ" މަންހާ އުފާވެރިކަން ދައްކަން މަސައްކަތްކުރަމުން ފޯނު ބޭއްވިއެވެ. އޭނަ ވަސީމާ ގާތު އެއްވެސް އެއްޗެއް ނުބުނެ ކުރިއެކޭވެސް އެއްގޮތަށް އަތްގާތް ކޮއްދެމުންދިޔައެވެ.

މަންހާއަށް އިރުއިރުކޮޅާ ފޯނަށް ބަލާލެވެއެވެ. ހިތާ ހިތާ އޭނަ އިންތިޒާރު ކުރަމުންދިޔަ ފޯންކޯލް އަންނާނެނަމައޭ ދުޢާކުރަމުންދިޔައެވެ. އެހެންނަމަވެސް އޭނައަށް ގުޅީ އިންޓަރވިއުއަށް ދިޔަތަނުންނެވެ. ވަޒީފާ ހަމަޖެހިފައިވާކަމާއި މާދަމައިން ފެށިގެން ވަޒީފާއަށް ޖޮއިން ކުރަންވީކަމުގައި ބުންޏެވެ. މެންދުރު ކެއުމަށް ގެއަށް އެންމެން ހަމަވިއިރު އެކެއް ޖަހަނީއެވެ. ޝިމާދު އާއި ސަޢީދު ދިޔައީ މޫސަ ކަމަކު ބުނެގެން އެކަންތައް ކޮއްދޭށެވެ. ޝަރަފްއަކީ ހުކުރެއް ހޮނިހިރެއް އޮންނަ މީހެއް ނޫނެވެ. ހިތަށް އަރައިފިއްޔާ އެދުވަސްތަކުގަވެސް އޭނަ އޮފީހަށް ގޮސްދާނެއެވެ. ކާމޭޒުދޮށުގައި އެންމެން ހަމަވުމަށް އެހާގިނައިރު ނެގީ އެހެންވެއެވެ.

ކާމޭޒުމައްޗަކީ އާމުކޮށް އާ ވާހަކަތަކުގެ ކުރި ފަޅައިގެން ދާ ތަނެކެވެ. އެގޮތުން މަންހާގެ ވަޒީފާ ހަމަޖެހުނު ވާހަކަވެސް ޝަރަފު މުޅި އާއިލާއާއި ހިއްސާކުރީ މެންދުރުގެ ކައުމުގެ ތެރެއިންނެވެ. ސަޢީދު އާއި ވަސީމާގެ އިތުރުން މުޅި އާއިލާގެ ހުރިހާ އެންމެންވެސް ތިބީ އުފަލުންނެވެ.

"ތިއްތޭ ހީކުރީ އޭރު މަންމަ ގާތު ބުނާނެ ކަމަށް" ޝަރަފު ބުނެލިއެވެ.

"ބުންޏަސް ސަލާމަތެއް ނޯންނާނެ، ނުބުނީ އެސަޕްރައިޒިންގ ހަބަރު ދޭމީހަކީ ތިއްތޭ ކަމުގައި ހަދަންވެގެން، އާފްޓަރ އޯލް މީ ތިއްތޭ ހޯދަދިން ޖޮބެއްނު............ތޭންކްސް" މަންހާ ހިނިތުންވެލަމުން ބުނެލިއެވެ.

މެންދުރުފަސްވެ ތިނެއްޖަހަނިކޮށް މަންހާއަށް ފޯންކޯލެއް އައެވެ. ލޭންޑް ލައިން ނަންބަރަކަށް ވުމާއިއެކު އެއީ ކޮންތާކުން އައި ފޯންކޯލެއް ކަމެއް ނޭގިހުރެ ފޯނުނަގާ ހެލޯއޭ ބުނެލިއެވެ.

"ހެލޯ..........މީ މޮޑަރން ޑިޒައިން ޕްރައިވެޓް ލިމިޓެޑްއިން، ވަޒީފާއަށް އެދިލައްވާފަ ދޮއްތޯ އޮތީ" އަންހެން ކުއްޖަކު ވާހަކަދައްކަމުންދިޔައެވެ.

"ޔެސް.........އެޕްލައިކޮއްފަ އިންނާނީ" މަންހާ މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ

"މާދަމާ ހެނދުނު ނުވަގަނޑި ބަޔަށް އިންޓަރވިއުއަށް މިކޮޅަށް ދުރުވެދެއްވާ އިނގޭތޯ، އަދި އައި.ޑީ ކާރޑް އާއި ތައުލީމީ ސެޓްފިކެޓްތައް ގެންނެވުން ވަރަށް މުހިއްމު ވާނެ.......ދެންބާއްވަނީ، ހޭވް އަ ގުޑް ޑޭ..........." ފޯނުގެ އަނެއްފަރާތުން ވާހަކަ ދެއްކިކުއްޖާ ބުނަންބޭނުންވި ވާހަކަ ބުނެވުމާއިއެކު ފޯނު ބާއްވައިފިއެވެ.

މަންހާ ހުރީ ހުރިތަނުން ގުޑިލަންވެސް ނޭގިފައެވެ. އޭރު އޭނަގެ ދެލޯ ބޮޑުވެ އަނގަވަނީ ހުޅުވިފައެވެ. ފޯނު ހިފަހައްޓައިގެން ހުރިގޮތަށް އޭނަގެ ކޮޓަރީގައި ހުރީއެވެ. ލޯގަނޑުކުރިމަތީ ހުރުމުގެ ސަބަބުން އޭނައަށް އޭނަގެ އަމިއްލަ ސޫރަ ފެންނަމުންދިޔައެވެ. އެދެލޮލުގެ ތެރެއިން ފާޅުވެ ވިދާބަބުޅަމުން އައި ކަރުނަތިކި އެރީތި ބޮޑު ދެލޮލުގެ ހިމަކޮޅުން ކޯތާފަތުގައި ބީހެމުން ފައިބައިގެން ދިޔައެވެ. އެވަގުތު އެސްފިޔަޖަހާލެވުނެވެ. އެރީތި ދިގު އެސްފިޔަތައްވެސް ތެމިގެންދިޔައެވެ. ކީއްވެކަމެއްނޭގެއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި މަންހާއަށް މޫނުގައި ދެއަތްއަޅާ އެނދުމައްޗަށް ގޮސް ބަންޑުން ވެއްޓިގަތެވެ. އަދި މަންހާއަށް ރޮވެންފެށުނެވެ. އެހިތަށްވަނީ ބުނެދޭން ނޭގޭ ގޮތްތަކެއްވެފައެވެ. ފުންއަސަރުތަކެއް ކުރުވާފައެވެ. އެދެލޮލުން ފައިބައިގަތް މުތީތަކެއްފަދަ ކަރުނަތައް އެކަމުގެ ހެއްކަކަށް ފުދެއެވެ.

ހަވީރު ރަޙުމަތްތެރިންނާއިއެކު ބޭރަށް ދާން ރާވާފައިވާ މަންހާ އެނދުގައި އޮތީ ދެހިޔާލެއްގައެވެ. ބޭރަށް ދާނީ ތޯ ނޫނީ ނޫންތޯ ހިތައް އަރާވަރުންނެވެ. ގަޑި ކައިރިވިވަރަކަށް އެކުވެރިންގެ ފޯނު ކޯލްތައް އަންނަލެއް އަވަސްވިއެވެ. މަންހާ ފޯނު ނުނަގަން އެނދުގައި އޮތްގޮތަށް އޮތީއެވެ.

"ހޭ ގާރލް އާރ ޔޫ އޯކޭ..........ކޮންއިރެއް ގުޅާތާ" އަލީޝާ އާއި އަމާނީ މަންހާގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

"މަން، އަޅެ ހީވޭތަ އަހަރުމެން މިވާހަކަ ދައްކަނީ އޭނަ އާއި ހެން.............." އަމާނީ އުނަގަނޑުގައި ދެއަތްއަޅުވާލަމުން މަންހާއަށް ބަލަންހުރެ ބުނެލިއެވެ.

"ނޯ މޫޑް ގާރލްސް........." މަންހާ އުއްޑުން އެނބުރިލަމުން ސީލިންގްއަށް ބަލަހައްޓައިގެން އޮވެ ބުނެލިއެވެ.

"އޯކޭ..........އޯކޭ.............ޓެލް އަސް.................މިހާރު ކިހިނެތްވީ، އަނެއްކާވެސް ވިޝާލްގެ ކަންތައްގަނޑުތަ" އަލީޝާ އާއި އަމާނީ މަންހާގެ ގާތަށް އެނދުމައްޗަށް އަރާ އިށީނެވެ.

"އިންޓަރވިއުއަށް ގުޅައިފި...........އިޓް ސްކެއަރސް މީ އަލޮޓް، ކީއްވެކަމެއް ނޭގެ ހަމަ ބިރުގަންނަނީ........" މަންހާ އަދިވެސް ވާހަކަދެއްކީ ސީލިންގައަށް ބަލަހައްޓައިގެން އޮވެއެވެ.

"ބަޓް މަންގެ ތިއްތޭ އަހަރުމެން މިގެއަށް ވަންނައިރަށް ބުނެފި މަންކޮއަށް ޖޮބު ލިބިއްޖެޔޯ، އެއީ ދެން ކޮންވާހަކައެއް، ނޫނީ މަން ތިދައްކަނީ ކޮންވާހަކައެއް؟" އަލީޝާ ހައިރާންކަމާއިއެކު ވާހަކަދެއްކިއެވެ.

"އަހަރެން އެމީހަކު ދެކިލުމަށް ކެތްތެރިކަން ކޮޅުން ލާފައިވާ ފަރާތަކީ ކޮބާތަ، އެއޮފީހުން އިންޓަރވިއުއަށް ކީ ވާހަކަ މިބުނީ، މާދަމާ ހެނދުނު ދާންއޮތީ........." މަންހާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

"މިހާރު އެނގިއްޖެ ތިވާ ގޮތެއް، ހިނގާ ތައްޔާރުވެގެން އަހަރުމެންނާއެކު ހިނގާލަން ދަމާ، އޭރުން ބޯހަމަޖެހިދާނެ، އަދިވެސް މަން ނެގެޓިވްކޮށް ވިސްނަންތަ............ނިކަން މީހާ ހަމަޖެހިބަލަ، އިޓްސް އަ ގުޑް ތިންގ އެއްނު އިންޓަރވިއުއަށް ކީކަން، ޔަގީނުންވެސް ޗާންސް ބޮޑުވެއްޖެއެއްނު.............ސޯ ލިބިވެސް ދާނެ، ކަމޯން ތެދުވޭ ދެން" އަމާނީ މަންހާގެ އަތުގައި ހިފާ ދަމަމުން ވާހަކަދެއްކިއެވެ. އަލީޝާވެސް އަމާނީ އާއި އެހީތެރިވަމުން މަންހާ ނަގަން މަސައްކަތްކުރިއެވެ.

މަންހާ އެންމެފަހުން ތެދުވެ އެނދުގައި އިށީނެވެ. އަލީޝާ ކޮޓަރި ދޮރުލައްޕަލަމުން މަންހާގެ އަލަމާރި ހުޅުވާލިއެވެ. އަދި އޭނަ ލާނެ ހެދުމެއް ނަގާ އެނދުގެ ބޯލާކޮޅު ފަޑީގައި އަޅުވާލިއެވެ. މަޑު ނޫކުލައިގެ ޓޮޕުކޮޅަކާއި ކޮޓުން ފޮތީގެ ރޫޖައްސާފައިވާ ފެހިކުލައިގެ ދިގު ސްކާރޓޭކެވެ. އަދި ހެދުމާއި ގުޅޭނޭ ބެލްޓެކެވެ.

"ކަމޯން، ގެޓް ރެޑީ މަން..........." އަމާނީ މަންހާގެ އަތުގައި ހިފާ ތެދުކުރަމުން ބުނެލިއެވެ.

"ބައިވަރު ކުދިން އިންޓަރވިއުއަށް ގޮސްތިބިއްޔާ ކިހިނެތްވާނީ، އަނެއްކާ އިންޓަރވިއުކުރާނީ ކާކުކަމެއްވެސް ނޭގެ..............އެލީ..........މާނީ...........އަހަރެން ނުހޮވިއްޖެއްޔާ...........ދެން..............އޯ...........އެހެންވެއޭ ބިރުގަންނަނީ" މަންހާ ތައްޔާރުވަމުން ވާހަކަދެއްކިއެވެ.

"އޭގަ ބިރުގަންނަންވީ ކަމެއްނެތެއްނު، ޝޯ ޔޯ ޓްރޫ ސެލްފް މަން، ބީ އޮނަސްޓް ވިތް ޔޯ ސެލްފް.........އަހަރުމެން ކައިރީވެސް މަން ބުނަނީ އެހެންނު، މިފަހަރު އަހަރުމެން މިބުނީ މަން ކައިރީ އެގޮތަށް ކަންތައްކުރުމަށް..........." އަމާނީ ބުނެލިއެވެ.

އެކުވެރިންގެ އެކި ވާހަކަތަކާއި އެމީހުންނާއިއެކު ބޭރަށް ނުކުމެވުމާއިއެކު މަންހާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބިގެންދިޔައެވެ. ކައިރީގައި އާއިލާގެ މީހަކުނެތި މިނިވަންކަމާއިއެކު މަންހާއަށް އޭނަގެ ރަޙުމަތްތެރިންނާއިއެކު ގޭންބޭރުގައި ވަގުތު ހޭދަކުރަން ލިބުމުން ހާއްސަ މިނިވަންކަމެއް އިޙްސާސް ކުރެވިގެންދިޔައެވެ. އެނބުރި ގެއަށް އައިއިރު މަންހާގެ ހިތުގައިވާ ހުރިހާ އުދާސްތަކެއް ފިލާ ގޮސްފައިވާފަދައެވެ. އެކަމަކު އަދިވެސް ބަނޑުގައި ކުދިކޮކާ އުދުހޭ ފަދަ ގޮތްތަކެއް އިޙްސާސް ވަމުންދިޔައެވެ.

ނިދީގައިވެސް މަންހާގެ ދުލުން ނުކުތީ ދާއިންގެ ނަމެވެ. އެހެނީ އެހިތް ދާއިން އާއި ގުޅިފައިވަނީ ދުވަހަކުވެސް ވަކިވުމެއްނެތްފަދަ ވަރުގަދަ ގުޅުމަކުންނެވެ. އެހިތް ހޭލާ ހުންނައިރުވެސް ފުންމިންނޭގޭ ގަދަ ނިދީގައިވާ ހިނދުވެސް ހަމައެކަނި ވަފާތެރިވާ ފަރާތަކީ އެއީއެވެ. ދާއިންއެވެ. ހުވަފެނުގައި ގޮސް ދާއިންގެ ދެއަތްތިލާގައި އެފިނިފެންމަލެއްގެ ދެފިޔަފަދަ މަޑުތުންފަތުން ބޮސްދެއެވެ. ނިދިން ހޭލެވެންދެން ދާއިންގެ ފިރިހެންވަންތަކަމުގެ ލާމަސީލު މޫނަށް މަންހާ ބަލަމުންދެއެވެ. އެކަމަކު މިއިން އެއްވެސް ކަމަކީ ހަގީގަތެއްނޫނެވެ. ހަމައެކަނި މަރާލެވިފައިވާ ލޮލުގެ ތެރެއިން ބަލަމުންދާ ހަގީގަތެއްނެތް ހުވަފެންތަކެކެވެ.

ފަތިސްނަމާދުން ފޭބި މަންހާ އަވަސް އަވަހަށް ދުވަމުން ސިޑިން ފައިބައިގެން ދިޔައީ ޝަރަފް އޮފީހަށް ދިއުމުގެ ކުރިން އޭނައާއި ބައްދަލު ކުރުމަށެވެ. ވަސީމާ ދިއްކޮލި ކިރުތަށީގައިވެސް ހިފުމެއްނެތި އޭނަ އަވަސްވެ ގަތީ ޝަރަފްގެ ކޮޓަރިއަށް ވަނުމަށެވެ. (ނުނިމޭ)