ކުޅިވަރު

ހޭންޑްބޯލް މުބާރާތުގައި އައިޖީއެމްއެޗް ޖޯޒީގެ މައްސަލަ ބޮޑުވެއްޖެ

Feb 28, 2019
6

މިހާރު ކުރިއަށްދާ، އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގައި، އައިޖީއެމްޗްގެ އަންހެން ޓީމުން ބޭނުން ކުރަމުން އަންނަ ޖޯޒީގެ މައްސަލަ ބޮޑު ވެއްޖެ އެވެ.

މި މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ޖޯޒީ ހުންނަވާނެ ގޮތް މުބާރާތުގެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ. މުބާރާތުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގައި ވަނީ މުބާރާތުގެ ޖޯޒީގައި ނަންބަރު ހުންނަންވާނެ ގޮތާއި ނަން ޖަހަން ވާނަމަ ގޮތް ބަޔާންކޮށްފަ އެވެ.

އެހެންނަމަވެސް އައިޖީއެމްއެޗް ޓީމު، މެޗު ކުޅުނު ފުރަތަމަ މެޗުގައި ބޭނުން ކުރި ޖޯޒީގައި، ނަންބަރު ޖަހާފައިވާ ގޮތާއި ކުޅުންތެރިންގެ ނަން ޖަހާފައިވާ ގޮތް، ގަވާއިދާ ހިލާފުވުމުން އެ ޓީމުން ކުޅުނީ ޖޯޒީ ނަންބަރުގައި ޓޭޕް އަޅައިގެންނެވެ. ޖޯޒީގައިގެ ފުރަގަހުގައި ނަންބަރު މަތީގައި ޕްރިންޓް ކޮށްފައިވާ ކުޅުންތެރިންގެ ނަންމަތީގައިވެސް ވަނީ ޓޭޕް އަޅާފައެވެ. ގަވާއިދުގައި ބުނެފައި ވަނީ، ޖޯޒީގެ ކުރިމަތީގައި ނަންބަރު ޖަހަން ވާނީ، ޖޯޒީގެ މެޔާ ދިމާލުން މެދުގައި ކަމަށެވެ. އައިޖީއެމްޗް ޓޭޕް އަޅައިގެން ކުޅުނީ، އެއް އަރީގައި ނަންބަރު ޖަހައިފައި ވުމުން ނަންބަރު ފޮރުވުމުގެ ގޮތުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި، އައީޖީއެމްޗެގެ ޖޯޒީގައި މައްސަލަ ޖެހުމުން އެ މައްސަލަ ހައްލު ކުރަން 45 މިނެޓް ހޭދަވި އެވެ. އެކަމުގެ ކަންބޮޑުވުން އިދިކޮޅު ޓީމުތަކުން ވަނީ ފާޅުކޮށްފަ އެވެ. އެ މެޗު އައިޖީއެމްޗް ކުޅުނީ ބޮންޑަމާކަރަކުން ނަންބަރުތައް ލިޔެގެންނެވެ. ފަހަތުގައި ނަން ޖަހަން ޖެހޭ ތަނުގައިވެސް މާސްކިން ޓޭޕް އަޅައި ޓޭޕް މަތީގައި އަސްލުނަން ބޮންޑަމާކަރުން ލިޔެގެންނެވެ. ވެ. އެއީ ގަވާއިދާ ހިލާފަށް ނަން ޖަހާފައި ވުމުންނެވެ. ގަވާއިދުގައި ބުނެފައި ވަނީ ޖަހަންޖެހޭނީ ކުޅުންތެރިންގެ އަސްލު ނަން ނުވަތަ އަސްލު ނަމުގައި ހިމެނޭ ނަމެއް ކަމަށެވެ.

އައިޖީއެމް ޖޯޒީގެ މައްސަލަ ޖެހި، މެޗު ފެށެން ހަމަޖެހިފައިވާ ގާޑިއަށް ނުފެށި ލަސްވުމުން، ޓީމުތަކުން ވަނީ އެކަމުގެ ޝަކުވާ މުބާރާތް އިންތިޒާމު ކުރާ ފަރާތަށް ރަސްމީކޮށް (ލިޔުމުން) ހުށަހަޅާފަ އެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު އެ މައްސަލަ ދިމާވުމުން، ހޭންޑްބޯލް މޯލްޑިވްސްއިން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ، މުބާރާތުގެ ގަވާއިދާ ހިލާފަށް ޖޯޒީ ތައްޔާރު ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި ގަވައިދާ ހިލާފަށް ޖޯޒީ ހުންނަ ޓީމުތައް މުބާރާތުން ޑިސްކޮލިފައި ކުރާނެ ކަމަށެވެ.

ފުރަތަމަ މެޗަށް ފަހު އައިޖީއެމްޗްގެ ޖޯޒީގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، ދެ ވަނަ މެޗުގައިވެސް އެ ޓީމުން ޖެހުނީ ޖޯޒީ އަޅާފައިވާ ގޮތަށް ބަދަލު ގެންނާށެވެ. މިފަހަރު މައްސަލަ ދިމާވީ ދެ ޓީމުގެ ޖޯޒީ އެއްގޮތް ވުމުގެ މައްސަލަ އެވެ. ޖޯޒީ އެއްގޮތް ވުމުން އަވޭ ޓީމުގެ ހައިސިއްޔަތުން އައިޖީއެމްއެޗްގެ ޖޯޒީއަށް ބަދަލު ގެންނަން ޖެހުމުން އެ ޓީމުން ކުޅުނީ ބިބެއް ލައިގެންނެވެ.

ބިބްގެ ފަހަތުން، ކަފާލައި ފުރަގަހުން ނަންބަރު ފެންނަގޮތަށް ހެދި އެވެ. ބިބް ލުމުން ކުރިމަތިން ފެންނަން ޖެހޭ ނަންބަރާއި ޖޯޒީ ނަންބަރުގެ މަތިން ފެންނަން ޖެހޭ ކުޅުންތެރިޔާގެ ނަން އައިޖީއެމްޗް ޓީމުގެ ޖޯޒީން 'ގެއްލުމުން" އިދިކޮޅު ޓީމުތަކުން އެ މައްސަލަ ފެންމަތި ކުރި އެވެ. ބައެއް ޓީމުތަކުން ފާހަގަ ކޮށްފައިވަނީ އައިޖީއެމްޗް ޓީމަށް އެސޯސިއޭޝަނުން ފިޔަވަޅު އަޅަން ފަސް ޖެހޭ ކަމަށެވެ.

މިކަމާ ބެހޭގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ، މެޗު ފެށެންވާއިރު ޖޯޒީގެ މައްސަލަ ދިމާވެއްޖެނަ އެކަން ހައްލު ކުރުމަށް 15 މިނެޓަށް މެޗު ނުފަށައި މަޑުކަރަން، ގަވާއިދަށް ފަހުން މާއްދާއެއް އިތުރު ކޮށްފައި ވާނެ ކަމަށެވެ.

"މެޗު ފަށަން ހަމަޖެހިފައިވާ ގަޑިއަށް ކުޅުންތެރިން ހަމަނުވެއްޖެނަމަ ނުވަތަ ޖޯޒީގެ މައްސަލަ ދިމާވެއްޖެނަމަ އެކަން ހައްލު ކުރަން، 15 މިނެޓް ދިނުމަށް ގަވާއިދަށް މާއްދާއެއް އިތުރުކޮށްފައި ވާނީ،" މުބާރާތް އިންތިޒާމު ކުރުމުގައި އުޅުއްވާ އޮފިޝަލް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ބޭނުމަކީ ހުރިހާ ޓީމުތަކަށްވެސް އެހީވުން، ޖޯޒީގެ މައްސަލަ ދިމާވީ އައިޖީއެމްޗް ޓީމުގެ ޖޯޒީގައި އެކަންޏެއް ނޫން، ޕީއެސްއެމް އާއި ހުޅުމާލޭ ހޮސްޕިޓަލް ކުޅުނު މެޗުގައިވެސް މައްސަލަ ދިމާވުމުންވެސް ހައްލުކުރަން އަޅުގަނޑުމެން ފުރުސަތު ދިނިން."

އެހެންނަމަވެސް، ޓީމުތަކުން ބުނެފައި ވަނީި، މުބާރާތުގެ ގަވާއިދަށް، އެފަދަ މާއްދާއެއް އިތުރުކުރިކަން ހޭންޑްބޯލް މޯލްޑިވްސްއިން ޓީމުތަކަށް އަންގާފައި ނުވާ ކަމަށެވެ.