ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ ދެ މަސްބޯޓް ސިފައިން އަތުލައިގެންފި އެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ ސްރީލަންކާގެ ދެ މަސްބޯޓެއް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހއ. ކެލާގެ އިރުއުތުރުން 103 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މި ދެ މަސްބޯޓް ކޯސްޓްގާޑްގެ އުޅަނދު ހުރަވީގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފަ އެވެ. އެމްއެންޑީއެފް އިން ބުނީ ދެ ބޯޓް ވެސް ކުޅުދުއްފުއްޓަށް ގެނައުމުުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ދެ މަސްބޯޓްގައި ތިބީ ކިހާއަދަދެއްގެ މީހުންނެއް ކަމެއް އަދި އެ މީހުން ކުރަމުން އައީ ކޮން ޒާތެއްގެ މަސްވެރިކަމެއް ކަމެއް ވެސް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުވެސް ރާއްޖޭގެ ސަރަހައްދުން ވަނީ ލަންކާގެ މަސްބޯޓެއް އަތުލައިގެންފަ އެވެ.