ވާހަކަ

އީޝަލް

(26 ފެބްރުއަރީ 2019 އާ ގުޅޭ) -- "ތީ ހަމައެކަނި އަހަރެންގެ މިލްކެއް... ކުޑަދުވަސްކޮޅަކު އަހަރެންނަށް ޓަކައި މަޑުކޮށްލަދީ، ޔަގީން އަހަރެން އެނބުރި އަންނާނަންކަން، އަހަރެންގެ އީޝަލްގެ ގާތަށް އެނބުރި އަންނާނަން" މައްޗަށް އުފުލައިލި އަތްތިލައިގެ އިނގިލިތަކުގެ ދޭތެރެއިން ތަރިތަކަށް ބަލަން އޮތް ރައުލްގެ ހިތުގައިވިއެވެ. މަޑުމަޑުން އިނގިލިތައް ލައްފާލައި މުއްކަވާލަމުން ގެނެސް އޭނާގެ މޭގައި ޖައްސާލިއިރު ރައުލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

އީޝަލްގެ ޚިޔާލުގައި އެތައް އިރަކު ރައުލް ފެންމަތީގައި އޮތެވެ. އެ ޚިޔާލުތަކުގައި އޭނާ ބަނދެވިފައިވީއިރު ދުރުގައި އޭނާއަށް ބަލަން މަޚްލޫގަކު އޮތްކަމެއް ނުދެނަހުއްޓެވެ. އެކަމުގެ ހިލަންވީ އެ މަޚްލޫގެއް ރައުލްއާ ގާތަށް އައިފަހުންނެވެ. ސިހުނުވަރުން ލޮނުގަނޑުގައި ޖެހިޖެހީނުން ވަރުގަދަ ބާންޏެއް އުފެދިގެން ދިޔައެވެ. އެއާއެކު ގާތުގައި ހުރި އެ މަޚްލޫގު ދުރަށް ފުންމައިގަތް އަޑުއިވުނެވެ. ރައުލް ވެސް ފީނައިގަތީ އަޑިއަށެވެ. ލޮނުގަނޑުގައި އުފެދިގެންދިޔަ ކިލަނބުކަން ސާފުވީއިރު ރައުލްއަށް ފެނުނީ އޭނާއާ ކުރިމަތިވާނޭހެން ހުރި ޒަގަންނެވެ. އޭރު ރައުލްގެ އަތުގައި އުރައިން ދަމައިގަތް ކަނޑި އޮތެވެ. މަޑުމަޑުން ރައުލްގެ ގާތަށް އައި ޒަގަން ހޭންފެށިއެވެ.

"އަހަރެން ހީކުރީ ރޭގެ ބާކީ އޮތްބައި ހޭދަކުރާނީ ސަމިއާނާގެ ކޮޓަރީގައިކަމަށް، އޭނާ ދަޢުވަތެއް ނުދޭތަ؟" ހިނިއައިސްފައި ހުރި ޒަގަން ބުނެލީ ދިމާކޮށްލާ އުސޫލުންނެވެ.

"ކަލޭގެ މޭ ފޫއަޅުވާލަން އަހަރެންގެ ކަނޑިވަނީ ކެތްތެރިކަން ކުޑަވެފައި، ދެން ކިހިނެއް އެހެންކަމަކަށް ސަމާލުކަން ދެވޭނީ" ރައުލްގެ ކަނޑި ޒަގަންއާ ދިމާއަށް އުފުލާލިއެވެ.

"ކަނޑީގެ ބާރު ބުރަވާނީ އޭގެ ވެރިމީހާގެ ކުޅަދާނަކަމަށް، ތީ ދެވަނައެއްނުވާ ކަނޑިއެއް، އެހެންވިޔަސް ކަލޭގެ އަތުގައި އޮތްހާ ހިނދަކު އެއިން އަހަރެންގެ ގައިގާ ކޫރެއްމެއް ވެސް އަޅާނުލެވޭނެ... ނިކަން އަޖުމަ ބަލާލަން ކުރިއަށް ޖެހިބަލަ" ޒަގަން މޭފުއްޕާލައި ހަށިގަނޑު ތެދުކޮށްލިއެވެ. އަދި އޭނާގެ ކަމަރުގައި އޮތް ކަނޑީގެ މުއްގަނޑުގައި އެއްއަތުން ހިފަހައްޓާލިއެވެ.

"އެ ކަނޑީގެ މިޔަ މުޑުދާރުވެދާނެ... ސާފުކުރުމުގައި އަހަރެންގެ މުޅި އުމުރު ހޭދަވެގެންދާކަށް ބޭނުމެއްނޫން" އެއްމިޔަކަނިން ރައުލް ހީނލީ މަލާމާތުގެ ގޮތުންނެވެ. ބޭރީތުގެ ވާހަކަތައް ރައުލް ހަނދާންނައްތައެއްނުލައެވެ. ޒަގަންއާ ކުރިމަތިލާން ރައުލް ބޭނުންނުވަނީ އެހެންވެއެވެ. ރައުލް ބުނި އެއްޗަކުން ޒަގަންގެ މޫނުގައިވި ސަމާސާ ގޮތް ކެނޑި ނުރުހުމުގެ އަސަރު ފާޅުވިއެވެ.

"ސަމިއާނާ..." ޒަގަން ބުނަން އުޅުނު އެއްޗެއް ރައުލް ހުއްޓުވިއެވެ.

"ސަމިއާނާ ތިހާ ކަމުދަންޏާ ކަލޭ އޭނާއާ ކައިވެނިކުރަންވީނު، އަހަރެންގެ މައްސަލައެއްނެތް" ރައުލް ބުންޏެވެ. އަދި ޒަގަންގެ ޖަވާބަކަށް މަޑުކުރުމެއްނެތި އޭނާ އެތަނުން ދިޔައީއެވެ.

"ކަލެއަށްވުރެ ހުރިހާކަމަކަށް އެންމެ ހައްޤުކަން ބޮޑީ އަހަރެން، ބަލަން ހުރޭ... އަހަރެންގެ ބޭނުން ފުދި އެއްލައިލާ އެއްޗެއް މެނުވީ ކަލެއަކަށް ނުލިބޭނެ، ބައްޕަ ކަލެއަކަށް ބޭނުމެއްނުވޭ، ގާތުގައި ބަހައްޓާފައި ހުންނަނީ ކަލޭގެ މައްޗަށް އޮތް ހަމްދަރުދީއެއްގެ ސަބަބުން" ނުރުހުންވެފައި ހުރި ޒަގަން ބުނެލިއެވެ. އޭނާ އައީ ރައުލްގެ ހަމަޖެހުން ނަގާލާށެވެ. އެހެންވެ ބޭނުންވީ ގޮތަށް ކަންތައް ނުވުމުން އޭނާ ރުޅިގަދަވީއެވެ.

ރައުލްގެ ޠަބީއަތް އޭނާއާ މުޅިން ތަފާތެވެ. ޒަގަންއާ ޚިލާފަށް ދިމާވާ ދަތި އުނދަގޫތަކަށް އަބަދުވެސް ރައުލް އައީ ކެތްތެރިވަމުންނެވެ. އަމިއްލަ ނަފްސު ނުހިފެއްޓޭ ވަރަށް އޭނާ ރުޅި އިސްނުކުރެއެވެ. އެފަދަ ވަގުތެއްގައި އޭނާ ބަލާނީ އެތަނަކުން ދުރަށް ދެވޭތޯއެވެ. ފަހަރެއްގައި ވެސް ޒަގަންގެ އުނދަގޫތައް ތަހައްމަލުކުރަމުން އަންނަނީ އޭނާގެ ބަލިކަށިކަމުންނެއްނޫނެވެ. އޭނާ އުފަންވީސުރެ އެ ސިފަތަކަކީ އޭނާގެ ޠަބީޢަތާ ގުޅިފައި ހުރި ކަންތައްތަކެވެ. ބަސްމަދުކޮށް ބުއްދީގެ ބޭނުން އޭނާ ހިފައެވެ. ވަށައިގެން ހިނގާ ކަންކަމަށް ސަމާލުކަން ދެއެވެ.

ކޮޓަރީގައި ރައުލް އިންއިރު އޭނާއަށް ވިސްނެނީ ސަމިއާނާއާ މެދުއެވެ. ޒަގަންގެ ނުފޫޒު ސަމިއާނާއަށް ފޯރަނީކަން ރައުލްއަށް ޔަގީންވެއްޖެއެވެ. އިތުރަށް އޭނާ ސަމާލުވާން ޖެހޭނެކަމުގައި އަމިއްލަ ނަފްސަށް ރައުލް ވިސްނައިދިނެވެ. ސަމިއާނާ އައިސް ހުރީ ރައުލްއާ ކައިވެނިކުރުމަށް ޓަކައެވެ. ވީއިރު އެ ދެމެދަށް ޒަގަން ވަންނަން ބޭނުންވާ ސަބަބެއް ރައުލްއަކަށް ނުވިސްނުނެވެ. އެތައް ގޮތަކަށް ރައުލް ވިސްނިއެވެ. ސަމިއާނާއާ މެދު ޒަގަން ޝައުގުވެރިވެދާނޭ ކަމަށް ހިތަށް އެރި ނަމަވެސް އެކަމާ ރައުލްގެ ޟަމީރު އެއްބަހެއްނުވެއެވެ.

* * * * *

ބޭރީތުގެ ގަނޑުވަރަށް ސަމިއާނާ އައީ ވަރަށް ފޮނި އުންމީދުތަކާއެކުއެވެ. ހަތް ދުވަހުގެ މުހުލަތުގައި ރައުލްގެ ހިތް ފަތަހަކޮށް އޭނާއަށް ސަމިއާނާގެ ހިތުގައިވާ ސާފު ލޯބީގެ ފޮނިމީރުކަން އިޙްސާސް ކޮށްދެވޭނޭކަމުގެ ފުރިހަމަ ޔަގީންކަން އޮތެވެ. ނަމަވެސް އޭނާ އެ ގަނޑުވަރަށް އައިސް ރައުލްއާ ބައްދަލުވީ ފަހުން ފަސް ދުވަސް ފާއިތުވެ ދިޔައީއެވެ. ދުވަހެއް ދުވަހަކަށް ރައުލްއާ ދެމެދު ގާތްކަން އުފެދުމުގެ ބަދަލުގައި ދެ މީހުންގެ ބީރައްޓެހިކަންވީ އިތުރެވެ. އެންމެ ފަހަރަކު ވެސް ރައުލްގެ ދުލުން ސަމިއާނާގެ ނަމުން ގޮވާލާ އަޑެއް ނީވެއެވެ. ރައުލްގެ ހަށިގަނޑުގެ ވަސް ސަމިއާނާގެ ނޭފަތާ ހަމައަށް ފޯރާހާ ގާތަށް އޭނާ ނައެވެ. ފެންނަ ހިސާބުގައި ހުއްޓެއް ކަމަކު ރައުލްގެ ނަޒަރު ވަނީ ސަމިއާނާއާ ދުރުގައެވެ. އެ ދެލޮލުގެ ފިނިކަމުގެ ތެރޭ އެންމެ ހިނދުކޮޅަކު މަޑުކޮށްލުމުގެ ފުރުޞަތު ވެސް ސަމިއާނާއަށް ނެތްކަން އޭނާއަށް ދެންނަގަންނާކަށް މިހާރު އުނދަގުލެއްނޫނެވެ. އެހެންވިޔަސް އުންމީދު ދޫކޮށްލައްކަން ސަމިއާނާ ބޭނުންނުވަނީއެވެ. ރައުލްއާއެކު އެކަހެރިވެލާނޭ ފުރުޞަތެއް ރައުލްގެ ރަޙުމަތްތެރިން ނުދެއެވެ. އަބަދުމެ ކޮންމެވެސް ކަމެއް ޔާފިއާ އޮންނަނީ ރާވާފައެވެ. ޚާއްޞަކޮށް ޔާފިއާއާއި ރާވިން އެ މީހުންނާއި ދުރުވާ ވަގުތެއް ނާދެއެވެ.

ގަނޑުވަރުގެ ތެރެ ހިމޭންވެފައި އޮތް ވަގުތެވެ. ކޮޓަރިތަކުގެ ތެރޭގައި ނިދީފައި ނޫނީ އެ ބައެއްގެ މަޖަލުގައި މަސްއޫލުވެފައިވާ ވަގުތެކެވެ. ފިކުރުތަކުގައި އޮތް ރައުލްގެ ނަފްސު ވަރުބަލިވެ ނިދިޖެހުނުތާ ގިނައިރެއްނުވެއެވެ. ހަށިގަނޑުން ހޫނު އަރާހެން ރައުލްއަށް އިހްސާސް ކުރެވި ލޯ ހުޅުވާލިއެވެ. ލޮލަށް ފެނުނު މަންޒަރުން ދެފަރާތަށް ރައުލް ބޯހޫރާލިއެވެ. ޤަބޫލުކުރަން އުނދަގޫވީއެވެ. އޭނާގެ ބަނޑުމަތީގައި އިނީ ސަމިއާނާއެވެ. ވާނުވާ ރައުލްއަށް އެނގުނީ ދެނެވެ. ރައުލްގެ ދެއަތަށް ލެވުނު ބާރެއްލައި ސަމިއާނާގެ މޭގައި އަޅައި ކޮށްޕާލިއެވެ. އެއާއެކު ވިއްސައިގެން ގޮސް ފާރުބުޑަށް ސަމިއާނާ ޖެހުނެވެ. ހަލުވިކަމާއެކު އެނދުން ތެދުވި ރައުލް ދެން ފެނުނީ އައިސް ސަމިއާނާގެ ކަރުގައި ހިފިތަނެވެ. އަދި އަނެއްއަތުން ކަނޑީގެ ކޮޅު ސަމިއާނާގެ ކަރުގައި ޖައްސާ ބާރުކޮށްލިއެވެ.

"ކަލޭ ތިހާ ދަށުދަރަޖައަކަށް ވެއްޓިދާނޭ އަހަރެން ހިޔެއްނުކުރަން" ރައުލްގެ ދެ ލޮލުން ފާޅުވަމުންދިޔަ ރުޅިވެރިކަން ފެނި ސަމިއާނާ ދެ ލޯ މަރާލިއެވެ. އަދި ތުންފިއްތާލިއެވެ. އޭރު ރައުލްގެ ކަނޑީގެ މިޔައިން ސަމިއާނާގެ ކަރުދޮށް ކަނޑައިގެން ގޮސްފައިވިއެވެ. އެތަން ފެނި ރައުލް ދަތްކުނޑިވިކާލިއެވެ.

"އަހަރެންގެ ކުރިމަތިން ދުރަށް ދޭ" ސަމިއާނާގެ ކަރުގައި ހިފާފައި ހުރި އަތްނައްޓާލައި ކޮޓަރިއަށް ވަދެގެން ހުރި ބޮޑު ދޮރާދިމާއަށް ރައުލް އޭނާ ކޮއްޕާލިއެވެ. އެނދުކައިރީ އޮތް ސަމިއާނާގެ ލިބާސް ރައުލްއަށް ފެނުނީ ދެނެވެ. ހަލުވިކޮށް އައިސް އެ ނަގައި ސަމިއާނާއާ ދިމާއަށް ހޫރާލިއެވެ.

"އަހަރެންނަށް ވަރިހަމަ ކަލޭތީ އަމީރާއަކަށް ވިޔަސް... މިތަނުން ނުނިކުތިއްޔާ ތިއިން ގޮތަށް ވެސް ބޭރުކޮށްލާނަން، އަހަރެން ބުނިން ގައިގޯޅިވުމަކީ އަހަރެންނަށް ކަމުދާ ކަމެއްނޫނޭ، ތިހާ އެދުންތައް ފުއްދަން ބޭނުންވަންޏާ އެކަމަށް އިޖާބަދޭނޭ މީހަކު ހޯދާ" ރައުލް ހަޅޭލަވައިގަތެވެ. ސަމިއާނާ ފެންކަޅިވެފައިވާ ދެ ލޮލުން ރައުލްއަށް ބަލާލިއެވެ. އަދި މަޑުމަޑުން ތެދުވެ އޭނާގެ ލިބާސް ގަޔަށް ހެޔޮވަރުކޮށް ހަށިގަނޑު އެއްކޮށް ނިވާކޮށްލިއެވެ.

"ރައުލް ކީއްވެތަ އަހަރެންނަށް ޝައުގުވެރިނުވާންވީ... އަހަރެންމީ އަންހެނެއްނު، އަންހެނަކު އިސްވެ މިހެން އުޅޭއިރު އިޖާބަނުދޭނީ އެ ފިރިހެނެއްގެ އުނިކަމެއް ހުރީމަ، ރައުލް... ރައުލް އަންހެނުންނަށް ޝައުގުވެރިނުވަނީތަ؟ އުނިކަމެއް ހުރިއްޔާ ވެސް އަހަރެން ގާތު ބުނެބަލަ... އަހަރެން ޤަބޫލުކުރާނަމޭ، އެއްވެސް އެއްޗެކޭ ނުބުނެ ތިހެން ދުރުކޮށްލީމަ އަހަރެން ވިސްނަންވީ ކިހިނެއްކަމެއް ނޭނގޭ، އެތައް ސުވާލުތަކެއް ހިތުގައި އުފެދޭއިރު އެއިން އެއްވެސް ސުވާލަކަށް ރައުލްގެ ފުށުން ޖަވާބެއް ނުލިބޭ، އަހަރެންނާ ކައިވެނި ކުރަން ބޭނުންނުވަނީތަ؟" ރޮމުން ސަމިއާނާ ވާހަކަދެއްކިއެވެ.

"ވިސްނުމެއް ހުރިނަމަ މިހާރު އެކަން ސާފުވާނެ، އަހަރެންގެ އުނިކަމެއް ހުރީކަން ޤަބޫލުކުރޭ، އަދި އަހަރެންނާ ކައިވެނިކުރުމުގެ ޚިޔާލު ދޫކޮށްލައި ޢާއިލާގެ ގާތަށް އެނބުރިދިޔައްޔާ ރަނގަޅުވާނީ" ރައުލްގެ އަޑުގައިވީ ނުރުހުންތެރިކަމާއި ހަރުކަށިކަމެވެ.

"އަހަރެން މިބުނީނު ރައުލްގެ އުނިކަމެއް ހުއްޓަސް އަހަރެންނަށް ވަރިހަމައޭ، އަހަރެން ބޭނުންވަނީ ރައުލްގެ ގާތުގައި ހުންނަން، ރައުލްގެ އަނތްބެއްގެ ގޮތުގައި ހުންނަން" ސަމިއާނާ ބުންޏެވެ.

"އަހަރެން ކަލެއަށް ބަލާލާކަށް ވެސް ބޭނުމެއްނޫން" ރައުލް މޫނަށް ހަދާލިގޮތުން ސަމިއާނާއަށް ވަކިން ބޮޑަށް ރޮވުނެވެ. ރައުލްއާ ގާތަށް ފިޔަވަޅެއް ސަމިއާނާ އަޅާލިއެވެ. އެއާއެކު ރައުލް ހީވީ ހަމައިން ނެއްޓީހެނެވެ. އަނގައިން ބުނުމެއްނެތި އެ އައިގޮތަށް ސަމިއާނާގެ ހިކަނދިމަސްގަނޑުގައި ހިފައި ހީވީ އުފުލައިލިހެނެވެ. ދެންފެނުނީ ކޮޓަރީގެ ދޮރުން ބޭރަށް ސަމިއާނާ ގުޅައަކަށް ޖެހުނުތަނެވެ. ސަމިއާނާގެ އަޑު އެހިނދު އިވުނެއްކަމަކު ބަލާލުމެއްނެތި ރައުލް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެނީއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެފައި ދެން ފެނުނީ އެނދާ ދިމާއަށް އައިތަނެވެ. ތަޅުންމައްޗަށް ވެއްޓިފައި އޮތް ކަނޑި ނަގައި ތަންމަތީގައި ޖެހިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނާ އެ އެނދު އެއްކޮށް ސުންނާފަތިކޮށްލިއެވެ. އެވަރުން ނުވެގެން ރައުލް ގަނޑުވަރުން ނުކުމެގެން ދަޔައެވެ.

ހެނދުނުގެ ނާސްތާއަށް ސަމިއާނާ ގެންދިއުމަށް އޭނާއަށް ޚާއްޞަކޮށްފައި ތިބި ބާނދީގެ ތެރެއިން ކުއްޖަކު އައެވެ. އެވަގުތު ފެންކޮޓަރިއަށް ވަދެގެން ހުރި ބައިގެ ފަރުދާތަކުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ބާނދީ ހަނާ އަޅާލިއެވެ. އަދި ފަރުދާއަށް އަވަސް ނަޒަރެއް ދީފައި އޭނާ ހަލުވިކޮށް އައެވެ.

"ލަވީތާ، ހާދާ ހާސްވެފައި" ސަމިއާނާގެ ކޮޓަރި ފެންނަ ހިސާބުގައި ހުރި ބާނދީ ވާހަކަދެއްކިއެވެ.

"އަމީރާ އިންނެވީ ފެންކޮޓަރިކޮޅުގައި، ކިޝްފާ އައުމުން މިއަދުގެ ނާސްތާ ކޮޓަރިއަށް ގެނެސްދިނުމަށް އެދުނީ" ލަވީތާ ވާހަކަދެއްކީ ސިއްރުންނެވެ.

"ކަމެއް ގޯސްވީތަ؟" ކިޝްފާ ވެސް އަހާލީ ނިކަން ސިއްރުންނެވެ.

"މޫނުފުޅު ވަރަށް ބަނަ ދުވަހެއް، ކޮންމެވެސް ގޮތަކުން އަނިޔާއެއް ލިބިފައި ހުރީތީ ދުށީން، އެއްކޮށް ހަށިގަނޑު ފެންނަވަރެއްނުވި، އަހަރެންނަށް ފެނިދާނޭތީ ވެވަށް ފައިބަން ލިބާސް ބާލަން އުޅެފައި ވެސް ހުއްޓި އެތަނުން އަހަރެން ބޭރުކޮށްލީ، ހިތަށް އަރަނީ ކިހިނެއް ލިބުނު ޒަޚަމްތަކެއްބާއޭ، އަހަރެން ރޭގައި ނިދަން ދިޔައީ ދާންކޮޅު ތައްޔާރުކޮށް އަމީރާ ކޮޓަރިކޮޅަށް ވެންނެވިފަހުން، އެވެސް ދާލަންމަތިން ފަޒުމާއާ ދިމާވެގެން އެތައް އިރަކު ވާހަކަދައްކަން ހުރެފައި، ދެން ނޭނގެ..." ލަވީތާގެ އަޑު އިހުނަށްވުރެ ވެސް މަޑުވިއެވެ. އޭނާ ކިޔާނުކިޔާއެއް ކިޝްފާއަށް ކިރިޔާ ސާފުވީއެވެ.

"ވެދާނު އެންމެން ނިދަން ދިއުމުން ރައުލް އައީކަމަށް، އެ ފިރިހެނާ އުޅެނީ ނިކަން ސިއްރުންނު... އަހަރެން ނިކަން ފޫހިވޭ އޭނާދެކެ، ބޮޑާކަމުން އަހަރެމެންނަށް ބަލާ ވެސް ނުލާނެ، އޭނާގެ އިއްޒަތުން ބައެއް އުނިވެދާނޭތީ" ކިޝްފާ ފޫހި ވައްތަރެއް ޖައްސާލިއެވެ.

"ހޫން...ހޫން... ކިޝްފާއަށް ޒަގަން ނޫނީ ކަމަކު ނުދާނޭކަން އެނގޭ، އެކަމަކު އަހަރެން އަޑުއެހިން ރައުލްއަކީ ވަރަށް ހިތްތިރި ޒުވާނެއްކަމަށް" ލަވީތާ ބުންޏެވެ.

"އެއީ އޭނާގެ މަކަރުވެރިކަން" ކިޝްފާ ބުންޏެވެ.

"އޭތް!... އަހަރެމެންގެ ވާހަކަ މީހަކަށް އިވިދާނެ، އޭރުން ވަރަށް ކަންތައް ގޯސްވާނެ، ދެން ދޭ އަވަހަށް... މާގިނައިރު ވާހަކައިގައި ތިބުން ރަނގަޅެއްނުވާނެ" ލަވީތާ ބުންޏެވެ. އަދި އެނބުރި އޭނާ ހުރި ތަނަށް އައުމަށް އަވަސްވެގަތެވެ.

ރައުލް އެނބުރި އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ހަލާކުވެފައިވާ އެނދު ފެނުމުން ފުންނޭވާއެއް ރައުލް ލިއެވެ. މިހާރު އޭނާ ހުރީ ހަމަޖެހިފައެވެ. ނާސްތާކުރާ ކޮޓަރިއަށް ދިއުމުގެ ގަސްދެއް ރައުލްގެ ނެތެވެ. ސަމިއާނާއާ ކުރިމަތިލާނޭ ގޮތެއް ރައުލްއަށް ނޭނގުނީއެވެ. ރޭގެ ހާދިސާގެ ސަބަބުން ސަމިއާނާދެކެ ރައުލްއަށް ވަރަށް ގަދައަށް ރުޅި އާދެވުނީތީ އެކަމާ މެދު ވެސް އޭނާ ވިސްނިއެވެ. ސަމިއާނާ ދެން ކަންތައްކުރާނޭ ގޮތެއް ނޭނގުމާއި ބޭރީތުގެ ގާތުގައި ސަމިއާނާ ޝަކުވާއެއް ކޮށްފާނޭ ކަމާމެދު ވެސް ރައުލް މާޔޫސްވާ ގޮތްވިއެވެ. ސަމިއާނާއާ ދިމާއަށް ކިޔުނު އެއްޗިއްސަކީ އޭނާ ހަމަހޭގައި ހުރެ ބުނާނޭ އެއްޗެހި ނޫންކަން ރައުލްގެ ޟަމީރު އެއްބަސްވެއެވެ. އެހެންވިޔަސް ދުލުން ބޭރުކުރެވުނު ބަސްތައް އަނބުރާ ނުގެނެވޭނޭކަން އެނގި ވަކިން ރައުލް ކަންބޮޑުވިއެވެ.

މެންދުރުވެގެން ދިޔައިރު ވެސް ސަމިއާނާގެ ޚަބަރެއް ނުވުމުން ރައުލް އިތުރަށް ހާސްވިއެވެ. އޭނާއަށް ވީގޮތެއް އެނގެން ބޭނުންވިއެވެ. އެހެންވެ ސަމިއާނާގެ ކަންކަމުގައި ހަވާލުވެގެން އުޅޭ ބާނދީންގެ ތެރެއިން ކުއްޖަކަށް ރައުލް ގޮވާލިއެވެ. ސަމިއާނާވީ ތަނެއް އަހާލުމުން އެ ބާނދީގެ ފަރާތުން އެނގުނީ ހެނދުނުގެ ނާސްތާ ކުރުމަށް ވެސް ސަމިއާނާ ކޮޓަރިން ނުނިކުންނަކަމެވެ. އަދި އަންހެން ޚަކީމަކު ގެނެސްދިނުމަށް ސަމިއާނަ އެދުނުކަމާއި ބަލިވެ އުޅޭހެން ހީވާ ކަމުގައެވެ. ކަންބޮޑުވުން އިތުރުވުމަކާއެކު ރައުލް ހަލުވިކަމާއެކު އައީ ގަނޑުވަރުގެ އުތުރު ބަޔަށެވެ.

ސަމިއާނާގެ ކޮޓަރީގެ ދޮރުގައި ރައުލް ޓަކިދިނެވެ. ކާކުތޯ ބެލުމަށް ކޮޓަރީގެ ތެރެއިން ބާނދީއަކު ނުކުތެވެ. ރައުލް ފެނުމުން ބޯޖަހާލައި އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ.

"އަމީރާ ވަކި އެއްޗެއް ވިދާޅެއްނުވި" އެތެރެއަށް ވަދެގެން ދިޔަ ބާނދީ ވަގުތުކޮޅެއް ފަހުން އައިސް ދޮރު ހުޅުވާލަމުން ބުންޏެވެ. ރައުލް އެއްޗެއް ބުނޭތޯ އެ ބާނދީ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއަށް ރައުލް އިޝާރާތްކޮށްލީ އެ ކޮޓަރިން ބޭރަށް ނުކުތުމަށެވެ.

"މި ހިސާބުން އެންމެން ހުސްކުރޭ، ކަމެއް ބޭނުންވެއްޖެނަމަ ގޮވާނަން" ރައުލް ބުންޏެވެ. އަދި އޭނާ ސަމިއާނާގެ ހަށިފާރަވެރިންނާ ބައްދަލުކޮށް އެ ހިސާބު ރައްކާތެރިކޮށް އެއްވެސް ޖިންނިއަކު އުތުރު ބަޔަށް ވަނަނުދިނުމަށް އެންގިއެވެ. އެބަހަށް އެ މީހުން ކިޔަމަންވިއެވެ.

"އަމީރާ... އަހަރެން... އަހަރެން އެބަ ވަންނަން..." ސަމިއާނާގެ ކޮޓަރީގެ ދޮރުކައިރީ ހުރެ ރައުލް ބުންޏެވެ. އަދި ދޮރުފަތް
ހުޅުވާލިއެވެ. (ނުނިމޭ)