ބްރެޒިލް

ވިނީސިއުސްއަށް ބްރެޒިލްގެ ސީނިއާ ޓީމުން ޖާގަ ދީފި

މި ސީޒަންގައި، ރެއާލް މެޑްރިޑާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވަޑް ވިނީސިއުސް ޖޫނިއާއަށް، ބްރެޒިލްގެ ސީނިއާ ގައުމީ ޓީމުން ޖާގަ ދީފި އެވެ.

ފްލެމިންގޯއަށް، 46 މިލިއަން ޔޫރޯ ދިނުމަށް ފަހު، ރެއާލް މެޑްރިޑުން އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ވިނީސިއުސްގެ ނަން ރަޖިސްޓްރީ ކުރީ، މި ސީޒަން ފެށުމުގެ ކުރިންނެވެ. އެހެންނަމަވެސް މީގެ ދެ އަހަރު ކުރިންވެސް ރެއާލް މެޑްރިޑުން ވަނީ އޭނާ ގެންދިއުމަށް ފްލެމިންގޯއާއެކު އެއްބަސް ވެފަ އެވެ. ދެ އަހަރު ވަންދެން މަޑު ކުރީ އޭނާއަށް 18 އަހަރު ފުރެންދެންނެވެ. ފީފާގެ ގަވައިދު ބުނާގޮތުން ކުޅުންތެރިޔަކަށް އިންޓަނޭޝަނަލް ޓްރާންސްފާއެއް ހެދޭނީ އުމުރުން 18 އަހަަރު ވުމަށް ފަހު އެވެ.

މި ސީޒަންގައި، ރެއާލް މެޑްރިޑާ އޭނާ ގުޅުނު ނަމަވެސް، ފުރަތަމަ އޭނާއަށް ފުރުސަތު ލިބުނީ، ރެއާލްގެ ބީ ޓީމުންނެވެ. އޭރު ރެއާލްގެ ކޯޗަކަށް ހުރި، ހުލެން ލޮޕެޓެގީ ވިނީސިއުސްއަށް، ސީނިއާ ޓީމުން ފުރުސަތު ދިނީ، ވަރަށް މަދުންނެވެ. ލޮޕެޓެގީ ހޯދި ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ ކޯޗު ކަމުން ވަކި ކުރުމަށް ފަހު ކޯޗް ކަމާ ހަވާލުވީ ބީ ޓީމުގެ ކޯޗް، ސެންތިއާގޯ ސޮލާރީ އެވެ. ސޮލާރީ ވަނީ ރެއާލްގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެގޮތުން ވިނީސިއުސްއަށްވެސް ފުރުސަތު ދިނެވެ. އޭނާއަށް ދިން ފުރުސަތުގެ ބޭނުން ހިފައި ވިނީސިއުސް މިހާރު ދަނީ ރެއާލްގައި ފުލުކޮށް ކުޅެމުންނެވެ.

ބްރެޒިލްގެ ސްކޮޑަށް ވިނީސިއުސް، ނެގުމުގެ ކުރިން ބްރެޒިލްގެ ކޯޗް ޓިޓޭ ވަނީ ރެއާލް މެޑްރިޑްގައި ވިނީސިއުސްގެ ކުޅުން ބަލަން، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް މެތިއުސް ބަޗީ ފޮނުވާފަ އެވެ. އޭނާ ވަނީ ޖިރޯނާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ބަލާފަ އެވެ.

އަނިޔާގެ ސަބަބުން، ވޯލްޑްކަޕުގައި ބްރެޒިލްގެ ޓީމުގައި ނުހިމެނުނު، ޕީއެސްޖީގެ ޑިފެންޑަރު ޑެނީ އަލްވެސްއަށް ވަނީ މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފަ އެވެ. ބްރެޒިލްގެ ޓީމުން ފުރުސަތު ނުލިބުނު އެންމެ މަޝްހޫރު ކުޅުންތެރިޔަކީ، ރެއާލް މެޑްރިޑްގެ ވާތު ބެކް މާސެލޯ ވިއޭރާ އެވެ. އޭނާއަށް މިހާރު ރެއާލްގެ ފުރަތަމަ 11 އިން ފުރުސަތެއް ނުލިބެ އެވެ. މާސެލޯގެ ބަދަލުގައި ޔުވެންޓަސްގެ ޑިފެންޑަރު އެލެކްސް ސެންޑްރޯއަށް ވަނީ ބްރެޒިލްގެ ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ.

ޔޫރަޕްގެ ބޮޑެތި ޓީމުތަކުގެ ލޯތަށް އަމާޒުވެފައިވާ، ޕޯޓޯގެ ޒުވާން ޑިފެންޑަރު އެޑާ މިލީޓޯއަށް ވެސް ވަނީ ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ދީފަ އެވެ. ބްރެޒިލްގެ ކެޕްޓަން ނޭމާ ގެންދަނީ އޭނާއަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންނެވެ.

ބްރެޒިލުން ތައްޔާރު ވަމުން ދަނީ މި މަހު ކުޅުމަށް ހަމެޖިފައިވާ އެކުވެރި ކަމުގެ މެޗުތަކަށެވެ. އެގޮތުން ޕެނަމާ އާއި ޗެކްރިޕަބްލިކާ ދެކޮޅަށް މި މަހު ކުޅޭނެ އެވެ.