މާ ބޮޑު ވިސްނުމެއް ނޯވެއެވެ؛ އަހަރުމެންގެ ތެރޭގައި މި އޮންނަ ގޮތަކީ ކަންމަތީ ފިހާރައަކުން ގެންނަ ހެދިކާ ކޮޅު ނުވަތަ ކައިރީ ގެޔަކުން ގުޅަ ބަޖިޔާ ގަނެލައިގެން ސައިބޯލުމެވެ. ފަސޭހަގޮތް ހަދާލަނީ އެވެ. ލުއި އަދި ތައްޔާރީ ކާނާ އަށް ވިސްނުމަކާއި ނުލާ ބަރޯސާވަނީ އެވެ. ހަށިގަނޑުގެ އެތޭރޭގެ ގުނަވަންތަކުން އަޅާ އެލާމްތަކަށް ބީރު ކަންފަތެއް ދެނީ އެވެ. ތަރުކާރީ އާއި މޭވާއާ ރުޅިވެ ސުޕާމާކެޓް ޝެލްފުގައި ގިނަ ދުވަހު ބެހެއްޓޭ އަދި ގިނައިން ހަށިގަނޑަށް ގެއްލުންދޭ އެކި އެކި ކެމިކަލް އަޅާ ތައްޔާރުކޮށްފައިވާ ކާނާއާ ރައްޓެހިވެ "އިންނަނީ" އެވެ.
ދިވެހިންގެ މައްޗަށް ގަދަވެ ގަނެގެން މިއޮތް ސިއްހަތަށް ގެއްލުންދޭ ކާނާތަކުގެ ބަދަލުގައި ހިޔާރު ކުރެވޭނެ ރޯ ބާވަތްތަކުންނާއި އަދި ތާޒާ މޭވާ އާއި ތަރުކާރީ އިން ޖޫސް ހަދައިގެންނާއި މުރަނގަ ފަތުގެ ކުނޑި ޕެކެޓާއި ކެޕްސޫލް ވިއްކާ ތަނެއް އެބަހުއްޓެވެ. "އަބޫ އައިން ކޫޒީން" ހިންގަނީ ޝިފާން އަހުމަދެވެ.
އަބޫ އައިން ކޫޒީންގެ އިންސްޓަގްރާމް ފީޑުން ފެންނަނީ އެކި އެކި ގޮތްގޮތަށް ތައްޔާރު ކޮށްފައިވާ ކާނާ އެވެ. ތަފާތަކީ މި ހުރިހާ އެއްޗެއްގައި ވެސް ވީގަން، ގްލޫޓަން ފްރީ، ޕްރަބައޮޓިކްސް ރޯ މި ފަދަ ލޭބަލް އަޅުވާލާފައި ހުންނަ ކަމެވެ. ބޭނުންކޮށްފައިވާ އިންގްރީޑިއެންޓްސް އަކީ ސުޕަ ފުޑާއި ތަރުކާރީ އާއި މޭވާ އެވެ.
މިއީ ބޭނުން ނުހިފާ ދޫކޮށްލާވަރުގެ ބާވަތްތަކެއް ނޫނެވެ. މިތަކެތި ހަދާ ގޮތުގެ ރެސިޕީ އާއި ތަފްސީލް ޝިފާން ގާތުގައި އަހާ ކޮންމެ މީހަކަށް ކިޔާދީ ރެސިޕީ ހިއްސާ ވެސް ކުރަނީ އެވެ. ފުލްޓައިމް ވަޒީފާއެއްގައި އުޅެމުން ގޭގައި ކައްކާ ސިއްހަތަށް ފައިދާ ހުރި މި ފަދަ ކާނާ ތައްޔާރު ކުރާ ގޮތް ހިއްސާ ކުރަނީ މި ފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރުވާށެވެ. އެހެން ނިޔަތެއް ނެތެވެ.
"އަދި މި މި ވިއްކަނީ ހަމައެކަނި ހާއްސަ ޖޫސްތަކާއި މުރަނގަ ފަތުގެ ކުނޑި ޕެކެޓާއި މުރަނގަ ކެޕްސޫލް. މުރަނގަފަތަކީ އެއިން ހަށިގަނޑަށް އެތައް ފައިދާ އެއްކުރާ އެއްޗެއް. އިހުޒަމާނުގައި މުރަނގަ ފަތް ހޯދާކަށް އުނދަގުލެއް ނޫން. ނަމަވެސް މިހާރު މާލެއަށް ރަށަކުން ފަތްކޮޅެއް ހޯދާލުމުން ވެސް ވަރަށް އަވަހަށް ދޮންވެފައި ހުންނަނީ. އަދި މުރަނގަ ފަތް ކުނޑިކޮށް ޕައުޑަރަކަށް ހަދާފއި މި ހުންނަނީ ކޮންމެ ޑިޝްއެއްގައި ވެސް ބޭނުން ކުރެވޭ ގޮތަށް ފަސޭހައިން ކާލެވޭ ގޮތަކަށް. އަދި ކެޕްސޫލް ވެސް މި އުފެއްދީ މި ބޭނުމުގައި. އޭރަށް ވަކިން އެހެން ކާނާއަކާއި އެއްކުރާކަށް ނުޖެހޭ. ހަމަ ލޮނުމެދު ތެޔޮ ގުޅަ ގޮތަސް މީތިވެސް މި ބޭނުން ކުރަންޖެހެނީ،"ޝިފާން ބުންޏެވެ.
މުރަނގަ ފަތަކީ ދިވެހިން ވަރަށް ކައިއުޅޭ ފަތެކެވެ. ކުރީގައި މީގެ ފައިދާ މާ ބޮޑަށް ނޭގުނަސް މިހާރު މިއީ ސުޕަ ފުޑެއްކަން ދިވެހިންނަށް އެނގެ އެވެ. ތަފާތު ބަލިތަކުން ފަސޭހަ ވުމަށް އެހީތެރިވެދޭ ފަތެއްކަން ދަނެ އެވެ. ނިއުޓިރިއެންޓް ކޮންޓެންޓް މަތި އެންޓިއޮކޮސިޑެންޓްގެ ބާވަތްތައް މަތިވުމުގެ ސަބަބުން ހިތުގެ ބަލިއާއި ސިކުނޑީގެ ތަރައްގީ ކުރުމަށް އެހީތެރިވެދޭ ފަތެކަން ވެސް އެނގެ އެވެ.
މުރަނގަފަތުގެ ޕައުޑަރު ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތު ދެމުން ޝިފާން ބުނި ގޮތުގައި ފަތްތަށް ތަނޑުން ނައްޓާލުމަށްފަހު ޑީހައިޑްރޭޓާ އަކުން ވަކި ހޫނުމިނެއްގައި އޭގެ ނިއުޓިރިއެންޓް ފައިދާ ނުގެއްލޭ ގޮތަށް ހިއްކާ މުގުރައިގެން ވިއްކަނީ އެވެ. އަދި "އަބޫ އައިން ކޫޒީން" އިން ވިއްކާ މުރަނގަފަތުގެ ކުނޑީގައި އެއް ސަމްސާ މުރަނގަފަތުގެ ޕައުޑަރުގައި ގާތްގަނޑަކަށް ޖޯޑެއް ނުވަތަ ދޮޅު ޖޯޑުގެ ފަތް ހިމެނެ އެވެ.
މުރަނގަ ކެޕްސޫލް ހަދަން ބޭރުން ގެންނަނީ ހާއްސަ ޕްރޮޓީން ކޯޓިން އެކެވެ. މިއިން ތައްޔާރު ކުރަނީ ވެކިއުމް ސީލްޑް އޮކްސިޖަން އެބްޒޯބިން ކެޕްސޫލްތަކެކެވެ.
ގައިންގައިން ނާރާ ބޮޑެތި ބަލިތަށް ކަމުގައިވާ ކެންސަރާއި، ހަކުރު ބައްޔާއި އާދަޔާ ހިލާފަށް ފަލަވުމުގެ އިތުރުން ސްޓްރެސް އާއި އެންޒައިޓީ އަދި ކުޑަކުދިންނަށް މި ދިމާވާ އޭޑީއެޗްޑީ ފަދަ ހުރިހާ ބައްޔައްކާ ދުރުވުމަށް ވެސް ދުޅަހެޔޮކާނާ ވަރަށް މުހިއްމު ރޯލެއް އެބަ އަދާ ކުރެ އެވެ.
"ތާޒާ މޭވޭ އާއި ތަރުކާރީގެ ފައިދާ ހަށިގަނޑަށް އެންމެ ފަސޭހަކޮށް ހޯދައިދެވޭނެ ގޮތެއް ޖޫސިން އަކީ. ވަރަށް ގިނަ ކަންކަމަށް އަޅުގަނޑު ޖޫސް އެބަހަދަން. މި ޖޫސް ތަފާތު ވެގެން ދަނީ މިއީ އެއްވެސް ކަހަލަ ހަކުރެއް ނުވަތަ ފެނެއް ނާޅާ މޭވާ އަދި ތަރުކާރީގެ ދިޔައިން ހަދާފަ ޕެކްކޮށްފައި ހުންނަ އެއްޗެއް. އެންމެ ހިނގަނީ ރޯޖާއިން ސަލާމަތް ކުރުމަށް މި ހޯދާ އިމިއުން ބޫސްޓާ އަދި ޑީޓޮކްސް ޖޫސް. އެ އޯޑަރަށް މި ހަދައިދެނީ،"
ޝިފާން ބުނި ގޮތުގައި ކޯލްޑްޕްރެސް ޖޫސިންގް އަކީ ވަކި ހާއްސަ ގޮތަކަށް ވަކި ވައްތަރެއްގެ ޖޫސަރަކުން އޭނާ ކުރާ ކަމެކެވެ. މޭވާ އާއި ތަރުކާރީ ބްލެންޑް ކޮށްގެން ބަދަލުގައި މިފަދަ ޖޫސަރުގެ މޯޓަރުން މާބޮޑު ހޫނު ކަމެއް ނުއުފައްދާތީވެ މި ފަދަ ގޮތަށް ޖޫސް ކުރުމުން ލަހުން ވިޔަސް ވަރަށް ބޮޑު ދިޔަގަނޑެއް ލިބި ތަރުކާރީއާއި މޭވާގެ ނިއުޓިރިއެންޓްސް ދަމަހައްޓައި ދެއެވެ.
"އަބޫ އައިން ކޫޒީން" އިން ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ ބްލެންޑް ގެންގުޅޭއިރު މަގުބޫލީ އެންޓި އިންފްލެމޭޓަރީ، ޑައިބެޓިކް ސްޕެޝަލް، އެނާޖީ އަދި ސްޓެމިނާ ބޫސްޓާސް އެވެ.
"ޑީޓޮކްސް ޖޫސް މިއަންނަނީ މަޑުމަޑުން ވައިގައި ހިފަމުން. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކަވެސް ބޭނުންވޭ ހަށިގަނޑުން ބޭކާރު ޓޮކްސިންތައް ދުއްވާލަން. އެހެންވެގެން މި ޖޫސް މި ނަގަނީ. މިއީ ވަރަށް ގިނަ ބަލިތަށް ކަމަށްވާ ފެޓީލިވާ ސިންޑްރޯމް ފަދަ ކަންކަމަށް ވަރަށް ރަނގަޅު ހައްލެއް،"
ކާނާއަކީ އާއި މީހާގެ ލައިފްސްޓައިލް އަކީ އެތައް ބައްޔަކުން ރައްކާތެރިކޮށްދޭ އެއްޗަކަށްވާއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަސޭހަގޮތް ހޯދާލާއިގެން ހަމަޖައްސާލެވެން ނެތުމުން މި ޝިފާނުމެންގެ އެހީ ހޯދަން އެބަޖެހޭ ނޫން ހެއްޔެވެ؟ މިިއީ މުރަނގަ ގަސްދޮށު މާލިމީއެއް ނޫނެވެ. މިއީ މުރަނގަފަތުގެ މާލިމީއެކެވެ.