ހަބަރު

ރިޔާސީ ކޮމިޝަން އުފެއްދުން ވެސް ގޯސް: ހަލީލް

ކޮރަޕްޝަންގެ ސަބަބުން ގެއްލިފައިވާ ފައިސާ ހޯދުމަށާއި މަރާލާފައިވާ އަދި ވީނުވީ ނޭގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަކީ އުސުލާ ހިލާފަށް އުފައްދާފައިވާ ކޮމިޝަނެއް ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެެއްޖެ އެވެ.

ޑރ. ހަލީލް މިހެން ވިދާޅުވީ އިރު، ރައްޔިތުންގެ މަޖީލީހުގައި ދަނީ ރައީސް ސޯލިހު އުފައްދާފައިވާ މި ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ބިލް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މަޖިލިސް ތަޅުމުގައި ބިލަށް ވޯޓަށް އެހޭވަރަށް މެމްބަރުން ހާޒިރު ވެފައި ނުވާތީ ތިން ފަހަރެއްގެ މަތިން ބިލް ހުށަހެޅުމުންވެސް ވަނީ ފާސްވާގޮތް ނުވެފަ އެވެ.

ޑރ. ހަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުނިޔޭގެ ކުރި އަރާފައުވާ ގައުމުތަކުގައި ރިޔާސީ ކޮމިޝަން އުފައްދަނީ ބޮޑެތި މައްސަލަ ތަކުގައި އިންކްއަރީއެއް ހިންގުމަށް ކަމަށެވެ. އަދި އެފަދަ ކޮމިޝަންތަކަކީ ޖިނާއީ ތަހުގީގުތައް ހިންގާނެ ބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރިޔާސީ ކޮމިޝަނުން ކުރާ އިންކުއައިރީގައި ފާހަގަވާ ކަންތައްތައް ތަހުގީގު ކުރާ މުއައްސަސާތަކާ ހިއްސާކުރުމަކީ އަމަލު ކުރާ އުސޫލު ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ. އޭނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވި ރިޔާސީ ކޮމިޝަންގެ ބިލަކީ ގާނޫނީ އަސާސީއާ ވެސް ހިލާފު ބިލެއް ކަމަށެވެ.

އެމްްއެމްޕީއާރްސީއިން ކޮރަޕްޝަން މެދުވެރިކޮށް ގެއްލުވާލައިފައިވާ ފައިސާތަކާއި މަރާލެވިފައިވާ އަދި ވީނުވީ ނޭގި ގެއްލިފައިވާ މީހުންގެ މައްސަލަަ އަލުން ބެލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މިދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް މަޖިލިސް އަށް ހުށަހަޅާފައިވާ ބިލް ފާސް ވެފައި ނުވަނީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށްޓަކާ އެމްޑީޕީ އާއިއެކު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީގެ މެމްބަރުން ހާޒިރު ވެފައި ނުވުމުންނެވެ. މަޖިލިސް ރައީސް ގާސިމް އިބްރާހީމް އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ.