ހަބަރު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުކަން ރިޔާޒަށް

މިނިވަން މުއައްސަސާތަކާާ ބެހޭ ކޮމިޓީގެ މުގައްރިރުކަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އައްޔަންކޮށްފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް މިއަދާ ހަމަޔަށް ހުންނެވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. ރޮޒެއިނާ އެ މަގާމުން ދުރު ކުރާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެގޮތުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ރޮޒެއިނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެމްޑީޕީ އިން އެ ކޮމިޓީ އިން ރޮޒެއިނާ ވަކި ކުރައްވާފައިވާ ކަމަށެވެ. އަދި އެ ކޮޮމިޓީގެ އާ މުގައްރިރަކަށް ރިޔާޒް ހަމަޖައްސާފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ކުރެއްވި ޓްވީޓު

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން ރޮޒެއިނާ ވިދާޅުވީ އޭނާ އެ ކޮމިޓީ އިން ވަކިކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ އައްޑޫއަށް ދަތުރެއް ކުރަން ޖެހިވަޑައިގަތުމުން އެހެން ކޮމިޓީއަކަށް ބަދަލުވެފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އަޅުގަނޑު މުހިންމު ކަމަކު އައްޑޫއަށް ފުރާވަޑައިގަންނަވަން ޖެހޭ، އެކަމަކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ގިނަ މަސައްކަތް ހުރުމުން އަޅުގަނޑުގެ ބަދަލުގައި އެހެން ބޭފުޅަކު އެ ތަނަށް ބަދަލު ކުރީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރިޔާޒް ރަޝީދު މިނިވަން މުއައްސަސާތަކުގެ މުގައްރިރަކަށް ހަމަޖެއްސެވި އިރު މަރުތަކުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު އެ ކޮމިޓީ އިން ނިންމަވާފައިވާ ގޮތުގެ ތަހުގީގެއް ކުރުމަށް މަޖިލީޙުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވަނީ އަންގަވައިފަ އެވެ. ރިޔާޒް ވިދާޅުވެފައި ވަނީ އެ ބިލު ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.