ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ޖޭޕީގެ ކެންޑިޑޭޓް އަލްހާން ފަހުމީ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ، "އަލްހާން ސްޓްރީޓް ސޮކާ ކަޕް" ފަށަން ތައްޔާރުވެއްޖެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ޒުވާން ޓީމްތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި 33 ޓީމް ބައިވެރިވެފައިވާ އިރު ރޭ ވަނީ ޓީމްތަކުގެ މެދުގައި ގުރު ނަގައިފަ އެވެ. އަދި އަލްހާން ވަނީ އެ މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ޖޯޒީ ހަވާލު ކުރައްވައިފަ އެވެ.
އަލްހާންގެ މައި ކެމްޕޭން ޖަގަހައިގައި ރޭ ބޭއްވި އެ ހަފްލާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އެ މުބާރާތުގެ ބޭނުމަކީ ސިޔާސީ ގޮތުން ފޯރި ގަދަ މި ދުވަސްވަރު ޒުވާނުންގެ މެދުގައި އެއްބައިވަންތަކަށް އާލާކޮށް އެކަތިގަނޑެއްގެ ގޮތުގައި ތިބޭ ބަޔަކަށް ހެދުމެވެ.
އޭނާ ވިދާޅުވީ "ދަވޭ ފޯވާޑް" ނޫނީ ކުރިއަށް ދާންވީ މަގުގެ ޝިއާރުގެ ދަށުން އެ މުބާރާތް ބާއްވަނީ، އަލްހާން މަޖިލީހުގެ ގޮނޑިއަކަށް ހޮވުމުގެ ބޭނުމުގައި ނޫން ކަމަށާއި މުޅި ރާއްޖެ ތަރައްގީ އާއި ތަހުޒީބުގެ މަގަށް ގެންދިޔުމަކީ އޭނާގެ ވިސްނުމަކަށް ވާތީ ކަމަށެވެ.
އޭނާ މަޖިލީހުގެ ގޮނޑިއަކަށް އިންތިހާބު ވާން ބޭނުން ވަނީ ހަމައެކަނި ވަކި ދާއިރާއެއް ކުރިއަރުވާކަށް ނޫން ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ. ގައުމާއި ރައްޔިތުންނަށް ހެވާއި ލާބަޔަށް މަސައްކަތް ކުރުމަކީ އޭނާގެ އަބަދުވެސް ފިކުރު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު މިދާ ދައުރުގައި ވެސް މިހުރީ މަޖިލީހަކުވެސް ނޫން. އެކަމަކު އަޅުގަނޑަކީ އަބަދުވެސް ގައުމުގައި ހިނގައިދާ ކަންތައްތަކާ މެދު ވާހަކަ ދައްކާ ހިޔާލުފާޅުކޮށް ގައުމުގެ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރަން. އަޅުގަނޑުގެ ވެސް އޮވޭ މި ރާއްޖެއާ ދޭތެރޭ އުންމީދެއް. އެހެން ވީމާ މިކަހަލަ ކަންކަން މި ރާވާ ހިންގަނީ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު މި އިންތިހާބުވާ ދާއިރާ ހެންވޭރު އުތުރު ދާއިރާއަށް ނޫންކަން ކަންތައްތަކެއް ކޮށްދޭނީ ބުނެދޭން. މުޅި ގައުމުގެ ލާބަޔަށްކަން އަޅުގަނޑު މި މަސައްކަތުގައި ނިކުމެ މިހުރީ. އެކަން އަޅުގަނޑު ބުނެދޭން ބޭނުންވަނީ. އެކަން ސާބިތުކޮށްދިނުމުގައި އަޅުގަނޑު މި ހުރީ،" އެމްޑީޕީގެ ނައިބު ރައީސްކަމާއި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އަލްހާން ވިދާޅުވި އެވެ.
އަޅުގަނޑު މި ހުރީ ހެންވޭރު އުތުރު ދާއިރާއަށް އެކަނި ކަންތައްތަކެއް ކޮށްދޭކަން ނޫން މި މަސައްކަތަށް ނިކުމެ. މުޅި ގައުމުގެ ލާބަޔަށް އަޅުގަނޑު މި މަސައްކަތުގައި ނިކުމެ މިހުރީ. އެންމެންނަށް ވޭ ފޯވާޑެއް ހޯދަން އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީއަލްހާން ފަހުމީ
ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުކޮށްގެން ބާއްވާ، "އަލްހާން ސްޓްރީޓް ސޮކާ ކަޕް" ގައި ފުރަތަމަ ބުރުގައި ހުރިހާ ޓީމެއް ވެސް އެއް ޓީމް އަނެއް ޓީމާ ކުޅޭނެ އެވެ. އަދި ނޮކްއައުޓް ފެށޭނީ ދެވަނަ ބުރުން އެވެ. އެ މުބާރާތުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަށް 25،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމާއި އެންމެ މޮޅު ކުޅުންތެރިޔާ އަދި ފެއާ ޕްލޭ ކުޅުންތެރިން ހޮވުމަށް ވެސް ވަނީ ހަމަޖެފިފަ އެވެ.
މުބާރާތް ފަށާނީ މާދަމާ ހަވީރު 4:00 ގައި ހެންވޭރު ކޮޅު ޓާފް ދަނޑުގަ އެވެ. އަދި މުބާރާތުގެ ނިމުން އޮންނާނީ މާޗް ހަތް ވަނަ ދުވަހު އެވެ.
މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް އަލްހާން ރޭ ވަނީ އިލްތިމާސްއެއް ވެސް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، މުބާރާތުގެ ފޯރި ކިތަންމެ ގަދަވި ނަމަވެސް، ހަމަނުޖެހުމަކަށް މަގުފަހިވާނެ ފަދަ އެއްވެސް ކަމެއް އެއްޓީމުން އަނެއް ޓީމަށް ނުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އަލްހާން ވަނީ ފެއާ ޕްލޭ ޓީމުކަން ހޯދުމަށް ހުރިހާ ޓީމްތަކުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ކަންކަން ވެސް އޮންނަން ޖެހޭނީ ތަހުޒީބު ގޮތުގަ އެވެ. ޕާޓީތަކަކީ ޑިކްޓޭޓަރުން ހިންގާ އެ މީހުން ހައިޖެކްކޮށްފައި އޮންނަ އެއްޗަކަށް ވެގެން ނުވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޕާޓީތަކުގެ ތެރޭގައި ވެސް ތަފާތު ހިޔާލާއި ފިކުރަށް ޖާގަ ލިބެން ޖެހޭނެ ކަމަށެވެ. އަދި އެހެން ނޫނީ ހަގީގީ ޑިމޮކްރަސީ އާއި ގައުމު ކުރިއަށް ދިޔުމުގެ ފިކުރެއް ނުހޯދޭނެ ކަމަށް އަލްހާން ތަކުރާރުކޮށް ވިދާޅުވި އެވެ.
"ގައުމީ މައިދާނުގައި އެކުވެރިކަމާ އެކު އަޅުގަނޑުމެން މި މަސައްކަތް ކުރުމަށް ވެގެން ނުވާނެ ވަކި ޕާޓީއެއްގެ ކެންޑިޑޭޓަކު ޑޯޓްޑޯގައި ގެއަކަށް ވަނީމާ އެމީހާ ތަޅައި މަރާ ބޭރު ކުރާ ބަޔަކަށް އަޅުގަނޑުމެއް ވެގެނެއް. އަޅުގަނޑުމެން ސިޔާސީ ކަންކަމުގައި ވެސް ބޭނުންވަނީ ތަހުޒީބު ސިޔާސީ ހަރަކާތް. އެހެން މީހުން ދައްކާ ވާހަކަ އަޑުއެހުމުގެ ގާބިލްކަން ހުރުން. އެންމެންނަށް ވޭ ފޯވާޑެއް ހޯދަން އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ،" އަލްހާން ވިދާޅުވި އެވެ.