ހަބަރު

މިތިބީ ވައްޓާލީމާ ތެދުވެ، ދެން ވައްޓައެއް ނުލެވޭނެ: ނަޝީދު

ބަޣާވާތްކޮށް ވެރިކަމުން ވައްޓާލުމުން ވެސް މިތިބީ އެނބުރި އައިސް ކަަމަށާއި ދެން ވެރިކަމުން ވައްޓައި ނުލެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެޖެންޑާ 19 ހިނގާލުން ނިންމާލެއްވުމަށްފަހު އާޓިފިޝަލް ބީޗްގައި ހުންނަވައި ބައިވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ހިނިތުންވުމާއި ހިތްހެޔޮކަމާ އެކީގައި ބުނަމުން ދިޔައީ އެނބުރި އައުމަށް ކަމަށެވެ. އެމްޑީޕީ މިއަދު މިއޮތީ އެނބުރި އައިސް ކަމަށާއި މިއަދު މިއޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންގެ ހިނިތުންވުމާއި ހިތްހެޔޮކަމާއެކީގައި ބުނަމުންދިޔައީ އެނބުރި އަންނައްޗޭ، އެމްޑީޕީ މިއޮތީ އެނބުރި އައިސް، އަޅުގަނޑުމެން މިތިބީ ސަރުކާރުގައި، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް މި ހުށަހަޅަނީ އެޖެންޑާ 19، ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދާދިނުމަށްޓަކައި އެމްޑީޕީ އިން ދަނީ އަވަދިނެތި މަސައްކަތް ކުރަމުން، މަޖިލިސް އިންތިހާބު ބޮޑު ތަނުން މި ޕާޓީއިން ކާމިޔާބު ކުރާނެ، ރައްޔިތުން އެކަމަށް ގޮވާއަޑު ކޮންމެ ދުވަހަކުވެސް އިވެމުންދާ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެޖެންޑާ 19 އަކީ ރައްޔިތުންނަށް މިހާރު ބޭނުންވެފައިވާ ކަންކަން ފުއްދާ ދިނުމަށް އެކުލަވާލާފައިވާ އެޖެންޑާއެއް ކަމަށެވެ. އަދި އެޖެންޑާ 19 ގައި ހިމެނޭ އެކަންކަން ތަންފީޒުވެގެންދާނެ ކަމަށެވެ. ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގެނެސްދޭނެ ކަމަށާއި އެކަމަށްޓަކައި އެމްޑީޕީ މެޖޯރިޓީ މަޖިލީހުގައި އޮތުން އިންތިހާއަށް ބޮޑު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"2008 އިން ފެށިގެން ރާއްޖޭގެ ވެރިކަމަށް އަންނަމުންދާ ބަދަލުތައް ރައްޔިތުންދަނީ ބަލަމުން އޮޅުން ފިލުވަމުން، ރާއްޖޭގެ ރައްޔިތުންނަށް ސާފު ދިވެހީންގެ ވެރިކަން އޮންނަން ޖެހޭކަން، ބަޣާވާތުން އެވެރިކަން ބަދަލުވެގެން ނުވާނެކަން، އެޖެންޑާ 19 ހަގީގަތުގައި ތިޔަ ބޭފުޅުންނަށް ގެނެސްދެނީ، އަމާން ވެރިކަމެއް، ވެރިކަން ބަދަލުނުވެ ފަސް އަހަރު ދެމި އޮތުމަށްޓަކައި އެޖެންޑާ 19 އެކުލަވާލާފައި އެވަނީ، ދެނެއް ބަޣާވާތެއް ނުކުރެވޭނެ، އަޅުގަނޑުމެން މިތިބީ ވައްޓާލީމާ ތެދުވެ، ދެން ވައްޓައެއް ނުލެވޭނެ، އަޅުގަނޑުމެން ހެޔޮ ވެރިކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަން،" ރައީސް ނަޝީދު ވިދާލުވި އެވެ.

ނަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް އަދާކޮށްދިނުމުގައި 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ އެންމެ މުހިންމު ވަސީލަތައް ކަމަށެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީތައް ހޯދާދޭނެ ވަސީލަތަކަށް ކަމަށެވެ.

"މަޖިލިސް 19 ތިޔަބޭފުޅުންނަށް ގޯއްޗެއް ހޯދައިދޭނެ، މަޖިލިސް 19 ތިބޭފުޅުންނަށް ގެއެއް އަޅާނެ ލޯނެއް ހޯދައިދޭނެ، މަޖިލިސް 19 ދަރިވަރުންނަށް ލޯނެއްދޭނެ، މަޖިލިސް 19 އެންމެ ކުޑަ އުޖޫރަ ކަނޑައަޅާދޭނެ، މަޖިލިސް 19 އިންސާފު ގާއިމްކޮށްދޭނެ، މަޖިލިސް 19 އަކީ ނަޒާހަތްތެރި ތަނަކަށް ހަދައިދޭނަން،" ނަޝީދު ވިދާޅުވި އެވެ.

އެޖެންޑާ 19 އަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި، އެކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ އެޖެންޑާ އެއް ކަމަށެވެ. ރައްޔިތުން އެދޭ ހަމަޖެހުން ރާއްޖެއަށް ގެނެސްދޭނީ އެޖެންޑާ 19 އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އިން މިއަދު ބޭއްވި އެޖެންޑާ 19 ހިނގާލުމުގައި މަޖިލިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓުންނާއި އާންމު މެންބަރުން ބައިވެރިވެފައި ވެއެވެ.