ދެން މަސައްކަތް ކުރާނީ، އޭނާއާ އެއް ހިޔާލެއް ގެންގުޅޭ ކުލަބެއްގައި ކަމަށް، މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗު ކަމުން ވަކި ކުރި، ޕޯޗްގަލްގެ ޖޯޒޭ މޮރީނިއޯ ބުނެފި އެވެ.
އިނގިރޭސި ޓެލެގްރާފަށް ދިން އިންޓަވިއުގައި، މޮރީނިއޯ ބުނީ، ކުލަބުގެ އެކި ހާލަތްތަކުގައި އޭނާ މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް އޭނާއަށް ދެން މަސައްކަތް ކުރެވޭނީ، އެކަކު އަނެކަކަށް އެއް ހިޔާލަކަށް އާދެވޭ ގޮތަށް އޮނިގަނޑު އެކުލަވާލަފައި އޮންނަ ކުލަބެއްގައި ކަމަށެވެ.
އެ ކުލަބެއްގައި މަސައްކަތް ކުރާނަމަ އަހަރެން އެންމެ ފުރަތަމަ ބޭނުންވާ ކަމަކީ 'ސުލުހަވެރި އޮނިގަނޑެއް' އޮތުން،" އިންޓަވިއުގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ. "އަހަރެން މަސައްކަތް ކުރަން ބޭނުން ވަނީ، އަހަރެން ލޯބިވާ މީހުންނާއެކީ، އެބަޔަކާއެކު އަހަރެން މަސައްކަތް ކުރުމުން އުފާވެރިކަން ލިބޭނެ މީހުންނާއެކީ، އެބަޔަކީ އަހަންނާ އެއް ހިޔާލެއް ހިއްސާ ކުރާ މީހުންނާއެކީ، އަހަރެން ބޭނުމެއް ނޫން އަހަރެން ވިސްނާ ގޮތަކުން އަދި އެހެން މީހުން ވިސްނާ ގޮތަކުން އަހަންނާ ހެދީ ދާއމީ މައްސަލައަށް ވާކަށް."
މޮރީނިއޯ ބުނީ، އޭނާ މަސައްކަތް ކުރި ކުލަބުތަކުގެ ތެރެއިން އިންޓަ މިލާންއަކީ، އޭނާއަކާ އެއް ހިޔާލަކަށް އާދެވިގެން މަސައްކަތް ކުރި ކުލަބެއް ކަމަށެވެ. މޮރީނިއޯ ވަނީ އިންޓަ މީލާންއާއެކު 2009 ވަަނަ އަހަރު ސީޒަންގެ ތިން ތަށި ވެސް ކާމިޔާބު ކޮށްފަ އެވެ.
ޔުނައިޓެޑްގެ ކޯޗު ކަމުން މޮރީނިއޯ ވަކި ކުރި ފަހުން އޭނާއަށް އެހެން ކުލަބަކުން ހުށަހެޅުމެއް އައެވެ. އެހެން ނަމަވެސް އެ ކުލަބުގެ ނަން އޭނާ ހާމަ ކޮށްފައެއް ނުވެ އެވެ.
"އަހަރެންގެ ދެ ވަނަ ޝަރުތަކީ، އެ ކުލަބަކީ ވަރުގަދަ ލީގެއްގެ ކުލަބަކަށް ވުން." އޭނާއަށް ހުށަހެޅި ކުލަބުގެ ހުށަހެޅުން ގަބޫލު ނުކުރި ސަބަބަކީ ވަރުގަދަ ލީގެއްގެ ކުލަބަކަށް ނުވުމެވެ.
މޮރީނިއޯ ބުނީ، ޔުނައިޓެޑްގައި އެންމެ ފަހުން ހޭދަ ކުރި 18 މަސް ފިޔަވައި ތައްޓެއް ނުލިބި ނުދާ ކަމަށެވެ.
"އަހަރެން މަސައްކަތްް ކުރި ކުލަބުގެ ތެރެއިން 18 މަސްވާއިރު ތައްޓެއް ނުލިބި ނުދާނެ، ޔުނައިޓަޑްގައި އެންމެ ފަހުން މަސައްކަތް ކުރި 18 މަސް ފިޔަވައި،" މޮރީނިއޯ ބުންޏެވެ. "ބައެއް މެނޭޖަރުންނަށް 18 އަހަރުވާއިރު ތައްޓެއް ނުލިބޭ، އަހަންނަށް އެހާ ބަލައިގަނެވޭ ކަމެއް ނޫން 18 މަސްވާއިރު ތައްޓެއް ނުލިބި ދިއުން."