ރިޕޯޓް

މެންބަރުން ފެންނަނީ، ރައްޔިތުން ބަލަން ތިބޭ!

މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ރައްޔިތުން އެދުނު އެންމެ ބޮޑު ކަމަކީ އަންދާޒާ ނުކުރެވޭހާ މިންވަރަށް ދައުލަތުގެ ތެރޭގައި ހިޔާނާތް އިތުރުވެފައި އޮތް އޮތުން ހުއްޓުވައި އެކަން ކުރި ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމެވެ. އަދި ގެއްލުވާލުމާއި ޝައްކު އުފެދޭ ބޮޑެތި މަރުތަކުގެ މައްސަލަ ރަނގަޅަށް ބަލާ އަސްލު ކުށްވެރިން އަތުލަައިގަނެ އިންސާފު ހޯދުމެވެ.

ރިޔާސީ އިންތިހާާބުގެ ކުރިން ރާއްޖޭގެ ޖަލުތަކުގައި ތިއްބަވައިގެން ނެރުއްވި ބަޔާންތަކުންނާއި އެކި ގައުމުތަކުގެ ހިމާޔާތް ހޯއްދަވައިގެން ކުރެއްވި ސްކައިޕް ވީޑިއޯ ކޯލްތަކުގެ ޒަރިއްޔާއިން ޕާޓީތަކުގެ ލީޑަރުން ވައުދުވެވަޑައިގަތީ ހަމަ މަގަށް ރާއްޖެ އެޅުވުމަށެވެ. އޭރު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ރައްޔިތުންގެ އެ ކަންބޮޑުވުމަށް ހައްލު ހޯއްދަވައި ދެއްވުމެވެ.

ވައުދުވެވަޑައިގަތް ގޮތަށް ރައީސުލްޖޫމްހޫރިއްޔާގެ މަގާމްއާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ރައީސް ސޯލިހު ވަނީ ގެއްލުވާލެވިފައިވާ މީހުންނާއި މަރުތަކުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބަލާނެ ހާއްސަ ދެ ކޮމިޝަންއެއް އުފައްދަވައިފަ އެވެ. ސީދާ ރައީސްގެ ބެލުމުގެ ދަށުން އެމަނިކުފާނަށް އެޅުއްވޭނެ އެންމެ އަވަސް އަދި ސީދާ ފިޔަވަޅަކީ ވެސް އެއީ އެވެ. ސަބަބަކަށް އެ މަސައްކަތުގައި އުޅުއްވި ފަރާތްތަކުން ވިދާޅުވަނީ ހިޔާނާތާއި މަރުގެ މައްސަލަތައް ބަލަން ތިބި މުއައްސަސާތަކުގެ ތެރެއަށް ވެސް ނުފޫޒު ވަދެފައިވާ ކަމަށް ތުހުމަތުތަކާއި އިންޓެލިޖަންސް ރިޕޯޓުތަކުން ދައްކާތީ، ރައީސްގެ ސީދާ ބެލުމުގެ ދަށުން އިތުބާރު ކުރެވޭ ކޮމިޝަންތަކަކަށް އެކަން ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަކީ އެންމެ ރަނގަޅު ގޮތް ފެންނާތީ އެވެ.

ކޮމިޝަންތައް އެކުލަވާޅުމަށް ފަހު ބާކީ މަސައްކަތްތައް ރައީސް ސޯލިހު ދޫކޮށްލެއްވީ ހަތަރު ލީޑަރުންނަށާއި އެ ލީޑަރުންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަންދޫބުންގެ އަތްމައްޗަށެވެ. އެއް ގަލަކަށް އަރުއްވައިގެން ރައްޔިތުން މަޖިލީހުގެ ތެރެއިން އެ ކޮމިޝަންތަކަށް ބާރު ދީ ރައްޔިތުން އެންމެ ބޮޑަށް އެދުނު ކަންކަން ހާސިލު ކުރުމަށް ޖާގަ ދިނުމަށެވެ.

ނަމަވެސް މަޖިލީހުގެ ތެރޭގައި އެ މައްސަލަ ޕާކުކޮށްފައި އޮންނަތާ 87 ދުވަސްވީ އެވެ. އަމާނަތްތެރިކަމާއެކު ރައްޔިތުން ހަވާލު ކުރެއްވި މަސައްކަތްތަށް ކުރުމުގެ ބަދަލުގައި ހިޔާނާތާއި މަރުތަކުގެ މައްސަލަތައް ބެލެން އޮތް ފަހަރަކު ދޮރެއް ދިޔައީ ރައްޔިތުންގެ "މޫނު މައްޗަށް ޖަހާ" ބަންދު ކުރަމުންނެވެ.

ކޮމިޝަންތަކުގެ ބިލު ހުށަހެޅުމާއެކު އިދިކޮޅު ޕީޕީއެމްގެ ހުރި ކަންބޮޑުވުންތަކެއްގެ މައްޗައް ބިނާކޮށް ކޮމިޝަންތަކަށް ބާރު ދިނުމުގެ ކުރިން ކޮމިޓީ މަރުހަލާގައި "ފިޔަކޮށާލައިފި" އެވެ. އެގޮތުން އެންމެ ފުރަތަމަ ބިލް ހުށަހެޅި އިރު ކޮމިޝަންތަކުން ކުރާ ތަހުގީގުތަކާ ގުޅިގެން ފުލުހުން މެދުވެރިކޮށް ތަންތަން ބަލައި ފާސް ކުރުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި ކޯޓ އަމުރަކަށް އެދުމުގެ ފުރުސަތާއި ހެކިތައް ހިފެހެއްޓުމާއި ބޭންކް އެކައުންޓުގެ މައުލޫމާތު ހޯދުމުގެ އިތުރުން އެކައުންޓުތައް ފްރީޒް ކުރުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބިގެންވެ އެވެ. ނަމަވެސް ކޮމިޓީ މަރުހަލާއިން އެ ހުރިހާ ބާރުތަކެއް ވަނީ އުނިކޮށްފަ އެވެ.

ބާރުތައް ނެގުމުގެ އިތުރުން އެ މައްސަލާގައި ވޯޓަށް އެހި ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އިންތިހާބުކޮށްފައިވާ މެންބަރުން "ފިއްލަވަނީ" އެވެ. ތާވަލުން ވެސް ނަގާ، މަޑު ޖައްސާލީ އެވެ. ފުރަތަމަ ދުވަހު ވެސް އެ ބިލަށް ވޯޓަށް އެހި އިރު ސަރުކާރު ކޯލިޝަން ޕާޓީތަކުގެ ބައެއް މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމް އިން ކުރި މުޒާހަރާގަ އެވެ. އޭގެ ފަހުން މި ދައުރުގައި އެ މަސައްކަތް ކުރަން އުޅުން ކޮންމެ ފަހަރަކު ވެސް ސީދާ ވޯޓަށް އަހާ ގަޑިއަށް ކޯރަމް ގެއްލުވާލުމަށް ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުން ނިކުމެގެން ދެ އެވެ.

"ރައްޔިތުންނަށް އިހުލާސްތެރި މިންވަރު މި ފެންނަނީ، މާދަމާ ވެސް ރައްޔިތުން ގާތަށް ގޮސް ވޯޓަށް އަހަން ތިއްބެވި މެންބަރުންގެ ހާލަތު ރައްޔިތުންނަށް ފެންނަނީ. މަޖިލީހުގައި ވޯޓަށް އަހާ ގަޑިއަށް މެންބަރުންތައް ބައި ހަދާފައި ނިކުންނަނީ. ނޫނީ ނުވަންނަން ތަޅުމުގެ ބޭރުގައި ސައިކޮޓަރީގައި މެންބަރުން ތިއްބަވަނީ. މިއީ މި ބޭފުޅުންނަށް ރައްޔިތުން ހަވާލު ކުރެއްވި މަަސައްކަތް ޒިންމާ ދާރުކަމާއެކު ކުރައްވާ ގޮތް، ރައްޔިތުންނަށް މި މަންޒަރުތައް ފެންނާނެ،" ދެ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް އެހި ހުރިހާ ދުވަހު ތަޅުމުގައި އިންނެވި ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރަކު ވިދާޅުވި އެވެ.

އެ މެންބަރުން ވިދާޅުވި ގޮތުގައި ދެ ކޮމިޝަނަށް ބާރު ދޭ ބިލު ފާސް ނުކޮށްގެން އުޅެނީ އޭގައި ހުރި މައްސަލަތަކަކަށް ކަމަށް ވާނަ މިއަދާ ހަމަޔަށް އައިއިރު އެކަން ފާހަގަކޮށް ވާނީ އިސްލާހުކޮށްފަ އެވެ. ނަމަވެސް އޭގެން އިތުރަށް ފުރޭނޭނެ މައްސަލައެއް ނުފެނުމުން ފާސް ނުކުރާން ބަހަނާއަކަށް ރިޕޯޓުގެ މައްސަލައެއް ކަމަށް ބުނެ ބިލު އެޖެންޑާ އިން ވެސް ނެގީ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން އެ ބިލާބެހޭ ކޮމިޓީ ރިޕޯޓްގައި ވެސް މައްސަލައެއް ނެތް އިރު އެކަން ކުރެއްވީ ސީދާ ރޭވުމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިލު މަޖިލީހަށް ހުށަހެޅިތާ މި ހިނގަނީ ތިން ވަނަ މަސް. ކޮމިޓީ ރިޕޯޓުގައި މައްސަލައެއް އުޅޭ ނަމަ މިއަަދަކު ނޫން އެ ފެންނަންވީ. މިވީހާ ދުވަހު ނެތް މައްސަލައެއް މިއަދު ކުއްލިއަކަށް އުފަންވީ ކީއްވެ، މިއީ ރައްޔިތުން ވިސްނަން ޖެހޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.

އެއާއެކު އުފެދޭ ސުވާލަކީ ކޮމިޝަންތަކަށް ބާރު ދޭން މަޖިލިސް މެންބަރުން ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟ އެމްޑީޕީ ނޫނަސް ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ވައްކަމާއި މަރުތައް ތަހުގީގު ކުރުމަށް އެދި މަގު މަތީ ރޮއެ އާދޭސް ކުރި ނޫން ހެއްޔެވެ؟ އޭރު އަޑު އުފުލަމުން ދިޔަ 12 މެންބަރުން މިހާރު ކޮބައި ހެއްޔެވެ؟ ހަދާނެ އެއްޗެއް ހަދަންދެއް ލީޑަރުން އަތް އުރާލައިގެން ތިއްބަވަނީ ކީއްވެ ހެއްޔެވެ؟

ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާ ކޮމިޝަންތަކަކަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ބާރު ދޭން ބޭނުން ނުވޭ ބުނުމުން ކޮންމެ ރައްޔިތެއްގެ ހިތަށް ވެސް އެންމެ ފުރަތަމަ އަރާނެ ސަބަބަކީ ވޯޓު ނުދޭން އުޅެނީ އެ މެންބަރެއްގެ ހިޔާނާތުގެ މައްސަލަތަކެއް ވެސް ފަޅާ އަރާފާނެތީ އެވެ. އަމިއްލައަށް މީހާ ފިހޭނެ ކަން އެނގި ހުރެ ހުޅުގަނޑު ރޯކޮށްލަން ބޭނުންވާނީ ކޮން މެންބަރެއް ހެއްޔެވެ؟

އެ ނޫނީ ދެން ބެލެވޭނީ ހިޔާނާތުގެ ކަންކަން ފޮރުވަން ބޭނުންވާ ބާރު ގަދަ ފަރާތްްތަކެއް އެކަމަށް ހުރަސް އެޅުމުގެ ބޭނުމުގައި މަޖިލިސް މެންބަރުން ބޭނުން ކުރެއްވުމެވެ. ދައުލަތުން ދަރާ އޮތް ބޮޑެތި ވިޔަފާރިވެރިންގެ އިތުރުން ފުލުހުންނާއި ސިފައިންގެ ތެރޭގައި ވެސް ކޮރޮޕްޝަނާއި ނުފޫޒުތަކުގައި ޖެހިފައިވާ ކަމުގެ ތުހުމަތުތައް އޮތް އިރު އެކަންކަން ތަހުގީގު ކުރަން އެ ބޭފުޅުން ބޭނުން ނުވާތީ ފޯރުވާ ނުފޫޒެއްގެ ސަބަބުން އެޅޭ ހުރަސްތަކަކަށް ވެދާނެ އެވެ.

ދެން އޮތީ ސިޔާސީ ސަބަބުތަކެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމުގެ ތެރޭގައި ހުރިހާ ރޯޅިއެއް ރައީސް ސޯލިހުގެ ވައުދުތަކަށް މަޖިލީހުގެ އެންމެ ބާރު އޮތް ޖުމްހޫރީ ޕާޓީން ބާލަނީ އެވެ. އެހެންކަމުން އެންމެ ބޮޑު އަދި މުހިންމު ވައުދަށް ހުރަސް އެޅުމާއި އިދިކޮޅު ޕީޕީއެމްއާ ގުޅިގެން ކުރާ މަސައްކަތެއްގެ ތެރެއިން ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ފެއިލްކޮށްލަނީ އެވެ.

މިއީ ހައްތަހާ ވެސް ސުވާލެވެ. ރައްޔިތުން ވިސްނަން ޖެހޭ ކަންކަމެވެ. މިއިން ކޮންމެ ސަބަބަކަށް ބެލިޔަސް ރައްޔިތުންނަށް ފައިދާއަކަށް ނުވަތަ ރައްޔިތަކަށް ވިސްނާފައި މެންބަރަކު އެޅި ފިޔަވަޅެއް ނޫންކަން އެނގެ އެވެ. ދެ ކޮމިޝަނަށް ބާރު ނުދޭން އުޅެނީ އެ މެންބަރެއްގެ އަމިއްލަ މަސްލަހަތު ހުރުމުން ނޫނީ ސިޔާސީ ފައިދާތަކަށް ކަން އެނގެ އެވެ. މާދަމާ ރައްޔިތުން ގާތަށް ވޯޓަކަށް އަހަން ވެސް ތިބީ މި މެންބަރުންނެއް ނޫންތޯ އެވެ. ހިޔާނާތް ބަލަން އެހީވިހޭ ނުވަތަ މަރުތަކުގެ މައްސަލަތައް ބަލާ އިންސާފު ހޯދައިދޭން މަސައްކަތް ކުރިހޭ އެހުމުން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ރައްޔިތުންނަށް ވިއްކާނީ ކޮން ސިޔާސަތެއް ހެއްޔެވެ؟

މެޖޯރިޓީ ސަރުކާރުގައި، ބާރުތައް އިދިކޮޅުގައި!

ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ މިއޮތް ނިޒާމުގެ ތެރޭގައި އެންމެ ބާރު އިދާރާ އެވެ. އެކަން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރަށްވީ ގޮތުން ވެސް އެނގިގެން ދެ އެވެ. ހަގީގަތަކީ ޕާލިމެންޓަކީ ހުރިހާ މުއައްސަސާތަކަށް ވެސް ބޭފުޅުން އައްޔަން ކުރާ ތަން ކަމަށް ވާތީ އެތަންތަން ކޮންމެވެސް މިންވަރަކަށް އޮންނަނީ މަޖިލީހުގެ ބާރު އޮތް ފަރާތަކަށް ލެނބިފަ އެވެ.

މަޖިލިސް މެންބަރުން ޕާޓީތަކަށް މިހާރު ބަހާލެވިފައިވާ ގޮަތަށް ބަލާއިރު މަޖިލީހުގައި އެންމެ ގިނައީ ޖުމްހޫރީ ޕާޓީގެ މެންބަރުންނެވެ. އެމްޑީޕީ ބައެއް މެންބަރުން މިނިސްޓަރުންގެ މަގާމަށް އައްޔަން ކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމުގެ ސަބަބުން މެޖޯރިޓީ ލީޑަރުކަން އެމްޑީޕީއަކަށް ނުލިބުނެވެ. އެ ޕާޓީއަކީ ދެވަނައަށް އެންމެ ބޮޑު ޕާޓީ އެވެ. ދެން ހުރީ ޕީޕީއެމް ޕީއެންސީގެ މެންބަރުންނާއި އެމްޑީއޭ އާއި އަދާލަތެވެ.

އެގޮތަށް ބަލާއިރު ސަރުކާރު ހިންގާ ކޯލިޝަން އެއްކޮޅަކަށް އަރައިފި ނަމަ 60 އަށް ވުރެ ގިނަ މެންބަރުންގެ ވޯޓު ކަށަވަރު ކުރެވެ އެވެ. ބިޔަ މެޖޯރިޓީއެއް އޮތީ ލިބިފަ އެވެ. ނަމަވެސް މަޖިލީހުގައި މިހާރު ކަން ހިނގަނީ އެ އުސޫލަކުންނެއް ނޫނެވެ. ބިޔަ މެޖޯރިޓީ ސަރުކާރުގައި އޮވެމެ، ބާރުގަދައީ އިދިކޮޅުގައި ތިއްބެވި ޕީޕީއެމް، ޕީއެންސީ ކޯލިޝަނެވެ. ކީއްވެ ހެއްޔެވެ؟

އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް މަސައްކަތް ކުރެއްވުމަށް ފަހު މިހާރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންނަވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު "އަވަސް" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގައި މިއަދު އިދިކޮޅު ފަރާތެއް ނުވަތަ ސަރުކާރު ކޯލިޝަންގެ މެންބަރުންނަކީ ކޮބައިކަން ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކޯލިޝަންގެ ތެރޭގައި އޮވެ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމް އާއެކުގައި ވެސް މަސައްކަތް ކުރަނީ އެވެ. އެއާއެކު އެ ޕާޓީއަކީ އިދިކޮޅު ފަރާތަކަށް ވެސް އަދި ސަރުކާރަށް ތާއީދު ކުރާ ފަރާތަކަށް ވެސް އެބަވެ އެވެ.

"ސަރުކާރުގެ ޕޮލިސީތަކުގެ ތެރެއިން ރާވައިގެން ފޮނުވާ ބިލުތައް އެންޑޯޒްކޮށް އެއަށް ވޯޓް ދިނުމަކީ ސަރުކާރު ވެރިކަމަށް އައި ކޯލިޝަންގެ ހުރިހާ ޕާޓްނަރުންގެ ޒިންމާއެއް، އެއަށް ވޯޓު ދިނުމަކީ އެ ފަރާތްތަކުން ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ،ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނެއްގައި އިރުގައި ވެސް މަސައްކަތް ކުރަމުން އައި އެ ބީދައިން. ނަމަވެސް މިއަދު މި ފެންނަނީ ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތައް އިދިކޮޅުގެ ރޯލު ވެސް އަދާ ކުރައްވާތަން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ އިދިކޮޅު ފަރާތްތަކަށް ވާގިވާން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސް ކަމެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ ކަމަށް އެ ޕާޓީގެ މެންބަރަކު އިންތިހާބު ވެއްޖެ ނަމަ އެއީ ޕާޓީގެ އެންމެ އިސް ފަރާތަށް ވެސް ވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ޕާޓީ ހިންގަމުން އަންނަނީ ރައީސް ނަޝީދު ކަމަށް ވާތީ އެވެ.

ޕާޓީތަކާއެކު ކުރިން ވެފައި އޮތް އެއްބަސްވުން ދަމަހައްޓާ، ގުޅިގެން މަސައްކަތް ކުރަން ރައީސް ސޯލިހު ކިތަންމެ ބޭނުންވިޔަސް ރައީސް ނަޝީދު އެކަން ކުރައްވަން ބޭނުން ވެވަޑައި ނުގަންނަވާތީ އެހެން ޕާޓީތަކުން ވެސް އަމިއްލަ ގޮތް ގެންގުޅެން ފެށީ އެވެ. އެމްޑީޕީ ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރޭގައި ވެސް ކަންކަން ނުނިމެނީ އެ ސަބަބާ ހެދި ކަމަށް މޫސަ ވިދާޅުވެ އެވެ.

"ރައީސް ނަޝީދުގެ އެޖެންޑާ 19 ރަނގަޅަށް ދިރާސާކޮށްލާއިރު އެއީ ހަމައެކަނި މަޖިލީހަށް ވަޑައިގަންނަވަން ކުރާ މަސައްލކަތެއް ނޫންކަން އެނގޭނެ، ހީވަނީ ވެރިކަމަށް އައުމަށް ގެންގުޅޭ ބޮޑު މެނިފެސްޓޯއެއް ހެން، އެކަން އޮތީ އެހެން އެމްޑިޕީގެ ފުނޑުފުނޑު ވެގެން މިދަނީ އެކަންކަމާ ހެދި، އެކަން ހައްލުނުވެ ޕާޓީތަކެއް ވެސް ހައްލެއް ނުވާނެ" މޫސަ ވިދާޅުވި އެވެ.

ކޮމިޝަންތަކަށް ބާރު ދިނުމަކީ ރައްތިތުން މިއަދު އެންމެ ބޭނުންވާ ކަންކަމެވެ. ރައްޔިތުންނަށް މެންބަރުންނާއި ވެރިން ވެސް ވެވަޑައިގެންފައިވާ ވައުދެކެވެ. އެ ވައުދު ނުފުއްދާ އިތުރު ވައުދުތަކާ އެކު ވަރަށް އަވަހަށް ރައްޔިތުން ގާތަށް އަންނަން ޖެހޭނެ އެވެ. މެންބަރުންގެ އަސްލު ސިފަ ރައްޔިތުން ބަލަން ތިބޭށެވެ.