ރައްޔިތުން މަޖިލިސް ކުރާގެއަށް މީހުން ވެއްދުމުގެ ހުއްދަ ދެނީ މަޖިލީހުގެ އިދާރާއިން ކަމަށާއި މަޖިލީހަށް މީހުން ވަނުމުގެ ހުއްދަ ދިނުމުގައި ދިވެހި ސިފައިންގެ ދައުރެއް ނޯންނާނެ ކަމަށް މަޖިލިސް ކުރާ ގޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފްއިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ އަޑުއެހުމަށް މަޖިލީހުގެ "ގެލެރީއަށް" ވަނުމަށް ދިޔަ ފަރާތްތަަކަށް ސިފައިން ހުއްދަ ނުދީ ފޮނުވާލި ކަމަށް ބުނެ މޯލްޑިވްސް ޑިމޮކްރަސީނެޓްވޯކާއި ބައެއް އެކްޓިވިސްޓުން އަންނަނީ ސިފައިންނަށް އަމާޒުކޮށް ފާޑު ކިޔަމުން އެވެ. އަދި ރައީސް ސޯލިހު އެކުލަވާލައްވާފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހުން ދެކޮޅު ހަދާތީ މަޖިލިސް ކުރިމަތީ އިއްޔެ ވަނީ މަދަނީ ޖަމްއިއްޔާތަކާއި ބައެއް އެކްޓިވިސްޓުން މުޒާހަރާ ވެސް ކޮށްފަ އެވެ.
އެކަމާ ގުޅިގެން "އަވަސް"އިން ސުވާލުކުރުމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ ސިފައިން ބަލަހައްޓަމުން ދަނީ މަޖިލިސް ކުރާ ގެއާއި އެތަނުގެ ގޯތި ތެރޭގެ ސަލާމަތީ ކަންކަން ކަމަށާއި އެކަން ކުރުމުގެ ތެރޭގައި މަޖިލިސް ކުރާގެއަށް ވައްދާނެ ފަރާތްތަކާއި ނުވައްދާނެ ފަރާތްތައް ކަނޑައަޅަނީ މަޖިލީހުގެ އިދާރާއިން ކަމަށެވެ. އަދި މަޖިލީހުގެ އިދާރާގެ ރިސެޕްޝަނުން މަޖިލިސް ކުރާގެއަށް ވަނުމުގެ ފާސް ބަޔަކަށް ދޫކުރުމުން، އެފަދަ ފަރާތެއް ނޫނީ ފަރާތްތަކެއް ވެސް މަޖިލިސް ކުރާ ގެއަށް ވަނުމަށް ސިފައިން ހުރަސް ނާޅޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިއްޔެގެ ކޭސްގައި ވެސް މި ވީގޮތަކީ، އެ މީހުން [މަޖިލިސް ޖަލްސާ އަޑުއަހަން ވަންނަން އައި މީހުން] މަޖިލިސް ކުރާ ގޭގެ ގޭޓް ކައިރިން ރިސެޕްޝަނާ ހަމަޔަށް އަޅުގަނޑުމެން އެކްސެސް ކުރުވިން. އެ މީހުން ރިސެޕްޝަންގައި ތިއްބާ މަޖިލިސްގެ ރިސެޕްޝަންގެ ކައުންޓަރުގައި ތިބޭ ކުދިން އެ ގުޅަން ޖެހޭ ފަރާތްތަކާ ގުޅައިގެން ހުއްދަ ހޯދަނީ. އެ ޕްރޮސެސް އިއްޔެވެސް ދިޔައީ. ރިސެޕްޝަނާ ހަމަޔަށް އަޅުގަނޑުމެން އެބޭފުޅުންނަށް އެކްސެސްދިނިން. އެބޭފުޅުން ރިސެޕްޝަން އޭރިއާގައި ތިބެ އެ މީހުންނަށް މަޖިލީހަށް ވަދެވޭނެތޯ ނޫންތޯ މަޖިލިސް އިދާރާއަށް ޑިސައިޑް ނުކުރެވި އުޅެނިކޮށް އެބޭފުޅުން އަނބުރާ ނިކުމެގެން ދިޔައީ. އެހެން ވީމާ އަޅުގަނޑުމެނެއް [ސިފައިންއެއް] ނޫން އެބޭފުޅުން މަޖިލީހަށް ވަދެވޭނެތޯ ނޫންތޯ ނިންމީކީ. އަދި އެބޭފުޅުން ހިފަހައްޓައި [ސިފައިން] ހުރަސްއަޅާފައެއް އިއްޔެވެސް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލިސް އަޑުއެހުމަށް ވަންނަން ދިޔަ ފަރާތްތަކަށް ސިފައިން ހުރަސް އަޅައި އެ ފުރުސަތު ނުދިން ކަމަށް ބުނެ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ވަނީ އެކަން ބަލައި ދިނުމަށް މަޖިލީހުގެ އިދާރާއަށް މީހާރު ސިޓީއެއް ވެސް ފޮނުވައިފަ
އެވެ.
އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ރިސެޕްޝަން އޭރިއާއަށް ވަނުމުގެ ފުރުސަތު އެންމެންނަށް ވެސް ސިފައިން ދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، ސިފައިން ސެކިއުރީޓި ބަލަހައްޓާ ތަންތަނުގައި ރިސެޕްޝަނަށް ވުރެ އެތެރެއަށް ވަދެވޭނީ އެ އިދާރާއަކުން ފާހެއް ލިބުމުން ކަމަށާއި އެ ގޮތަށް ސިފައިން އަމަލު ކުރަމުން ދަނީ ވެސް އެ ތަނެއްގައި އިދާރާއިން އެ އުސޫލު އެގޮތަށް ކަނޑައަޅާފައި އޮންނާތީ ކަމަށެވެ. އަދި މަޖިލިސް ކުރާ ގެއަށް މީހުން ވަނުމަށް ސިފައިން ހުރަސް އަޅަމުން ނުދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިފައިން ސެކިއުރިޓީ ބަލަހައްޓާ ހުރިހާތަނެއްގައި ވެސް، އެއީ ރައީސް އޮފީސް ވިޔަސް، މަޖިލިސް އިދާރާ ވިޔަސް ސުޕްރީމް ކޯޓް ވިޔަސް އަޅުގަނޑުމެންނެއް ނޫން މި ކަނޑައަޅަނީ އެތަނަށް ވަންދާނެ މީހުންނާ ނުވައްދާނެ މީހުން. އެއީ އެ އިދާރާއަކުން އަމިއްލައަށް ކުރާ ކަމެއް. އެއީ ސިފައިންގެ ދައުރެއް އޮންނަ ކަމެއް. އެބޭފުޅުން ހުއްދަ ދެއްވީމާ ސިފައިން ހަމަ އެ ފަރާތްތަކަށް އެ އިދާރާއަކަށް ވަނުމުގެ އެކްސެސް އަޅުގަނޑުމެން ދޭނެ. އޭރުން ހިފެހެއްޓުމެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހުގެ އެކުލަވާލެއްވި ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ތިން ފަހަރަށް އެޖެންޑާކުރުމުން ވެސް މަޖިލިސް ޖަލްސާގެ ކޯރަމް ހަމަނުވެގެން އެ ބިލަށް ވަނީ ވޯޓަށް ނޭހި އެވެ. އެކަމާ ގުޅިގެން މަދަނީ ބައެއް ޖަމްއިއްޔާތަކާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އާއި މަރާލާފައިވާ ޔާމީން ރަޝީދުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.