ދުނިޔެ

އިންޑިއާގެ ޕައިލެޓު މާދަމާ ދޫކޮށްލާނެކަމަށް ޕާކިސްތާނުން ބުނެފި

Feb 28, 2019

އިސްލާމްއާބާދު (ފެބްރުއަރީ 28) - ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ބަޑިޖަހައި، ވައްޓާލުމަށްފަހު ހައްޔަރުކޮށްފައިވާ ޕައިލެޓު ދޫކޮށްލަން ނިންމާފައިވާކަމަށް އެގައުމުން ބުނެފި އެވެ.

"އަހެރެމެންގެ ހައްޔަރުގައި އެބަހުރި އިންޑިއާގެ ޕައިލެޓެއް، ސުލްހައިގެ އަމަލެއްގެ ގޮތުން މާދަމާ އޭނާ ދޫކޮށްލާނަން،" ޕާކިސްތާނުގެ ޕާލިމަންޓު ޖަލްސާއެއްގައި ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވި އެވެ.

އިމްރާން ޚާން އިތުރަށް ވިދާޅުވި ގޮތުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅަން އިއްޔެ ކުރެވުނު މަސައްކަތް ކާމިޔާބުނުވި ކަމަށެވެ.

ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން އަންގާރަ ދުވަހު ދިން ވައިގެ ހަމަލާއަށްފަހު ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ހޫނުވެފައިވާއިރު، އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި، އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރުކޮށްފައިވާކަމަށް ޕާކިސްތާނު ސިފައިން ވަނީ ބުނެފަ އެވެ. އަދި ކަނުބަނދެފައިވާ އެ ޕައިލެޓު ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯއެއް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

އިންޑިއާއިން ބުނީ އެ ވީޑިއޯއަކީ، އެއާފޯސް ވިންގް ކޮމާންޑަރު އަބިނަންދަން އާމެދު ޕާކިސްތާނުން ލާއިންސާނީ ގޮތަކަށް އަމަލުކޮށްފައިވާކަން ސާބިތުކޮށްދޭ ވީޑިއޯއެއް ކަމަށާއި، އޭނާ ވަގުތުން ދޫކޮށްލަންޖެހޭ ކަމަށެވެ.

އިންޑިއާގެ ޕައިލެޓު ދޫކޮށްލުމަކީ، ހަނގުރާމައިގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދެގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމެއް އަންނާނެކަމެއްކަމަށް މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ވަނީ، ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރު ސަރަހައްދުގެ ކައިރީގައި އޮންނަ އަވަށަކަށް ވައިގެ ހަމަލާތަކެއްދީފަ އެވެ.

އެކަމާއި ގުޅިގެން، އިންޑިއާއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ދީފައިވާ ހަމަލާތަކުގެ ރައްދު ދިނުމުގެ އިހުތިޔާރު ލިބިވެގެންވާކަމުގެ އިންޒާރު ޕާކިސްތާނު ސަރުކާރުން ވަނީ ދީފަ އެވެ.

ނަމަވެސް، އިންޑިއާ އިން ބުނަނީ، އެ ހަމަލާއަކީ، މިމަހު ކުރީކޮޅު ކަޝްމީރުގައި އެގައުމުގެ ސިފައިންތަކެއް މަރާލުމުގައި ބައިވެރިވި ޓެރަރިސްޓް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުން ބުނި ބުނުން، ޕާކިސްތާނު ސިފައިން ވަނީ ދޮގުކޮށްފަ އެވެ.

އިންޑިއާ އިން ހަމަލާދިން ސަރަހައްދުން "އެންމެ ގާކޮޅެއް" ވެސް ފެނިފައިނުވާކަމަށް ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު އާސިފް ޣަފޫރު ވިދާޅުވި އެވެ.