ހަބަރު

އަވަސްގެ އެޑިޓަރާއެކު 11 ބޭފުޅަކަށް ތާރީހު ދުވަހުގެ ފިލާ

Feb 28, 2019

ދިވެހި ތާރީހަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަ ކުރުމުގެ ގޮތުން އަގު ވަޒަން ކުރުމުގެ ފިލާ ދޭން ނިންމައި އަވަސްގެ އެޑިޓަރު މުންޑޫ އާދަމްހަލީމާއެކު 11 ބޭފުޅަކަށް އަރުވައިފި އެވެ. މިއީ ތާރީހު ދިރާސާ ކުރާ ފަރާތްތަކުގެ އަގު މި ގޮތަށް ވަޒަން ކުރި ފުރަތަމަ ފަހަރެވެ.

އަގު ވަޒަން ކުރުމުގެ ފިލާ ދީފައި ވަނީ ރާޖޭގައި ފުރަތަމަ ފަހަރަށް "ގައުމީ ތާރީހު ދުވަސް" ފާހަގަ ކުރުމަށް ނިންމައި ރޭއް ބޭއްވި ހާއްސަ އަދި ތާރީހީ ޖަލްސާއެއްގަ އެވެ.

މި 11 ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެން "އަވަސް އޮންލައިން"ގެ އެޑިޓަރު މުންޑޫ އާދަމް ހަލީމަށް ފިލާ އެރުވި އިރު އޭނާއަކީ ހަވީރު ނޫހުގައި އާފަތިސް ނޫހާއި ސަން އޮންލައިނާއި ވީނިއުސްގެ އިސް މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ނޫސްވެރި ކަމުގެ ގައުމީ އިނާމާއި ރަން ގަލަން ވެސް ލިބި ވަޑައިގެންފަ އެވެ. ނޫސްވެރި ކަމުގެ މަސައްކަތުގެތެރޭގައި ހުންނަވައިގެން އޭނާ ތާރީހު ދިރާސާ ކުރައްވާ ލިޔުއްވަން ފެއްޓެވީ 2000 ވަނަ އަހަރު އެވެ.

ގައުމީ ތާރީހު ދުވަސް ރާޖޭގައި ފާހަގަ ކުރަން ދިވެހި ބަހުގެ އެކަޑެމީން ނިންމާފައި ވަނީ ރާއްޖޭގެ ތާރީހު ފުރަތަމަ ލިޔުއްވަން ފެއްޓެވި އަލްގާޒީ ހަސަން ތާޖުއްދީނު އަވަހާރަވި ހިޖުރީ ތާރީހު ދިމާވާ މީލާދީ ތާރީހަށް ބަލައި އެދުވަހު އެވެ. އެއީ ފެބުރުއަރީ 27 ވަނަ ދުވަހު އެވެ. އެ ދުވަސް ބަލާފައި ވަނީ ތާޖުއްދީންގެ އުފަން ދުވަސް ސާފުވާން ނެތުމުންނެވެ.

އިސްލާމިކް ޔުނިވާސިޓީގެ ހޯލްގައި ބޭއްވި ގައުމީ ތާރީހުގެ ދުވަހުގެ ފުރަތަމަ ޖަލްސާ ރޭ ޝަރަފުވެރި ކޮށްދެއްވައި ތާރީހަށް ހިދުމަތް ކުރުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބަހުގެ އެކެޑަމީން ދިން އަގުވަޒަންކުރުމުގެ ފިލާ 11 ބޭފުޅަކާ ހަވާލުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެ ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އެކެޑެމީގެ ރައީސް އަޝްރަފު އަލީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.

ފިލާ ލިބިވަޑައިގެންނެވި ބޭފުޅުން

މުންޑޫ އާދަމް ހަލީމް
އަހުމަދު އަލާ
އިޔާޒް ޖާދުﷲ ނަސީމް
ތޯހާ އަބޫބަކުރު
ޑރ. ރަޝީދާ މުހައްމަދު ދީދީ
އަބްދުﷲ ހިލްމީ
އިމާދު ލަތީފް
މުހައްމަދު ދީދީ
ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދު
ވޮރަންޓް އޮފިސަރ 1 ހުސައިން ސޮލާހް ޔޫސުފް
އާމިނަތު ޒާހިރު