ހަބަރު

ސީލައިފްގެ އެމްޑީ ހޯދަން ރެޑް ނޯޓިސްއަށް އެދިއްޖެ

ސީލައިފްގެ މެނޭޖިން ޑިރެކްޓާ އަހުމަދު މޫސާ މުހައްމަދު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިހަށް އެދިފައިވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހުން ރާއްޖެއިން އެދިފައިވަނީ އަހުމަދު މޫސާ ހޯދުމަށް ރެޑް ނޯޓިސް ނެރެދިނުމަށް ކަމަށާއި ވަރަށް އަވަހަށް އެ ނޯޓިސް އިންޓަޕޯލް ވެބްސައިޓްގައި ހިމަނާނެ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނާ މިހެން ވިދާޅުވީ ދައުލަތުން އެދިގެން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ހޯދަން ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ނޯޓިސް ބާތިލްކޮށްފައިވަނިކޮށެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، ރިފަންޑު ހޯދުމަށާއި، އެ މަޝްރޫއުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭތީ އެކަންކަން ބަލައި ތަހުގީގުކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

ސީލައިފް ކުންފުނިން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނެގި އެވެ. މިއީ ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ
އެވެ.

ސީލައިފްގެ ފްލެޓްތަކުގެ މައްސަލާގައި، އެކުންފުންޏާއި، އެޗްޑީސީ އަދި އެކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށްވެސް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައިނުވާތީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި، އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ފްލެޓްތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށާއި، ފެލްޓް ބޭނުން ނުކުރެވި ދިޔަ މުއްދަތުގެ (މާކެޓް ވެލިއު) ކުއްޔަށްވާ ފައިސާ ނަގައިދިނުމަށެވެ.

މީގެ އިތުރުން، އެ ފްލެޓްތަށް އަޅަން ދީފައިވާ ބިމުގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފްލެޓް އަޅައި، އެ ފްލެޓްތަށް ގަތުމުގެ ފުރުސަތު އެންމެ ފުރަތަމަ އެ މައްސަލައިގެ ޝިކާރައަކަށްވި ފަރާތްތަކަށް ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. އެ ފުލެޓްތަށް ވިއްކާ އިރު، ރިފަންޑްގެ ގޮތުގައި ސީލައިފުން ނަގައިދޭން އެދިފައިވާ ފައިސާ އާއި ފެލެޓް ބޭނުން ނުކުރެވި ދިޔުމުން އެ މުއްދަތުގެ ކުއްޔަށްވާ ފައިސާ ވެސް އުނިކުރުމަށް ވަނީ އެދިފަ އެވެ.

ސީލައިފް އާ ދެކޮޅަށް ސިވިލް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައިވަނީ ވަކީލް މަރިޔަމް ޝުނާނާ އެވެ. އެޑްވާންސް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރިފަންޑް ނުލިބިވާ މީހުންނަށް، އެ މައްސަލައިގައި ސުނާނާ ވަކާލާތުކޮށް ދެއްވާނީ ހިލޭ އެވެ. އެ މައްސަލައެއް ހައްލެއް ނުލިބި ކޯޓުގައި ގިނަ ދުވަސްތަކެއްވެފައިވާއިރު އޭގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ސުނާނާ ވިދާޅުވި އެވެ.