ލައިފްސްޓައިލް

މައިންޑްސެޓް މުޅީން ބަދަލުކޮށްލަމާ!

ކަންކަން ގޯސްވުމުގެ ކުރިން ދުރާލައި އެކަމަކަށް ތައްޔާރުވެ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ބައި އަހަރުމެންގެ ތެރޭ ވަރަށް ނެތޭ ބުނެވިދާނެ އެވެ. ފަހަކަށް އައިސް މޫދާއި ކަނޑުމަތީ ހިތާމަވެރި ގިނަ ހާދިސާތައް ހިނގައި އޭގެ ތެރެއިން ބައެއް މީހުންގެ ފުރާނަ ގެއްލިފައި ވެއްޖެ އެވެ. ނަމަވެސް މޫދާ ގުޅޭ އެފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ބަލައިގެން އާއްމުކޮށް މޫދަށް އެރޭ ސަރަހައްދުގައި ލައިފްގާޑުން ތިބެނީ ކިތައް ރަށުގައި ހެއްުޔެވެ؟

ކަފިހިހުރަހުން މަގު ހުރަސް ކުރުމަކީ މަގުމަތީ ދުއްވުމުގެ ގަވާއިދުގައި ބާރު އާޅަފައި އޮތް ކަމެކެވެ. ނަމަވެސް ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި ކުޑަކުއްޖަކު ނުވަތަ މުސްކުޅިއަކު މަގުހުރަސް ކުރަންދެން އެއްވެސް ކެއްތެރިކަމެއް ނެތި ބާރު ބާރަށް އެމީހާގެ ކާރު، ސައިކަލްގައި ދަނީއެވެ. ދާދިފަހުން ކަފިހިހުރަސް މަތިން މީހަކު ހުރަސް ކުރަނިކޮށް ކާރަކުން ޖެހި އަނިޔާވި މީހާ ހޮސްޕިޓަލްގައި އޮއްވާ އެފަދަ ދެވަނަ ހާދިސާއެއް އަތުވެއްޖެ އެވެ. އޭގެ ފަހު މިހާރު ކުޑަކުޑަކޮށް ލޯ ހުޅުވާލައި ހިސާބަކަށް ބަލާލައިގެން އުޅެހެން އެބަހީވެއެވެ.

ރާއްޖޭގެ އިމާރަތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުއްޖަކު މަރުވެއްޖެ އެވެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަންތަން ވެސް ގަވާއިދުން ކަންކުރޭތޯ ބަލައި ލައިސަންސް ހިފަހައްޓަން ބަލަން ތިބި މުއައްސަސާތަކަށް ވެސް ނިދިން ހޭލެވި މަސައްކަތް ކުރަން ފެށުނީ ބަންގާޅުގެ އެ ކުއްޖެއްގެ ފުރާނާ ދިއުމާއި އެފަދަ އެހެން ބައިވަރު ހާދިސާތައް ކައިރި ކައިރިން އައުމުންނެވެ.

ދުރާލާ މިކަހަލަ ކަންކަން ބަލައި އިސްލާހު ކުރަން ފިޔަވަޅު އެޅުމުގެ ޒިންމާ ނުނަގަނީ ކީއްވެ ހެއްޔެވެ؟ ކަމެއް ގޯސްވުމުން ހާވައިގެން ހުއްދަ ބާތިލް ކުރުމުގެ ބަދަލުގައި ކަމެއް ގޯސްކޮށް ހިނގާތޯ ބަލާނެ ބަޔަކު ނުތިބެނީ ކީއްވެ؟

މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންގެ ރައްކާތެރި ކަމަށް ހުރަސް އަޅާފަދަ ގޮތް ގޮތަށް އުސް އިމާރާތްތަކުގެ މަތީގައި އެއްޗެއްހި ބަހައްޓައިގެން އުޅުމަކީ އާންމު ކަމެކެވެ. ހުނިގޮނޑި އާއި ގަސްމުށިގަނށާއި ގިނަދުވަސްވެފައިވާ އެއާކޯން އައުޓްޑޯ ޔުނިޓުތަކުގެ ފޮޓޯ އާއި ބާލިދީ އާއި ހަނބުރި ބުރި އާއި މޮޕްތައް މިހާރު ސޯޝަލް މީޑީއާގައި ވަރަށް ބޮޑަށް އެބަ ދައުރުވެއެވެ. އެހެންވެ މާލޭގެ މަގުމަތީގައި ހިނގާފައިވެސް އުޅެންވީ ހެލްމެޓް އަޅައިގެން ކަމަށް ކޮމެންޓް ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިއީ ކަމެއް ގޯސްވުމުގެ ކުރިން ހިނގާފާނެ ނުރައްކާތެރި ހާދިސާއަކަށް ތައްޔާރު ނުވެ ތިބި ކަމުގެ މިންވަރު އަނގައިދޭ ވެސް ކަމެކެވެ.

ޒިންމާދާރު މީހުންގެ ގޮތަކީ މިއެއް ނޫނެވެ. ޒިންމާދާރު މީހުން އެމީހުންގެ ކޮންމެ އަމަލަކީ ކޮންމެވެސް ކަމަކަށް ގެންނަ ރިއެކްޝަނެއްގެ ބަދަލުގައި ދުރާލައި ރާވައިގެން ދިމާވެދާނެ ހާލަތަކަށް ތައްޔާރަށް ތިބެ އަޅާ ފިޔަވަޅަކަށް ކަންކަން ހަދަ އެވެ.

ޕްރޯއެކްޓިވް މީހުންނަކީ އެމީހުންގެ އުޅުމަށް ވެސް ޒިންމާ ނަގާ މީހުންނެވެ. އަތްދަށުން ކަންކަން ދޫވެގެން ދިއުމުގެ ބަދަލުގައި އެމީހުންނަށް ކޮންޓްރޯލް ކުރެވޭ ކަންކަމަށް ރަނގަޅު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާނެ އެވެ. މިސާލަކަށް އަމިއްލަ ސިއްހަތާއި ކުދިންނާއި އޮފީސް މާހައުލުގައި ދިމާވެދާނެ މައްސަލަތައް ހިމެނެއެވެ.

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޕްރޯއެކްޓިވް ވެވިދާނެ އެވެ. އޮފީސް މާހައުލުގައި ވެސް ޕްރޮއެކްޓިވް ވުމަކީ މީހާގެ ވަޒީފާ ކުރިއެރުމަށާއެކު ރަނގަޅު ފުރުސަތަކުތަކެއް ވެސް ފަހިވާނެ ކަމެކެވެ. އަބަދު އެއްކަމެއްގައި އުޅޭނަމަ މީހާ ފޫހިވާ ގޮތް މެދުވެރި ވެއެވެ. އެހެންކަމުން ޕްރޯއެކްޓިވް މީހުންގެ ގޮތަކީ އާ ކަންކަމާއި ކުރިމަތިލައި އާ ޗެލެންޖުތަކަށް މަރުހަބާ ކިއުމެވެ.

ޗެލެންޖަކަށް ވާނީ މީހާގެ އުޅުމަށް ބަދަލު އަންނަ ކޮންމެ ކަމެކެވެ. މިއީ އޮފީހުގައި އާ މަސައްކަތެއް ކުރުމަށް އިސް ނެގުން ކަމުގައި ވިއަސް، ނުވަތަ ރޭހެއްގައި ދުވަން ނިންމުން ކަމުގައި ވިއަސް އެވެ.

ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ޕްރޯއެކްޓިވް ވުމުން އެތައް ފައިދާއެއް އޮވެ އެވެ. އެއްވެސް ކަމެއް ދެންވާނެ ގޮތެއް ނޭގި، ޕްލޭނެއް ވެސަް ނެތި ކުރާނެ ކަމެއް ނެތި ގޮތް ހުސްވެގެން އުޅޭކަށް އޭރުން ނުޖެހެ އެވެ.

އަބަދުވެސް މަސައަކްތަތް ކުރަންވީ ކަންކަން ބަދަލު ކުރުމަށެވެ. ކަންކަން ރަނގަޅު ކުރުމަށެވެ. މިއަދަށް ވުރެ ދިރިއުޅުމުގައި ބޮޑެތި ކަންކަން މާދަމާ ތަޖުރިބާ ކުރަން ޖެހިދާނެތީ އެ މައިންޑްސެޓްގަ އެވެ. އޭރުން އަތްދަށުން ދޫވެގެންދާ ކަންކަން މަދުވެ ކާމިޔާބަށް ވާސިލްވާނެ އެވެ.