ދުނިޔެ

އާ އުއްމީދުތަކަކާއެކު ޓްރަމްޕް އާއި ކިމްގެ މަޝްވަރާތައް ކުރިއަށް

Feb 28, 2019

ހަނޯއީ (ފެބްރުއަރީ 28) - މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖަންގް އުންގެ އެންމެ ފަހު މަޝްވަރާތައް ފެށިގެން ކުރިއަށް އެބަދެ އެވެ.

ދެ ލީދަރުންގެ މެދުގައި ބޭއްވޭ ދެވަނަ ސަމިޓް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.

ޓްރަމްޕް ވަނީ މިދިޔަ ޖޫން މަހު އުތުރު ކޮރެއާގެ ލީޑަރުން ކިމް ޖޮންގް އުން އާއެކު ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ. އެ ތާރީހީ ސަމިޓުގައި، ކޮރެއާ ސަރަހައްދަކީ ނިއުކުލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އެ މަސައްކަތަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ.

ދެ ލީޑަރުން ވަކިން މިއަދު ކުރެވޭ މަޝްވަރާތަކުގައި އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިދާނެތޯ އެއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެވެ.

"މާ އަވަސް އަރުވާލައިގެން ނޫޅެން، ބޭނުންވަނީ އެންމެ ރަނގަޅު އެއްބަސްވުމަކަށް އަންނަން،" އެ ބައްދަލުވުމުގެ ކުރިން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ކިމް ވެސް ވަނީ "ރަނގަޅު ނަތީޖާތަކެއް" ނެރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގެ ކުރިން، ދެ ލީޑަރުން ވަނީ އިއްޔެގެ ރޭގަނޑުގެ ފަރިއްކޮޅު އެކުގައި ނަންގަވައިފަ އެވެ.

ނަމަވެސް، ނިއުކުލިއާ ހަތިޔާރު ނައްތާލުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް މިފަހަރުވެސް ނާދެވޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވި ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީން ކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާއެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަ ކުރައްވާފަ އެވެ.