ހަނޯއީ (ފެބްރުއަރީ 28) - ވިއެޓްނާމުގައި މިހާރު ކުރިއަށްދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖަންގް އުންގެ ބައްދަލުވުމުގައި އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ކުރުކޮށްލާފައިވާކަމަށް ދާދި ދެންމެއަކު އިއުލާނުކޮށްފި އެވެ.
ވައިޓް ހައުސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުުތުރު ކޮރެއާގެ ނިއުކުލިއާ ހަތިޔާރު ނައްތާލައި އިގުތިސޯދީ ވިސްނުމަކުން ކުރިއަށް ދިޔުމާއި ގުޅޭގޮތުން ދެ ލީޑަރުންގެ މެދުގައި ވަރަށް ފުޅާކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ.
"ނަމަވެސް މި ވަގުތަށް އެއްވެސް އެއްބަސްވުމަށް އާދެވިފައެއް ނުވޭ،" މުސްތަގުބަލުގައި ދެގައުމުގެ މަންދޫބުން ބައްދަލުކުރާނެކަމަށް ހާމަކޮށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މަޝްވަރާތައް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ނިންމައި، ދެ ލީޑަރުން ވެސް ވަނީ މިހާރު އެނބުރި ހޮޓަލަށް ވަޑައިގަންނަވައިފަ އެވެ.
ދެ ގައުމުގެ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އެއްބަސްވުމަށް ނާދެވި މަޝްވަރާތައް ކުރުކޮށްލާފައިވާއިރު، ޓްރަމްޕް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންވެސް މިހާރު ވަނީ ކުރިން ޝެޑިއުލްކުރި ވަގުތަށްވުރެ ދެ ގަޑިއިރު ކުރިއަށް ޖައްސައިފަ އެވެ.
ވަރަށް އުއްމީދީ ނަޒަރަކުން ކުރިން ބެލެވުނު ސަމިޓުގައި އެއްވެސް ކުރިއެރުމެއް ނުލިބި ނިންމާލިއިރު، އެކަމުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ދެ ލީދަރުންގެ މެދުގައި ބޭއްވޭ ދެވަނަ ސަމިޓް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ. އަދި މިރޭގެ ވަގުތެއްގައި ޓްރަމްޕް އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުގެ ނިޔަލަށް ކިމް ވިއެޓްނާމުގައި މަޑުކުރައްވާނެކަމަށް ވަނީ ބުނެފަ އެވެ.
އެއްބަސްވުމަކަށް ނާދެވުމުން، މި ސަމިޓު ބޭއްވުމުގެ ބޭނުމާއިމެދު ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.