ހަބަރު

ބިލް ފާސްނުކުރާތީ ނުރުހުން ފާޅުކޮށްފި

Feb 27, 2019
10

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލް ފާސްކުރުން މަޑުޖައްސާލުމުން މަޖިލިސް އިދާރާގެ ބޭރުގައި ނުރުހުން ފާޅުކޮށްފި އެވެ.

ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާގައި ވެސް ތާވަލުކޮށްފައިވެ އެވެ. ނަމަވެސް ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ކޮމިޓީ ރިޕޯޓުގައި އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމެވި ގޮތަކަށް ނޫން ކަމަށް ބުނެ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަ މެންބަރަކު ސޮއި ކުރައްވާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެހެންކަމުން އެޖެންޑާ އިން އެ މައްސަލަ ނަގަން ނިންމާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެކަމާ ނުރުހުން ފާޅުކޮށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން މަޖިލީހުގައި ވެސް ވަނީ އަޑުއުފުއްލަވާފަ އެވެ. ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވެސް ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ރޮޒައިނާ ވިދާޅުވީ އެ ބިލް ފާސްނުކުރަން ބިރު އުޅުމަކީ ހައިރާންވާ ކަމެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މިއަދު ހިނގައިދިޔަ ކަމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ބިލެއް ފާސްނުކުރުމަށް އެވަރަށް މަސައްކަތް ކުރާ މަންޒަރު މީގެ ކުރިން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރާ މެންބަރުންގެ އިހްލާސްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރޭގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ އާއިލާ އާއި ރައްޓެހިން ހިމެނެ އެވެ. އޭގެ އިތުރުން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅުން ވެސް އެ ސަރަހައްދުގައި އެބަ ތިއްބެވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެންބަރު އަހުމަދު ތޮލާލު ވިދާޅުވީ މިހާރު މިއޮތީ ރައްޔިތުންގެ މަޖިލީހެއް ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. މިހާރު އޮތީ މަހުޖަނުން ކޮންޓްރޯލް ކުރާ މަޖިލީހެއް ކަމަށެވެ. ނޫންނަމަ، ރައްޔިތުންގެ މަސްލަހަތު އޮތް ބިލެއް ފާސްނުކޮށް ހިފެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެ ބިލަކީ އަނިޔާވެރި ގޮތްތަކަށް މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ބާރުދޭ ބިލަކަށްވާއިރު ބިލް ފާސްނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ތޮލާލު ވިދާޅުވި އެވެ. އެގޮތަށް އެކަން ނުކުރަން އުޅޭނީ އެފަދަ ކަންކަމުގައި ބައިވެރިވެވިފަ ތިބުމުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.