ހަބަރު

އަޅުގަނޑު ތާއީދު ކުރަނީ އެމްޑީޕީގެ ފިކުރަށް: ސަރަނގު އާދަމް

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލެއްވި ނަމަވެސް އޭނާއަކީ އެމްޑީޕީގެ ވިސްނުމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީ އަށް ހިދުމަތް ކުރައްވާނެ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާ އަމިއްލަ ގޮތުން ވާދަކުރައްވާ މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

އާދަމް މަނިކުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާފައިވަނީ މަޖިލީިހުގެ ތެރޭގައި މިނިވަން ކަމާއެެކު މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އެހެން ނަމަވެސް އޭނާ އަކީ ވަރަށް ބޮޑަށް އެމްޑީޕީއަށް ތާއީދުކުރާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީއަށް ތާއީދުކުރާ، އެމްޑީޕީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީ، އަދި ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީ އަށް ހިދުމަތް ކުރާނެ ބޭފުޅެއް، އަޅުގަނޑުގެ ވިސްނުން އެމްޑީޕީއާ ރައީސް ނަޝީދުގެ ވިސްނުމާއި މާ ދުރަކަށް ނުދާނެ،" އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ، އެމްޑީޕީގެ ވިސްނުން ދޫކޮށްނުލާ ސަބަބަކީ މިގައުމުގައި ފަހުން އައި ކޮންމެ ކުރިއެރުމަކާއި ކޮންމެ ބަދަލަކީ އެމްޑީޕީއިން މަސައްކަތް ކޮށްގެން ގެނެސްދީފައިވާ ބަދަލުތަކަކަށްވާތީ ކަމަށެވެ، އެކަން ދަމަހައްޓަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީ އިން މަސައްކަތް ކުރަނީ ވަކި ފަރުދެއް ނުވަތަ ވަކި ބައެއް ނުވަތަ ވަކި ކިޔަފާރި ވެރިއެއް ބާރުވެރި ކުރުވަން ނޫން ކަމަށާއި އެމްޑީޕީ އަކީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ޕާޓީ އެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ، މަޖިލީހަށް ހޮވެން ބޭނުންވަނީ ދާއިރާގެ ތާއީދާއެކު ކަމަށާއި ވޯޓް ގަނެގެން މަޖިލިސް އިންތިހާބު ކާމިޔާބު ކުރަން ބޭނުންނުވާ ކަމަށެވެ. އަދި މަޖިލިސް މިހާރުވެފައި އޮތީ ގަނެ ވިއްކާ ތަނެއްގެ ގޮތުގައި ކަމަށާއި އެކަން ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ، ދާއިރާއަށާއި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަން ނެތުމާއި ދިރިއުޅުމުގެ ހީނަރުކަމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުން ކަމަށެވެ. އެކަންކަމަކީ ހައްލު ކުރަންޖެހޭ ކަންކަން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ދަނީކީ ޕްރޮޖެކްޓްތަކެއް ހިންގާކަށް ނޫން، އެކަން ކުރާނީ ސަރުކާރުން، އަޅުގަނޑު ބުނާނަން ގެދޮރު ނެތް މީހުންނަށްޓަކައި ގެދޮރު ހޯދައި ދިނުމަށް ހަދަންޖެހޭ ގާނޫނީ އޮނިގަނޑު އިސްނަގައިގެން ހަދާނަން،" އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ، ރައްޔިތުންގެ ހުރިހާ ބާރެއް މެންބަރުންނަށް ދިނުމަށްފަހު މަޖިލީހަށް މެންބަރުން ހޮވާ ކަމަށާއި ނަމަވެސް ފަސް އަހަރު ތެރޭގައި މެންބަރުންނަށް ބާރު ނުފޯރުވޭ ކަމަށެވެ. އެހެން ކަމުން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ މެންބަރުންގެ ރިކޯލް ބިލް ނުވަތަ މެންބަރުންގެ އިތުބާރުނެތް ކަމަށް ވޯޓްނެގޭ ބިލެއް މަޖިލީހަށް ހުށަހެޅުން ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ.

"ކޮންސްޓިޓިއުޝަންގެ ބޭފުޅުން މެންބަރަކާމެދު ހިތްހަމަ ނުޖެހިއްޖިއްޔާ އެއޮންނަ އުސޫލަކުން ޕެޓިޝަނެއްގައި ސޮއި ކޮށްގެން ލީމަ، އިލެކްޝަން ކޮމިޝަނަށް މަޖުބޫރު ކޮށްގެން އެތާންގައި ރިކޯލް ވޯޓެއް ބާއްވާނަން، އެ ރިކޯލް ވޯޓްގައި އެމެންބަރަކަށް ބައިވެރިވެވޭނެ، ކެމްޕޭނުވެސް ކުރެވޭނެ، އޭނަ ކާމިޔާބު ކޮޮށްފިނަމަ އޭނަ ހުންނާނެ، ފެއިލް ވެއްޖިއްޔާ އަލުން ބައި އިލެކްޝަނެއް ބާއްވައިގެން ރައްޔިތުން އެދޭ މީހާ ދާނީ،" އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު އިތުރަށް ވިދާޅުވީ، ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ބޯހިޔާވަހި ކަމަށް ވަކާލާތު ކުރާނެ ކަމަށާއި އެކަމަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި ތޮއްޖެހިފައިވާ މާލޭއަށް ހިތް ފަސޭހަކަން ގެނެސްދިނުމަކީ އެންމެ އެދޭ އެއްކަންތައް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.