ކުޅިވަރު

ރެޕްޓޯސް ބަލިކޮށް ޗެމްޕިއަންކަން ކިންގްސްއަށް!

ފައިނަލުގައި، ރެޕްޓޯސްގެ މައްޗަށް ސެންޗުރީ ޕޮއިންޓްސް ހޯދައި، އެމްބީއޭ ޗެމްޕިއަންޝިޕްގެ ތަށި ކިންގްސް ބާސެކްޓް ބޯޅަ ކުލަބުން އުފުލާލައިފި އެވެ.

ރޭ ކުޅުނު ފައިނަލު މެޗު، ކިންގްސް ކާމިޔާބު ކުރީ 42 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. ކިންގްސްއިން 100 ޕޮއިންޓް ހޯދިއިރު، ރެޕްޓޯސްއަށް ހޯދިފައި ވަނީ، 58 ޕޮއިންޓެވެ.

މިދިޔަ ދެ އަހަރު، އެމްބީއޭ ޗެމްޕިއަންޝިޕް ރަސްގެފާނަކީ ޓީރެކްސް އެވެ. އެހެންނަމަވެސް، މިފަހަރު މުބާރާތުގައި ޓީރެކްސްއަށް ޖެހުނީ ސެމީ ފައިނަލާ ހަމައިން މުބާރާތާ ވަކި ވާށެވެ. ސެމީ ފައިނަލުގައި ޓީރެކްސްއަށް ހުރަސް އެޅީ ކިންގްސް އެވެ.

ރޭގެ މެޗުގެ ތިން ކްއާޓާގައިވެސް، ކިންގްސް ވަނި އެއްވަރެއްގައި ޑޮމިނޭޓްކޮށްގެން ކުޅެފަ އެވެ. ކޮންމެ ކްއާޓާއެއްގައިވެސް 20 ވުރެ ގިނަ ޕޮއިންޓް ހޯދި އެވެ. ފުރަތަމަ ކްއާޓާގައި ކިންގްސް ލީޑް ކޮށްފައި ވަނީ، 26-10 ންނެވެ. ދެ ވަނަ ކްއާޓާ ނިމުނު އިރު، ކިންގްސް ވަނީ ހާފް ސެންޗުރީއަށް ޕޮއިންޓް ހަމަ ކޮށްފަ އެވެ.

ތިން ވަނަ ކްއާޓަގައި ކިންގްސްއިން 23 ޕޮއިންޓް ހޯދި އެވެ. ރެޕްޓޯސްއަށް 16 ޕޮއިންޓެވެ. ފަހު ކްއާޓާގައި، ކިންގްސްއިން ބޮޑު ހިތްވަރެއް ލައި ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކުރުމަށް އަމާޒު ހިފި އެވެ. އެ ކްއާޓާގައި ރެޕްޓޯސްއިން ވެސް ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. ކިންގްސްއިން 27 ޕޮއިންޓް ހޯދިިއިރު ރެޕްޓޯސްއިން 21 ޕޮއިންޓް ހޯދި އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިތެރިޔަކަށް ހޮވިފައި ވަނީ، ކިންގްސްގެ އަބްދުﷲ އަޒުމާރު އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ވަނީ، ކިންގްސްގެ: އަހްމަދު ފިރާޝް، ޓީރެކްސްގެ: އަހްމަދު ހުޝާމް، ހުސައިން ހަލީމް، ރެޕަޓޯސްގެ: މަފާޒު މުހައްމަދު، ސްޓިންގާސްގެ އިބްރާހިމް ނަސީމް އެވެ.

ފޮޓޯތައް: ހާފްކޯޓް މޯލްޑިވްސް