ޗެމްޕިއަންސް ލީގް

ގަސްތުގައި ކާޑު ހޯދުމުން ރާމޯސްއަށް ދެ މެޗަށް އަދަބު ދިފ

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ ލްގް މެޗުގައި އަޔެކްސްއާ ދެކޮލަށް ކުޅުނު މެޗުގައި، ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ގަސްތުގައި ރީނދޫކާޑު ހޯދިކަން ސާބިތުވުމުން ޔޫއެފާއިން އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

އަޔެކްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ރާމޯސް ގަސްތުގައި ކާޑެއް ހޯދީ ކުރިއަށް ހުރި މެޗުތަކަށް ކުޅެވޭ ގޮތް ހެދުމަށެވެ. އަޔެކްސް ދަނޑުގައި ކުޅުނު މެޗުގައި ކާޑެއް ހޯދުމުން، ދެ ކާޑު ހަމަވެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. ރާމޯސް ބޭނުންވީ ކްއާޓާ ފައިނަލަށް ދާއިރު އޭނާއަށް ސަސްޕެންޝަނެއް ނެތި ކުޅެވޭނެ ގޮތް ވުމަށެވެ. ދެ ވަނަ ލެގް މެޗުގައި ނުކުޅެވުމަށް ފަހު އަނެއްކާވެސް ކާޑު ގުނަން ފަށަނީ އަލުންނެވެ.

އެ މެޗުގެ 89 ވަނަ މިނެޓްގައި، ރާމޯސްއަށް ކާޑު ދެއްކުމުގެ ކުރިން، އޭނާ ވަނީ ރެއާލްގެ ބެންޗަށް އައިސް އޭނާ ގަސްދުގައި ކާޑެއް ހޯދަން އެދި އެވާހަކަ ބެންޗާ ހިއްސާކޮށްފަ އެވެ. އެމަންޒަރު ވީޑިއޯ ރިޕްލައިން ފެނިފައި ވެއެވެ.

ޔޫއެފާއިން މައްސަލަ ބެލީ، ބައެއް މީޑިއާތަކުގައި ރާމޮސް ދައްކާފައި ހުރި ވާހަކައާ ގުޅިގެންނެވެ. "އަހަންނަށް އެނގޭ އަހަންނަށް އިތުރު އިހްތިޔާރެއް ނެތް ކަން،" މާކާއަށް ދިން އިންޓަވިއުގައި ރާމޯސް ވާހަކަ ދެއްކި އެވެ. "ބައެއް ފަަހަރު ފުޓްބޯޅައިގައި ޖެހޭނެ، އެހެންކަހަލަ ނިންމުންވެސް ނިންމަން."

މިހާރު މީވީގޮތުން އަންނަ ބުދަ ދުވަހު އަޔެކްސްއާ ދެކޮޅަށް ކުޅޭ މެޗުގައި،ވެސް އަދި ކްއާޓާ ފައިނަލަށް ހިނގައްޖެ ނަމަ އެ ބުރުގެ ފުރަތަމަ ލެގް މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ އެވެ.