ހަބަރު

މަޖިލީހުގެ ތެެރެއިން ކޮމިޝަންތަކަށް ބާރު ނުލިބުމުން ކަންބޮޑުވޭ: އެމްއާރުއެމް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންތަކަށް ލިބެންޖެހޭ ގާނޫނީ ބާރު މަޖިލީހުގެ ތެރެއިން ނުލިބި ލަސްވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެހުންނަވާ އުފައްދަވަން މަސައްކަތް ކުރާ އެމްއާރުއެމްގެ ސްޕޯކްސް ޕާސަން ތަޒުމީލް އަބުދުއްސަމަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަން ތެރެއިން ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ.

އެގޮތުން، ރައީސް ސޯލިހު އުފައްދަވާފައިވާ ދެ ކޮމިޝަނަށް ކޯލިޝަންގެ މެޖޯރިޓީ އޮވެ، މަޖިލީހުގެ ތެެރެއިން ގާނޫނީ ބާރު ނުލިބުމަކީ އެމްއާރުއެމްއިން ކަންބޮޑު ވާކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންތަކެއްގެ ހައްގުތަކެއް ނިގުޅައިގަނެވިގެންދާ ކަމަށާއި، މުޅި ދައުލަތުގެ ހައްގު އޮންނަ ކަންކަމުގައި އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ތަޒުމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން ރައީސް މައުމޫންވެސް އެކަންކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ތަޒުމީލް ވަނީ ވިދާޅުވެފަ އެވެ.

މަރުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރަން މަޑު ޖައްސާލަން މިއަދު މަޖިލީހުން ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ދިރާސާ ކުރެއްވި ގޮތް އިތުރަށް ބެލަންދެކަށެވެ.