ދުނިޔެ

ޕާކިސްތާނުން ހިފެހެއްޓި އިންޑިއާ ޕައިލެޓު ދޫކޮށްލައިފި

Mar 1, 2019

އިސްލާމްއާބާދު (މާޗް 1) - ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ބަޑިޖަހައި، ވައްޓާލުމަށްފަހު ހިފެހެއްޓި ޕައިލެޓު ދާދި ދެންމެއަކު ދޫކޮށްލައިފި އެވެ.

ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން އަންގާރަ ދުވަހު ދިން ވައިގެ ހަމަލާއަށްފަހު ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ހޫނުވެފައިވާއިރު، އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި، އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހު އެވެ.

ނަމަވެސް، "ސުލްހައިގެ އަމަލެއްގެ" ގޮތުން އިންޑިއާގެ އެއާފޯސް ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަން މިއަދު ދޫކޮށްލާނެކަމަށް އިއްޔެ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އިއުލާނުކުރެއްވުމާއެކު، ގިނަ އަދަދެއްގެ އާންމުންވަނީ ބޯޑަރު ހުރަސް ކުރެވޭ މައި ސަރަހައްދަށް ހެނދުނުން ފެށިގެން އެއްވެފަ އެވެ.

ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އައުމަށްފަހު އަބިނަންދަން ބުނީ ޕާކިސްތާނުން އޭނާއާމެދު އަމަލުކުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

އިންޑިއާގެ ޕައިލެޓު ދޫކޮށްލުމަކީ، ހަނގުރާމައިގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދެގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފިނިކަމެއް އަންނާނެކަމެއްކަމަށް މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.