ވިޔަފާރި

ސީޕްލޭން ޓާމިނަލްގެ އޮނިގަނޑު ނިންމާލައިފި

Mar 2, 2019
3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލްގެ އޮނިގަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން ބުނީ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމި އެތެރޭގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ 29، ޖެނުއަރީ 2018 ވަނަ ދުވަހު އެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (ގާތްގަނޑަަކަށް 616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.

ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދައުލަތުގެ ކުންފުނި މޯލްޑިވިއަން އާއި ޓީއެމްއޭ އިން ދެ އެވެ. މޯލްޑިވިއަން އިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ދަނީ ހަލުވިކަމާއެކު މި ހިދުމަތް ފުޅާކުރަމުންނެވެ. މި އެއާލައިންގައި މޫދަށް ޖައްސާ 11 ބޯޓުން ދަނީ ހިދުމަތް ދެމުންނެވެ. އަދި އެ ކުންފުނިން 12 ރިސޯޓަކަށް ފްލައިޓް އަޅަ އެވެ. މީގެ އިތުރުން ޓީއެމްއޭގައި އެކަނި ވެސް 48 ބޯޓު އޮވެ އެވެ. އަދި ޓީއެމްއޭ އިން އަހަރެއްގެ މައްޗަށް 9.6 މިލިއަން ފަސިންޖަރުން 60 ރިސޯޓަށް އުފުލައި ދިންއިރު އަހަރު އެއާލައިނުން އެކަނި 1.2 މިލިއަން ދަތުރު އަޅާފައިވެ އެވެ.