ދުނިޔެ

ކާފަ ދަރިފުޅުގެ ޖަނާޒާއަށް ލޫލާ ޖަލުން ދޫކުރަނީ

Mar 2, 2019

ރިއޯ ޑިޖެނޭރޯ (މާޗް 2) - މިވަގުތު ޖަލުގައި ހުންނެވި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ދަ ސިލްވާގެ ކާފަ ދަރިފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

ލޫލާގެ ހަތް އަހަރުގެ ކާފަ ދަރިފުޅު ނިޔާވީ މެނިންޖައިޓިސް ޖެހިގެން މިދިޔަ ހުކުރު ދުވަހު އެވެ. އަދި ސައު ޕާލޯގައި މިއަދު އޮތް ޖަނާޒާގައި ބައިވެރިވުމަށް ލޫލާ ޖަލުން ނެރެން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އުމުރުން މިހާރު 72 އަހަރު ވެފައިވާ ދަސިލްވާ އަކީ 2003 ވަނަ އަހަރުންް ފެށިގެން 2011 ވަަނަ އަހަރާ ހަމައަށް ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ނަމަވެސް، ކޮރަޕްޝަންގެ ކުށް ސާބިތުވެ ލޫލާގެ މައްޗަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ލޫލާގެ މައްޗަށް ސާބިތުވީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބަސް އިން ކޮންޓްރެކްޓެއް ހޯދުމަށް އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުންޏެއް ކަަމަށްވާ އޯއޭއެސްއަށް އެހީތެރިވެދީ އޭގެ ބަދަލުގައި ބީޗްފްރޮންޓް އެޕާޓްމަންޓެއް ހޯއްދެވި ކަމުގެ ކުށެވެ.

ޖަލުގައި ހުންނެވި ނަމަވެސް، ރައްޔިތުންގެ މެދުގައި އަދިވެސް ލޫލާ ވަރަށް މަގުބޫލު ކަމަށްވެ އެވެ. ޖަލު ހުކުމް އިއްވުމުގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު ބޭއްވުނު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ލޫލާ ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އޭރުގެ ޕޯލްތަކުން ދެއްކި އެވެ.