ދުނިޔެ

އިންޑިއާ އާއި ޕާކިސްތާނުން ގިނަ އެއާޕޯޓުތައް ބަންދުކޮށްފި

Feb 27, 2019

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ބަޑިޖަހައި ވައްޓާލުމާއި ގުޅިގެން، ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުބޮޑުވެފައިވާ ދަނޑިވަޅެއްގައި ދެ ގައުމު ގުޅޭ ބޯޑަރު ކައިރީގައި ހުރި މައި އެއާޕޯޓުތައް ބަންދުކޮށްފި އެވެ.

ޕާކިސްތާނުން ވަކި މުއްދަތެއް ނެތް ގޮތަށް ކަރާޗީ، ލާހޯރުގެ އިތުރުން ޕޭޝާވަރުގައި އޮންނަ އެއާޕޯޓުތައް ވަނީ ބަންދުކޮށްފަ އެވެ. އިންޑިއާ އިން ވެސް ވަނީ، ކަޝްމީރާއި ޕަންޖާބު ސްޓޭޓުގައި ހުރި މައި އެއާޕޯޓުތައް ބަންދުކޮށްފަ އެވެ.

ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން އިއްޔެ ދިން ވައިގެ ހަމަލާއަށްފަހު ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ހޫނުވެފައިވާއިރު، އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި، އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނު ސިފައިން ވަނީ ބުނެފަ އެވެ.

ނަމަވެސް، ޕައިލެޓު ހައްޔަރުކުރި ވާހަކަ އިންޑިއާ އިން ވަނީ ދޮގުކޮށްފަ އެވެ.

އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ވަނީ، ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރު ސަރަހައްދުގެ ކައިރީގައި އޮންނަ އަވަށަކަށް ވައިގެ ހަމަލާތަކެއްދީފަ އެވެ.

އެކަމާއި ގުޅިގެން، އިންޑިއާއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ދީފައިވާ ހަމަލާތަކުގެ ރައްދު ދިނުމުގެ އިހުތިޔާރު ލިބިވެގެންވާކަމުގެ އިންޒާރު ޕާކިސްތާނު ސަރުކާރުން ވަނީ ދީފަ އެވެ.

ނަމަވެސް، އިންޑިއާ އިން ބުނަނީ، އެ ހަމަލާއަކީ، މިމަހު ކުރީކޮޅު ކަޝްމީރުގައި އެގައުމުގެ ސިފައިންތަކެއް މަރާލުމުގައި ބައިވެރިވި ޓެރަރިސްޓް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

"އެ އޮޕަރޭޝަނުގައި، ޖައިޝޭ މުހައްމަދު ޖަމާއަތުގެ އެތަކެއް ހަނގުރާމަވެރިންނާއި، ޖާނުންފިދާވެގެން ދޭ ހަމަލާތަކަށް މީހުން ތަމްރީނުކުރާ މީހުން ވަނީ މަރާލެވިފައި،" އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުން ބުނި ބުނުން، ޕާކިސްތާނު ސިފައިން ވަނީ ދޮގުކޮށްފަ އެވެ.

އިންޑިއާ އިން ހަމަލާދިން ސަރަހައްދުން "އެންމެ ގާކޮޅެއް" ވެސް ފެނިފައިނުވާކަމަށް ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު އާސިފް ޣަފޫރު ވިދާޅުވި އެވެ.

ދެގައުމުގެ މެދުގައި މައްސަލަ ހޫނުވެފައިވާއިރު، ދެފަރާތުންވެސް ހާލަތުގޯސް ނުކުރަން އެމެރިކާގެ އިތުރުން ޗައިނާއިން ވެސް މިހާރު ވަނީ ގޮވާލައިފަ އެވެ.