ރެއާލް މެޑްރިޑް

"ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެ ގޮތެއް ރެއާލްގައި ނެތް"

ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހާވަރަށް ކޮންމެ އަހަރަކު ލަނޑު 50 ލަނޑު ނުޖެހުނު ނަމަވެސް، ކޮންމެވެސް ވަރަކަށް ލަނޑު ޖަހާނެ ކުޅުންތެރިޔެއް މިހާރު ރެއާލްަ މެޑްރިޑަށް ބޭނުންވާ ކަމަށް. މިޑްފީލްޑަރު ލުކަ މޮޑްރިޗް ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގައި، މިރޭ އަޔެކްސްއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގް މެޗުގެ ކުރިން، ވާހަކަ ދައްކަމުން، ރެއާލްގެ މިޑްފީލްޑަރު ބުނީ، އެ ޓީމަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ، ރޮނާލްޑޯ ކުލަބު ދޫކޮށްލުމުން، އޭނާގެ މަގާމު ފޫބައްދަން އުނދަގޫވުމުގެ މައްސަލަ ކަމަށެވެ.

މޮޑްރިޗް، ބުނީ ރޮނާލްޑޯ ކަހަލަ ކުޅުންތެރިޔެއް ޓީމުގައި ހުރެފައ އޭނާ ދޫކޮށްލުމަކީ، ކޮންމެ ޓީމަކަށްވެސް މައްސަލަ ދިމާވާނެ ކަމެއް ކަމަށެވެ. އަދި ރޮނާލްޑޯގެ މަގާމު ފޫބެއްދުމަށް ރެއާލް މެޑްރިޑަށް އުނދަގޫ ކަމަކަށް ވާ މޮޑްރިޗްވެސް އެއްބަސްވެ އެވެ.

"ރޮނާލްޑޯގެ މަގާމު ފޫބައްދަން ކުލަބުން މިކުރާ ކަމަކީ މުޅި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން، އެހެންނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވޭ،" މޮޑްރިޗް ވާހަކަ ދެއްކި އެވެ. "ކްރިސްޓިއާނޯ [ރޮނާލްޑޯ] ޖަހާނެ 50 ގޯލް، އެހެންނަމަވެސް މިހާރު ނެތް އެވަރަށް ގޯލް ޖަހާނެ މީހެއް."

"ރޮނާލްޑޯ ޖަހާ ވަރަށް 50 ލަނޑު ނުޖެހުނު ނަމަވެސް ކޮންމެވެސް މީހަކު އެބަޖެހޭ ކުރިއަށް ނިކުންނަން، 20 އަދި 15 ގޯލް ޖެހޭނެ ކަހަލަ މީހަކު ނުވަތަ އެވަރުން ނުވަންޏާ 10 ގޯލް ނަމަވެސް ޖެހޭނެ މީހަކު ހުންނަން ޖެހޭ، އެއީ މިވަގަތު އަހަރެމެންނަށް މަދުވާ ތަންކޮޅަކީ، އެހެންވެ ލަނޑުޖެހުން މި ސީޒަންގައި އަހަރެމެންނަށް އުނދަގޫވެގެން މިއުޅެނީ."

މޮޑްރިޗް ބުނީ، ކޮޕާ ޑެލްރޭ އާއި ލީގްގައި، ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެރަ ލިބުނީ އެހާ ގިނަ ފުރުސަތު ލިބުނުއިރުވެސް ލަނޑު ނުޖެހުމުން ކަމަށެވެ.

މިރޭ އަޔެކްސްއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން، މޮޑްރިޗް ބުނީ، އަޔެކްސް އަކީ ވަރުގަދަ ރޫހަކާއެކު މަސައްކަތް ކުރާ ޒުވާން ޓީމެއް ކަމަށެވެ. މިރޭގެ މެޗުންވެސް ރެއާލަށް އުނދަގޫވާނެ ކަމަށް އޭނާ ބުންޏެވެ. މިރޭގެ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ނުކުޅެވޭނެ އެވެ. އެއީ ގަސްތުގައި ކާޑެއް ހޯދުމުން، ޔޫއެފާއިން އޭނާއަށް ކުރިމަތި ކުރި ސަސްޕެންޝަނާ ގުޅިގެން ކަމަށެވެ.

ރެއާލްގެ ސެންތިއާގޯ ބެރުނަބޭއު ސްޓޭޑިއަމްގައި، މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަނަވަރު 1:00 ގަ އެވެ. ހަމައެގަޑީގައި ބުރޫޝިއާ ޑޯޓަމުންޑާއި ޓޮޓެންހަމްވެސް ވާދަ ކުރާނެ އެވެ.