ދުނިޔެ

ޕާކިސްތާނުން އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ވައްޓާލައިފި

Feb 27, 2019
1

އިސްލާމްއާބާދު (ފެބްރުއަރީ 27) - ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ބަޑިޖަހައި، ވައްޓާލާފައިވާކަމަށް އެގައުމުން ބުނެފި އެވެ.

ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން އިއްޔެ ދިން ވައިގެ ހަމަލާއަށްފަހު ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ހޫނުވެފައިވާއިރު، އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި، އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރުކޮށްފައިވާކަމަށް ޕާކިސްތާނު ސިފައިން ވަނީ ބުނެފަ އެވެ.

ޕާކިސްތާނުން ހަމަލާދީފާނެކަމުގެ ބިރަށް، އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އޮންނަ މައި އެއާޕޯޓުވެސް ބަންދުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ވަނީ، ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރު ސަރަހައްދުގެ ކައިރީގައި އޮންނަ އަވަށަކަށް ވައިގެ ހަމަލާތަކެއްދީފަ އެވެ.

އެކަމާއި ގުޅިގެން، އިންޑިއާއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ދީފައިވާ ހަމަލާތަކުގެ ރައްދު ދިނުމުގެ އިހުތިޔާރު ލިބިވެގެންވާކަމުގެ އިންޒާރު ޕާކިސްތާނު ސަރުކާރުން ވަނީ ދީފަ އެވެ.

ނަމަވެސް، އިންޑިއާ އިން ބުނަނީ، އެ ހަމަލާއަކީ، މިމަހު ކުރީކޮޅު ކަޝްމީރުގައި އެގައުމުގެ ސިފައިންތަކެއް މަރާލުމުގައި ބައިވެރިވި ޓެރަރިސްޓް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

"އެ އޮޕަރޭޝަނުގައި، ޖައިޝޭ މުހައްމަދު ޖަމާއަތުގެ އެތަކެއް ހަނގުރާމަވެރިންނާއި، ޖާނުންފިދާވެގެން ދޭ ހަމަލާތަކަށް މީހުން ތަމްރީނުކުރާ މީހުން ވަނީ މަރާލެވިފައި،" އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުން ބުނި ބުނުން، ޕާކިސްތާނު ސިފައިން ވަނީ ދޮގުކޮށްފަ އެވެ.

އިންޑިއާ އިން ހަމަލާދިން ސަރަހައްދުން "އެންމެ ގާކޮޅެއް" ވެސް ފެނިފައިނުވާކަމަށް ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު އާސިފް ޣަފޫރު ވިދާޅުވި އެވެ.

"އިމާރާތެއް ކަހަލަ ތަނެއް ހުރި ނަމަ، ހަމަލާއަށްފަހު ގައު ކަހަލަ ތަކެތި ހުންނާނެ، އިންޑިއާ އިން އެބަ ބުނޭ ބައިވަރު މީހުން މަރާލެވިފައިވާ ވާހަކަ، އެކަމަކު އަޅުގަނޑުމެން މި ބުނަނީ އެތަނުގައި 10 މީހުން ތިބި ނަމަވެސް، އެމީހުންގެ ހަށިގަނޑުތައް އެތަނުގައި ހުންނާނެއޭ،" ޕާކިސްތާނުން ބުނާ ވާހަކަ ގަބޫލު ނުކުރާނަމަ އެ ސަރަހައްދަށް މީޑިއާގެ އިތުރުން ބޭރުގެ ޑިޕްލޮމެޓުން ދިޔުމަށް ދައުވަތު އަރުވަމުން ޣަފޫރު ވިދާޅުވެފައިވެ އެވެ.