ހަބަރު

ސީލައިފްގެ މައްސަލަ އޭސީސީން ބަލަން ފަށައިފި

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތްކުރަން ބުނި ފެލްޓްގެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭތީ އެކަންކަން ބަލައި ތަހުގީގުކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ އެކޮމިޝަނުން ބަލަން ފަށައިފި އެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، ރިފަންޑު ހޯދުމަށާއި، އެ މަޝްރޫއުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭތީ އެކަންކަން ބަލައި ތަހުގީގުކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ކުރިން އެޓާނީ ޖެނަރަލްގެ އޮފީހުގައިވެސް މަސައްކަތްކުރެއްވި ވަކީލް މަރިޔަމް ޝުނާނާ އެވެ.

އޭސީސީ އިން ނެރުނު ބަޔާނެއްގައި ވަނީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގައި އެޗްޑީސީއާ ސީލައިފާއި ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބަލަމުންދާ ކަމަށެވެ.

އޭސީސީ އިން ބުނީ، އެކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ތެރެއިން ސީލައިފް ގްލޯބަލްއިން ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކާއި ދެމެދު ކުރެވިފައިވާ ފައިސާގެ މުއާމަލާތްތަކުގެ ބެހޭ މައްސަލަ ބެލުމަކީ އެކޮމިޝަނުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ އެކަން ބަަލަމުންނުދާ ކަމަށެވެ.

އޭސީސީ އިން ބުނީ، އެމައްސަލަ ފުލުހުން ބަލަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމައްސަލައިގެ ތަހްގީގަށް ފާހަގަ ކުރެވުނު ކަންކަމުގެ ރިޕޯޓް މިމަހުގެ 14 ވަނަ ދުވަހު ޕޮލިހަށް އަދި 15 ވަނަ ދުވަހު ޕްރެޒިޑެޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުުވެފަ އެވެ.

ސީލައިފް ކުންފުނިން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނެގި އެވެ. މިއީ ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ
އެވެ.

ސީލައިފްގެ ފްލެޓްތަކުގެ މައްސަލާގައި، އެކުންފުންޏާއި، އެޗްޑީސީ އަދި އެކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށްވެސް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައިނުވާތީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި، އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ފްލެޓްތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށާއި، ފެލްޓް ބޭނުން ނުކުރެވި ދިޔަ މުއްދަތުގެ (މާކެޓް ވެލިއު) ކުއްޔަށްވާ ފައިސާ ނަގައިދިނުމަށެވެ.

މީގެ އިތުރުން، އެ ފްލެޓްތަށް އަޅަން ދީފައިވާ ބިމުގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފްލެޓް އަޅައި، އެ ފްލެޓްތަށް ގަތުމުގެ ފުރުސަތު އެންމެ ފުރަތަމަ އެ މައްސަލައިގެ ޝިކާރައަކަށްވި ފަރާތްތަކަށް ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. އެ ފުލެޓްތަށް ވިއްކާ އިރު، ރިފަންޑްގެ ގޮތުގައި ސީލައިފުން ނަގައިދޭން އެދިފައިވާ ފައިސާ އާއި ފެލެޓް ބޭނުން ނުކުރެވި ދިޔުމުން އެ މުއްދަތުގެ ކުއްޔަށްވާ ފައިސާ ވެސް އުނިކުރުމަށް ވަނީ އެދިފަ އެވެ.

ސީލައިފް އާ ދެކޮޅަށް ސިވިލް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައިވަނީ ވަކީލް މަރިޔަމް ޝުނާނާ އެވެ. އެޑްވާންސް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރިފަންޑް ނުލިބިވާ މީހުންނަށް، އެ މައްސަލައިގައި ސުނާނާ ވަކާލާތުކޮށް ދެއްވާނީ ހިލޭ އެވެ.