ހަބަރު

ސީލައިފްއިން ލަނޑުދިން މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅައިފި

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، ރިފަންޑު ހޯދުމަށާއި، އެ މަޝްރޫއުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭތީ އެކަންކަން ބަލައި ތަހުގީގުކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

ސީލައިފް އާ ދެކޮޅަށް އޭސީސީއާއި ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ކުރިން އެޓާނީ ޖެނަރަލްގެ އޮފީހުގައިވެސް މަސައްކަތްކުރެއްވި ވަކީލް މަރިޔަމް ޝުނާނާ އެވެ.

ސީލައިފުން ފްލެޓެއް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ވެސް ހިމެނޭ ޝުނާނާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުންގެ އިދާރާއަށް މިއަދު ހުށަހަޅާފައިވަނީ ސީލައިފް ކުންފުނީގެ ޑިރެކްޓަރުން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމުގެ މައްސަލައެއް ކަމަށެވެ. އަދި އެކަން ބަލައި އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނަމަ ދައުވާ ކުރުމަށް ވެސް މިއަދު ހުށަހެޅި މައްސަލާގައި އެދިފައިވާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާ ވިދާޅުވިގޮތުގައި، ސީލައިފް ފްލެޓްތަކުގެ މައްސަލާގައި މިހާތަނަށް ބެލި ބެލުމުން އެ މަޝްރޫއު ކުރިއަށްގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާފައިވާކަމަށް ގަބޫކުރެވެ އެވެ. އެގޮތުން އެޗްޑީސީއަށް ވެސް ނުހައްގު މަންފާތަކެއް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށާއި އޭސީސީ އަށް ހުށަހެޅި މައްސަލާގައި އެކަންކަން ތަފްސީލުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

"މި ފްލެޓްތަކަށް ފައިސާ ދެއްކި ބައެއް މީހުންގެ އެބަހުރި ޑައުން ޕޭމަންޓްގެ ގޮތުގަ އެބަހުރި 20 ޕަސެންޓް ދައްކާފަ. ބައެއް ފަރާތްތަކުން އެބަ ހުރި އެއް މިލިއަން ރުފިޔާވެސް ދައްކާފަ. މިއީ ވަރަށް ބޮޑު އަދަދުތަކެއް. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ޑައުން ޕޭމަންޓް ނެގުމުގެ ހުއްދަ ލިބެނީ އިންވެސްޓްމަންޓް އެމައުންޓްގެ 20 ޕަސެންޓް ކޮމްޕްލީޓްކުރެވުނީމަ. ނަމަވެސް ސީލައިފުން އެ ފްލެޓްތައް އަޅަން ބުނި، ސައިޓްގައި ނެތް 20 ޕަސެންޓަށް ވާވަރަށް އިންވެސްޓް ކޮށްފައިވާކަން ފެންނާކަށް. އެހެން ކަމަށް ވާނަމަ އެޗްޑީސީގެ އެގްރީމަންޓެއް މެދުވެރިކޮށް އެތަކެއް ބައެއްގެ އަތުން ފައިސާ ނަގާފައިވާއިރު އެޗްޑީސީއިން ބަލަންވާ ވަރަށް ބަލައި ފިޔަވަޅު އެޅި ނަމަ މިހިސާބަށް އަންނާކަށް ނުޖެހޭނެ،" ޝުނާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީހުންގެ އަތުން ޑައުންޕޭމަންޓްގެ 20 ޕަސެންޓްގެ ގޮތުގައި 50،000 އަށްވުރެ މަތިން ފައިސާ ނެގިއިރު އެ 20 ޕަސެންޓަށް ވާވަރަށް ކުންފުނިން ފްލެޓްތަކުގެ މަސައްކަތް ފުރިހަމަ ކޮށްފައިވޭތޯ އެޗްޑީސީން ބަލަންޖެހޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތް އެކަށީގެންވާ މުއްދަތުގެ ތެރޭގައި ކުރިއަށް ނުދާނަމަ އެޗްޑީސީން ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް ބަލައި އެޗްޑީސީން ފިޔަވަޅު އަޅާފައި ނުވަނީ ސީލައިފް އިން ހިންގި އޮޅުވާލުމުގެ ތެރޭގައި އެޗްޑީސީއަށް ވެސް މަންފާތަކެއް ލިބިފައިވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ތުހުމަތުކުރެވެން އެބަ އޮތް، އެގްރީމަންޓްގަ ސޮއިކުރުމާ ހިސާބަށް ބިޑް ކުރެވުނީ ބަޑިން އުސޫލާ ވެސް ހިލާފަށް ކަމަށް. މީގަވެސް ކޮންމެވެސް ކަހަލަ ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވޭ. ސަބަބަކީ ކޮންޓްރެކްޓް ވެލިއު އަކީ ކޮބައިކަމެއްވެސް ހާމައެއް ނުކުރޭ. ޕްރޮޖެކްޓް ވެލިއުގެ 20 ޕަސެންޓް އިންވެސްޓް ކުރީމަ ޑައުންޕޭމަންޓް ނެގެން އޮންނަ އިރު ޕްރޮޖެކްޓް ވެލިއުއަކީ ކޮބައިކަމެއް އެނގޭކަށް ނެތް. ހަމައެހެންމެ ސަރުކާރުގެ ވެރިންގެ ހާޒިރުގައި މި އެއްބަސްވުމުގައި ސޮއިކުރި އިރު އެބޭފުޅުންގެ ރުހުން މިކަމުގައި އޮތްކަންވެސް އެބަ ހާމަވޭ. އަދި ހަމަ އެހެންމެ ރައިސް ޔާމީނާ ގުޅުން ހުރި ފަރާތްތަކެއް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަން ވެސް އަޅުގަނޑުމެންގެ މައުލޫމާތަށް މިވަނީ އެނގިފައި،އެހެންވީމަ އެ ފަރާތްތަކުގެ ނުފޫޒުވެސް މިކަމުގައި އޮވެދާނެ ކަމަށް ބެލެވޭ" ޝުނާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަންކަން ބަލައި ތަހުގީގުކޮށް ދައުވާކުރަންޖެހޭ ފަރާތެއް ވާނަމަ ދައުވާކޮށްދޭން މިއަދު އޭސީސީ އަށް ހުށަހެޅި މައްސަލާގައި އެދިފައިވާނެ ކަމަށެވެ.

ސީލައިފްގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅާފައިވާއިރު ޝުނާނާ ގެންދަވަނީ ސީލައިފުން ރީފަންޑް ފައިސާ ދައްކަންޖެހޭ 147 ފަރާތަކަށް ފައިސާ ހޯދައިދިނުމަށް ސިވިލްކޯޓަށް މައްސަލަ ހުށަހެޅުމަށްވެސް ތައްޔާރުވަމުންނެވެ. އެޑްވާންސް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރިފަންޑް ނުލިބިވާ މީހުންނަށް، އެ މައްސަލައިގައި ސުނާނާ ވަކާލާތުކޮށް ދެއްވާނީ ހިލެ އެވެ. ސީލައިފް ގްލޯބަލްއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ސުނާނާ ނިންމަވާފައިވާއިރު، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދި ލިޔުންތައް ހުށަހަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.