ކުޅިވަރު

ސައިކްލޯން ބަލިކޮށް ޔޫއެން ފްރެންޑްސް ޗެމްޕިއަނަށް

ތަށި ދިފާއު ކުރަން ނިކުތް، ސައިކްލޯން ބާސެކްޓްބޯޅަ ކުލަބުގެ މައްޗަށް ފައިނަލުގައި ކާމިޔާބު ހޯދައި، އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޔޫއެން ފްރެންޑްސް ހޯދައިފި އެވެ.

ތަޖުރިބާކާރު ގިނަ ކުޅުންތެރިންނާއެކު، މި އަހަރުގެ މުބާރާތަށް ނިކުތް، ޔޫއެން ފްރެންޑްސް މެޗު ކާމިޔާބު ކުރީ 28 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. ޔޫއެން ފްރެންޑްސްއިން 58 ޕޮއިންޓް ހޯދިއިރު، ސައިކްލޯން އަށް ހޯދިފައި ވަނީ 30 ޕޮއިންޓެވެ.

މިދިޔަ އަހަރު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި، ސައިކްލޯން އަށް، ރޭގެ މެޗުގައި އެ ޓީމު ޖާދޫ ދައްކައެއް ނުލެވުނެވެ. ޔޫއެން ފްރެންޑްސްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ކުރިމަތީގައި، ސައިކްލޯން އިނދަޖެހުނީ އެވެ.

ފުރަތަމަ ކްއާޓާގައި އެކަނިވެސް، ޔޫއެން ފްރެންޑްސްއިން 20 ޕޮއިންޓް ހޯދި އެވެ. ސައިކްލޯންއަށް ހޯދުނީ ހަ ޕޮއިންޓެވެ. ދެ ވަނަ ކްއާޓާ ނިންމާލީ ޔޫއެން ފްރެންޑްސް 30-14 އިން ކުރިގައި އޮވެގެންނެވެ.

ސައިކްލޯންއަށް ފަރަގު ކުޑަކޮށްލެވުނީވެސް، ތިން ވަނަ ކުއާޓާގަ އެވެ. ފުރަތަމަ ދެ ކްއާޓާއަށް ވުރެ ރަނގަޅަށް ތިން ވަނަ ކްއާޓާގައި ސައިކްލޯން ކުޅުނެވެ. އެހެން ނަމަވެސް ޔޫއެން ފްރެންޑްސްގެ ޑޮމިނެންސަކަށް ބަދަލެއް ނާދެ އެވެ. ތިން ވަނަ ކްއާޓާގައި 14 ޕޮއިންޓް ހޯދައި، އެޓީމުގެ ލީޑް 44 ށް ހިއްލާލި އެވެ. އޭރުވެސް ސައިކްލޯން އޮތީ ދެ ގުނަ ފަހަތުގައި 23 ޕޮއިންޓާއެކު އެވެ.

ޔޫއެން ފްރެންޑްސް އަތުގައި ބޮޑު ލީޑެއް އޮތުމުން ފަހު ކްއާޓާގައި، އެ ޓީމުން ކުޅުނީ ހަމަޖެހިލައިގެންނެވެ. އެ ކްއާޓާގައިވެސް 14 ޕޮއިންޓް ހޯދި އެވެ. ސައިކްލޯންއަށް ހޯދުނީ ހަތް ޕޮއިންޓެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔޫއެން ފްރެންޑްސްގެ ފާތިމަތު ރިޝްމާ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ޔޫއެން ފްރެންޑްސްގެ: އައިޝަތު ރީމާ، އާމިނަތު އިސްރާއު، ޝިޒުނާ ރަޝީދު އަދި ސައިކްލޯންގެ ރައިފާ އިބްރާހިމް 'ރައި' އާއި ނަޝްފާ އާމިރާ އެވެ.

ފޮޓޯ: ހާފްކޯޓް މޯލްޑިވްސް