މަޖިލިސް އިންތިހާބު 2019

266 ކެންޑިޑޭޓުން ސޮއި ނުކުރޭ، މާދަމާ ވަގުތު ހަމަވާނެ

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު މާދަމާއަށް ހަމަވާއިރު، މިހާތަނަށް ވޯޓާސް ލިސްޓުގައި ސޮއިކޮށްފައިވަނީ 120 ކެންޑިޑޭޓުން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދް ޝަރީފް ވިދާޅުވެއްޖެ އެވެ.

ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު އީސީއިން ހުޅުވާފައިވަނީ މިމަހު 24 ވަނަ ދުވަހު އެވެ. މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައ ވިދާޅުވީ، ވޯޓާސް ލިސްޓުގައި ސޮއި ނުކޮށް ތިއްބެވި ކެންޑިޑޭޓުންނަށް މާދަމާ މެންދުރު 2:30 އާއި ހަމައަށް ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ހުރިހާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރަން ސަމާލުވުމަށް ވެސް އޭނާ އެދި ވަޑައިގެންފައި ވެއެވެ.

އޭނާގެ އެ ޓުވީޓުގައި ޕާޓީ ތަކުން ވާދަ ކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކޮށްފައިވާ އަދަދު ވެސް ހާމަކޮށްފައި ވެއެވެ.

އެގޮތުން އެމްޑީޕީއިން ވޯޓާސް ލިސްޓުގައ ސޮއި ކުރައްވާފައިވަނީ 35 ކެންޑިޑޭޓުންނެވެ. އެމްޑީޕީން މަޖިލިސް އިންތިހާބުގެ 85 ދާއިރާއަކަށް ވާދާކުރެ އެވެ. ޕީޕީއެމްގެ ފަރާތުން 24 ދާއިރާއަކަށް ވާދަކުރާއިރު ވޯޓާސް ލިސްޓުގައި ސޮއި ކޮށްފައި ވަނީ ހަތް ކެންޑިޑޭޓުންނެވެ. ޕީޕީއެމާއެކު ކޯލިޝަން ހަދައިފައިވާ ޕިއެންސީއިން 22 ދާއިރާއަކަށް ވާދަ ކުރާއިރު މިހާތަނަށް ސޮއި ކޮށްފައިވަނީ ހަތް ކެންޑިޑޭޓުންނެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހަދައިފައިވާ ޖުމްހޫރީ ޕާޓީން 41 ދާއިރާއަކަށް ވާދަކުރާއިރު ވޯޓާސް ލިސްޓުގައި ސޮއި ކޮށްފައިވަނީ 10 ކެންޑިޑޭޓުންނެވެ. އަދި އަދާލަތު ޕާޓީން ނުވަ ދާއިރާއަކަށް ވާދަކުރާއިރު ވޯޓާސް ލިސްޓުގައި ސޮއިކޮށްފައިވަނީ ހަތަރު ކެންޑިޑޭޓުންނެވެ.

ސިޔާސީ ޕާޓީގެ ދަފްތަރުގައި އެންމެ ފަހުން ރަޖިސްޓްރީ ކުރި ޕާޓީތަކުގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރާ ލޭބާ ޕާޓިން 10 ދާއިރާއަކަށް ވާދަކުރާއިރު ވޯޓާސް ލިސްޓުގައި ސޮއި ކޮށްފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެމްޓީޑީން އަށް ދާއިރާއަކަށް ވާދަކުރަން ނިންމިއިރު އެއްވެސް ކެންޑިޑޭޓާކު އަދި ވޯޓާސް ލިސްޓުގައި ސޮއިކޮށްފައި ނުވެ އެވެ.

ޕީޕީއެމް އާއެކު ފަސް އަހަރު ވަންދެން ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮތް އެމްޑިއޭ އިން އިން ވާދަކުރާ ހުރިހާ ކެންޑޮޑޭޓުން ވަނީ ވޯޓާސް ލިސްޓުގައި ސޮއިކޮށްފަ އެވެ. އެއީ އަށް ކެންޑިޑޭޓުންނެވެ. ޑީއާރްޕީއިން ފަސް ދާއިރާއަކަށް ވާދަކުރާއިރު އަދި ވޯޓާސް ލިސްޓުގައި އެންމެ ކެންޑިޑޭޓަކުވެސް ސޮއި ނުކުރެ އެވެ.

މިފަހަރު މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރާ 174 ކެންޑިޑޭޓުންގެ ތެރެއިން 47 ކެންޑިޑޭޓަކު ވަނީ ވޯޓާސް ލިސްޓުގައި ސޮއިކޮށްފަ އެވެ. މިއަހަރު ބާއްވާ މަޖިލީސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު މިފަހަރު 264،589 މީހަކަށް ލިބޭއިރު އިންތިހާބު ބޭއްވުމަށް ދެ ބިލއަން ރުފިޔާ ހަރަދުވާނެ އެވެ.