ހަބަރު

ޖަލުގައި އޮތަސް ގަދައީ ރައީސް ޔާމީން: މޫސަ

Feb 27, 2019
12

ވެރިކަމަށް ވަޑައިގަތް ބަދަހި ކޯލިޝަންއަށް ރައްޔިތުން މަޖިލީހުގެ ތެރޭގައި އެއްވެސް ބާރެއް ނުހިންގޭ ކަމަށާއި ޖަލުގައި ހުންނެވި ނަމަވެސް އަދިވެސް ގަދައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ޕީޕީއެމްގެ ކުރީގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މޫސަަ ވިދާޅުވީ ރާއްޖެ ތަރައްގީގެ އުސް އަލިތަކަށް ގެނެސްދެއްވި ރައީސްއަކު ގައުމު ހިންގަވަނިކޮށް ބިޔަ ބަދަހި ކޯލިޝަނަކުން އެމަނިކުފާނުގެ ވެރިކަން ނިންމަވާލެއްވުމަށް ފަހު މިއަދު މަޖިލީހުގައި އަމަލު ކުރާ ގޮތް ރައްޔިތުން ބަލަން ޖެހޭ ކަމަށެވެ. ވައްކަމާއި ފަސާދައަށް ޒީރޯ ޓޮލަރަންސްއޭ ބުނެ މަރުތަކާއި ހިޔާނާތް ބަލާ ކޮމިޝަނަށް ބާރު ދިނުމުގެ މަސައްކަތް މަޖިލީހުން ފާސް ކުރަން މަސައްކަތް ކުރާތާ 50 ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް ބަދަހި ކޯލިޝަނެއް އޮވެގެން އެވަރު ކަމެއް ރައްޔިތުންނަށްޓަކައި ކޮށް ނުދެވޭ ކަމަށް މޫސަ ވިދާޅުވި އެވެ.

ވައްކަމާއި ފަސާދައިން ދުރުވެގެން ނޫނީ ގައުމު ކުރިޔަށް ނުދާނެ ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޮއެ އާދޭސް ކުރަމުންދާ ކަމަށާއި ނަމަވެސް ބަދަހި ކޯލިޝަންގެ ބާރެއް މަޖިލީހުގެ ތެރޭގައި ނުފެންނަ ކަމަށް މޫސަ ވިދާޅުވި އެވެ. އެހެންކަމުން ޖަލުގައި ބޭންދިޔަސް މިއަދު އަދިވެސް ގަދައީ ރައީސް ޔާމީން ކަމަށާއި ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑު ބުނެލާނީ ޖަލުގައި ބައިންދާފައި އިނަސް އަދިވެސް ގަދައީ ރައީސް ޔާމީން އޭ، ހަމަ ގަދައީއޭ، ބޭނުން ގޮތެއް މިތާ އެތެރޭގައި ހަދާލަން ކެރޭތީ އެއީ ގަދަވީމަ ނޫންތޯ އެކަން އެވަނީ. ޕީޕީއެމްގެ މެންބަރުންނަށް ޝުކުރު ދަންނަވާލަން، އަޅުގަނޑަކީ އެ ޕާޓީގެ މެންބަރެއް ނޫނަސް،" މޫސަަ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް އިޝާރަތް ކުރައްވާ މޫސަަ ވިދާޅުވީ ރާއްޖޭގައި މިވަގުތު ދެ ރައީސްއަކު ހުންނަވާ ކަމަށެވެ. އެއް ބޭފުޅަކު ރައީސް އޮފީހުގައި ހުންނެވި ކަމަށާއި އަނެއް ބޭފުޅާ ވީތަނެއް އެނގިވަޑައި ނުގަންނަވާ ކަމަށް މޫސަ ވިދާޅުވި އެވެ. ނަމަވެސް ގައުމާއި އެމްޑީޕީ ދެ ބޭފުޅަކު ހިންގަން ޖެހުމުގެ ސަބަބުން މުޅި ޕާޓީ ފުނޑު ފުނޑުވެގެންދާ ކަމަށާއި އެކަމުގެ ސަބަބުން ބައެއް މެންބަރުން ވެސް އެ ޕާޓީ އިން ވަކިވަމުންދާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަސާސީ ގަވައިދުގައި ޕާޓީގެ ބޭފުޅަކު ރާއްޖޭގެ ރައީސް ކަމަށް އައްޔަންކޮށްފި ނަމަ ޕާޓީގެ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާއޭ ބުނޭ، ނަމަވެސް ރައީސް ބައިންދާފައި އެހެން ވެރިއަކު އެ މަސައްކަތް ކުރަނީ އަދި އެގޮތަށް ތިބެގެން އެމްޑީޕީއަށް ވެސް މެޖޯރިޓީއެއް ނުލިބޭނެ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވަނީ ސުޕްރީމް ކޯޓަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން މި ރާއްޖޭގައި އިލެކްޝަންސް ކޮމިޝަންގެ އިދާރާއެއް މިހާރު އޮންނާކަށް ނުޖެހޭ ކަމަށާއި އެ ކޮމިޝަން އުވާލުމަށް ފަހު އެ ކޮމިޝަންގެ ހުރިހާ ބާރެއް ސުޕްރީމް ކޯޓަށް ދޭން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ. އޭރުން މިހާތަނަށް ވެސް ވެފައިވާ ގޮތަށް ކުރިޔަށް އޮތްތަނުގައި ވެސް އިންތިހާބުތަކާ ބެހޭ ހުރިހާ ކަމެއް ނިންމާނީ ސީދާ ސުޕްރީމް ކޯޓުން ކަމަށް މޫސަ ވިދާޅުވި އެވެ.