މަރުތަކާއި ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންތަކަށް ބާރު ދޭ ބިލު ދިރާސާ ކުރި ކޮމިޓީ ރިޕޯޓުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށާއި ބިލު މަޑު ޖައްސާލާފައި ވަނީ ފާސް ނުކުރަން ދައްކާ ބަހަނާއަކަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ދެ ކޮމިޝަނަށް ބާރު ދޭ ބިލު މަޖިލީހުގައި ވޯޓަށް އެހުން ތިން ފަހަރެއްގެ މަތިން ނާކާމިޔާބުވުމަށް ފަހު މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނޭ ހަ މެންބަރަކު ވަނީ ބިލު ކޮމިޓީ ރިޕޯޓުގައި އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމެވި ގޮތަކަށް ނޫން ކަމަށް ބުނެ މަައްސަލައެއް ހުށަހަޅާފަ އެވެ. އެއާއެކު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ބިލު މަޑު ޖައްސާލަން ނިންމަވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ކޮމިޓީގައި ބިލު ނިންމެވި ގޮތާއި ރިޕޯޓުގައި އޮތް ގޮތް އެއްވެސް ތަފާތެއް ނޯންނާނެ ކަމަށެވެ. އަދި އެކަންކަމަކީ ބަލާ ޗެކު ކުރުމަށް ކޮންމެ މެންބަރަކަށް ވެސް ވަގުތު ދެވިގެން ފޮނުވާ ކަންތައް ކަމަށާއި ނަަމަވެސް ބިލު ފޮނުވާފައި އޮތްތާ ތިން މަސްވެފައިވީ އިރު އެފަދަ މައްސަލައެއް މިއަދު ފެންމަތިވުމުން ކަންބޮޑުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލަ ހުށަހެޅީ ބިލުގައި ގޯހެއް އޮވެގެން ނޫން ކަމަށާއި އެއީ ބިލު ފާސް ނުކޮށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"މިއަދަކީ މަޖިލީހުގެ ތާރީހުގައި އަޅުގަނޑު ދުށް ވަރަށް ލަދުވެތި ދުވަހެއް، މަޖިލީހުގެ ރައީސްް ހިންގަވާފައި ވަނީ ގަވައިދާ ހިލާފު އަމަލެއް، ވަރަށް ގޯސް ޕްރެޒިޑެންޓެއް އެ ވަނީ، ދެން ކޮންމެ މެންބަރަކު ވެސް ސޮއިކޮށްލާފައި ހުށަހެޅުމުން ބިލު ވޯޓަށް ނާހާ ދޫކޮށްލަންވީތޯ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މަޖިލިހުގައި ކަންކަން ކުރިޔަށް ދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. ވައްކަމާއި ފަސާދަ ހިންގަވާ ފަރާތްތައް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނަ މަަސައްކަތް ކުރައްވާ އިރު ވެސް، ސަރުކާރު ކޯލިޝަން އޮވެ އެއަށް ވާގިވެރިވާނެ މަޖިލީހެއް ނެތް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.