ވިޔަފާރި

ލަވް ޓްރެވަލް އެވޯޑު: އިންޑިޔާ ކަނޑުގެ ރޮމޭންޓިން ރިސޯޓަކަށް ހުރަވަޅި

Mar 1, 2019
1

ރާއްޖޭގައި ހުޅުވާފައިވާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ޅ. ހުރަވަޅި މޯލްޑިވްސް އަށް އިންޑިއާ ކަނޑުގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ލިބިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "މޯލްޑިވްސް އިންސައިޑާ" ގައިވާ ގޮތުން މަތީ ފަންތީގެ ރިސޯޓް އަދި ހޮޓާ ތަކަށްވޭ ލަވްޓްރެވަލް އެވޯޑުގައި ހުރަަވަޅި މޯލްޑިވްސް އަށް ލިބިފައިވަނީ އިންޑިޔާ ކަނޑުގެ އެންމެ ރޮމޭންޓިކް ރިސޯޓް ހޮޓެލްސްގެ އެވޯޑެވެ.

ޅ. އަތޮޅުގައި ހިންގާ އެ ރިސޯޓަށް މި އެވޯޑު ލިބިފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އޮސްޓްރިއާގެ ވިއެނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި އެވޯޑު ހުރަވަޅި މޯލްޑިވްސްއަށް ލިބިފައިވަނީ ޝޯޓްލިސްޓް ކުރި ފަރާތްތަކުގެ ތެރެއިން މި ދާއިރާގެ ތަޖުރިބާކާރުންގެ ހިޔާލަށް ބެލުމަށްފަހު އެވެ.

ހުރަވަޅި މޯލްޑިވްސްއަށް މީގެ ކުރިން ވެސް ރޮމޭންޓިކް ރިސޯޓްގެ އެވޯޑުތައް ލިބިފައިވެ އެވެ. މިގޮތުން ޓްރިޕް އެޑްވައިޒާއިން ހޮވޭ އޭޝިއާގެ އެންމެ ރޮމޭންޓިކް 10 ހޮޓަލުގެ ތެރޭގައި ހިމެނިފައިވެ އެވެ. އަދި ރާއްޖޭގެ އެންމެ ރޮމޭންޓިކް ހަތަރު ހޮޓަލުގެ ތެރޭގައި ވެސް ހިމެނުނެވެ.

މާލެއިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ރާސްތާގައި ހިންގާ ހުރަވަޅި މޯލްޑިވްސްގައި 90 ވިލާ ހުރެ އެވެ. މީގެތެރޭގައި 60 މޫދު ވިލާ އާއި 30 ބީޗް ވިލާ ހިމެނެ އެވެ. އަދި މި ރިސޯޓްގެ މޫދު އަޑީގައި 5.8 ގެ ނަމުން ނަން ދީފައިވާ މޫދު އަޑީގެ ރެސްޓޯރެންޓެއް ވެސް ހުރެ އެވެ.