އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު މިއަދު ހަމަވިއިރު ވޯޓާސް ލިސްޓުގައި ސޮއިނުކޮށް 168 ކެންޑިޑޭޓުން އެބަތިބި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދް ޝަރީފް ވިދާޅުވެއްޖެ އެވެ.
ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު އީސީއިން ހުޅުވާފައިވަނީ މިމަހު 24 ވަނަ ދުވަހު އެވެ. މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އޭގެ ތެރެއިން އިއްޔެ އާހަމައަށް ވޯޓާސް ލިސްޓުގައި ސޮއިނުކޮށް ތިބި ކެންޑިޑޭޓުންގެ އަދަދަކީ 266 އެވެ. މިއަދަށް މުއްދަތު ހަމަވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދް ޝަރީފް ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ސާމަލުވާން އެންގުމުން، ސޮއިކޮށްފައިވަނީ 48 ކެންޑިޑޭޓެކެވެ.
އެހެންކަމުން މިހާރު ވޯޓާސް ލިސްޓުގައި ސޮއިނުކޮށް ތިބީ އެމްޑިޕީގެ ފަރާތުން ވާދަކުރާ 20 ކެންޑިޑޭޓަކާއި، ޕީޕީއެމްގެ ފަރާތުން ވާދަކުރާ 14 ކެންޑިޑޭޓެކާއި، ޕީޕީއެމްއާއެކު ކޯލިޝަން ހަދައިފައިވާ ޕީއެންސީގެ ފަރާތުން ވާދަކުރާ 10 ކެންޑިޑޭޓަކެވެ. އެމްޑިޕީއާއިއެކު ކޯލިޝަން ހަދައިފައިވާ ޖުމްހޫޜީ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފައިވާއިރު، ޕީޕީއެމް އާއިއެކު ފަސް އަހަރުވަންދެން ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް އެމްޑިއޭއިންވެސް ވަނީ ވާދަކުރާ އަށް ދާއިރާގެ ވޯޓާސް ލިސްޓުގައި ސޮއިކޮށްފަ އެވެ.
އެމްޑީޕީ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ އަދާލަތުން ޕާޓީންއިން ވާދަކުރާ ފަސް ކެންޑިޑޭޓަކު ވޯޓާސް ލިސްޓުގަ ސޮއިކޮށްފައިނުވެ އެވެ. ސިޔާސީ ޕާޓީގެ ދަފްތަރުގައި އެންމެ ފަހުން ރަޖިސްޓްރީ ކުރި ޕާޓީތަކުގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރާ ލޭބާ ޕާޓީގެ އަށް ކެންޑިޑަކު ވޯޓާސް ލިސްޓުގައި ސޮއިކޮށްފައި ނުވާއިރު އެމްޓީޑީގެ ފަރާތުން ވާދަކުރާ ހަތް ކެންޑިޑޭޓެއް ވޯޓާސް ލިސްޓުގައި ސޮއިނުކުރެ އެވެ. ޑީއާރްޕީގެ އެއްވެސް ކެންޑިޑޭޓަކު ވޯޓާސް ލިސްޓުގައި ސޮއިކޮށްފައި ނުވެ އެވެ.
މިފަހަރު މަޖިލިސް އިންތިހާބުގައި އެންމެ ގިނައިން ވާދަކުރަނީ އަމިއްލަ މެމްބަރުންގެ ގޮތުގައި ވާދަކުރާ ކެންޑިޑޭޓުންނެވެ. ،އެގޮތުން އަމިއްލަ މެމްބަރުންގެ ގޮތުގައި 174 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރާއިރު 99 ކެންޑިޑޭޓަކު ވޯޓާސް ލިސްޓުގައި ސޮއިކޮށްފައިނުވެ އެވެ. މިއަހަރު ބާއްވާ މަޖިލީސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު މިފަހަރު 264،589 މީހަކަށް ލިބޭއިރު އިންތިހާބު ބޭއްވުމަށް ދެ ބިލއަން ރުފިޔާ ހަރަދުވާނެ އެވެ.