ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލާން ބޭނުންކުރާ ވޯޓް ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކޮށްފި އެވެ.
އީސީއިން މިއަދު ނެރުނު އިއުލާނުގައި ބުނީ، ވޯޓު ކަރުދާސް ޗާޕް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހު 10 ވަނަ ދުވަހު މެންދުރު 2:00 އަށެވެ. އެއިއުލާނުގައި އިތުރަށް ބުނީ ވޯޓު ކަރުދާސް ޗާޕް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މައުލޫމާތު ދިނުން އަންނަށް ހޯމް ދުވަހު މެންދުރު އިލެކްޝަން ކޮމިޝަންގައި އޮންނާނެ ކަމަށެވެ.
އެ އިއުލާނުގައި ބުނީ އަންދާސީ ހިސާބު ޙުށަހަޅާއިރު، އެ އަންދާސީ ހިސާބު ސިޓީ އުރައެއްގައި ބަންދު ކުރަން ޖެހޭނެ ކަމަށެވެ. އަދި ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށެވެ.
އެޕްރީލް މަހު ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 264،589 މީހަކަށް ލިބެ އެވެ. އީސީއިން މަޖިލިސް އިންތިހާބަށް ވޯޓާސް ލިސްޓް އާއްމުކޮށްފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓާސް ލިސްޓް އެކުލަވާލި ގޮތަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާހާ ގުޅުވައިގެން އެކި މައްސަލަތަށް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ވޯޓު ފާހަގަ ފޮހެވޭ މައްސަލައެއް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. މިމައްސަލަ ވަނީ އިންތިހާބުގައި ބަލިވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކޯޓަށްވެސް ހުށަހެޅި އެވެ.
މިފަހަރު މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާ ކަރުދާހުގައި އިލެކްޝަން ކޮމިޝަންގެ ތައްގަނޑު ޖަހާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.