ލައިފްސްޓައިލް

ހަފުތާބަންދުގެ "ސަންޑޭބްލޫސް" ފިލައިފިތަ؟

ހަފުތާ ބަންދަށްފަހު ގިނަ މީހުން ތިބެނީ "ސަންޑޭބްލޫސް" ގައެވެ. ހަފުތާބަންދުގެ ވަރުބަލިކަމާއެކު އާދީއްތަ ދުވަހުގެ މަސައްކަތް ރަނގަޅަށް ހިންގާނުލެވިފަ އެވެ. ހަފުތާ ބަންދު ނިންމާލާއި އާދީއްތަ ދުވަހު އޮފީހަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން ކުރަނީ ކޮންކަމެއް ހެއްޔެވެ؟

ހަފުތާ ބަންދަކީ މަސައްކަތުން ބްރޭކެއް ލިބޭ ދެ ދުވަސް ކަމުގައި ގިނަ މީހުންނަށް އޮންނަނީ ވެފައެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ހޮނިހިރު ދުވަހުގެ ރޭގަނޑާއި ޖެހުމުން "މާދަން އޮފީސް" މިހެން ހިތަށް އަރާ މަސައްކަތު ހަފްތާއަށް ފުރިހަމަ ތައްޔާރު ނުވެވި އޮތުމަކީ ދިމާވާ ކަމަކެވެ.

އޮފީހުގެ ވެރިން އާދީއްތަ ދުވަހު މުވައްޒަފުން ކިބައިން ދެ ދެވަހުގެ ބްރޭކަކަށް ގޮސް އައުމުން އަޕްޑޭޓާއި، ޑެޑްލައިންތަކާއި މިހެންގޮސް ވަރަށް ގިނަ ކަންކަން އޮޅުންފިލުވާން ބޭނުންވާއިރު މުވައްޒަފުން ގިނަ ފަހަރަށް ތިބެނީ ހަފުތާބަންދުގެ ވަރުބަލި ކަމުގަ އެވެ.

މަސައްކަތު ހަފުތާ ފެށޭ ދުވަސް ނުވަތަ އާދީއްތަ ދުވަހުގެ އޮފީހުގައި ޕްރޮޑަކްޓްވިޓީ ރަނގަޅު ކުރަން ބޭނުން ކުރަންޖެހޭ ބައެއް ކަންކަންވެސް އެބަހުރެ އެވެ.

އެންމެ ފުރަތަމަވެސް ހަފުތާ ފެށޭ ދުވަހު އޮފީހަށް ދާން ލާނެ ހެދުމެއް ސެޓް ކުރަންވީ އެވެ. ރީތިވެ ނަލަވެލައިގެން ހަފުތާ ފެށުމުން މީހާގެ މޫޑު ވަރަށް ރަނގަޅު ވެއެވެ. ކުރިއަށް އޮތް ދުވަސްތަކާއި ކުރިމަތިލުމަށް ހިއްވަރާއި ސާބިތުކަން ގެނެސް ދެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރަސްމީ މަސައްކަތަށް ދާ އިރު ރަސްމީކޮށް ހެދުން އެޅުމުން މީހާގެ ސިކުނޑީގެ ކޮގްނިޓިވް ޕްރޮސެސިން ބޮޑު ތަނުން އިތުރުވެ އެވެ. އެހެންކަމުން، އެލާޓްކޮށް ހުރުމަށް ނަލަކޮށް، ހެދިލައިގެން އޮފީހަށް ދިއުމުން ކޮންމެވެސް އަސަރެއް ކުރާނެ އެވެ.

ހަފުތާ ބަންދުގެ ވަރުބަލިކަން ފިލުވައިލާން ފަތިހު ހޭލައިގެން ކުރަންވީ ކަމަކީ ކަސްރަތު ކުރުމެވެ. ކަސްރަތަކީ އޭގެ ސަބަބުން އެތައް ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.

އާދިއްތަ ދުވަހު ހޭލައިގެން ކަސްރަތު ކުރުމަކީ މޮޔަކަމެކޭ ހީވިއަސް ކަސްރަތު ކުރުމުން މީހާއަށް ޕޮޒިޓިވް މޫޑެއް ގެނައުމަށް ވަރަށް އެހީތެރި ވެދެއެވެ.

މުހިންމީ އެމީހަކު ކުރަނީ އެމީހަކު އެންމެ ގަޔާވާ ކަސްރަތުކަމުގައި ވުމެވެ. ދުވަން ދާން ފޫހިވާނަމަ ފަތިހު ހޭލައިގެން އެކަން ކުރާނެ އެއްވެސް ހިއްވަރެއް ނުހުރެދާނެ އެވެ. އެހެންނަމަވެސް ޒުމްބާ ނުވަތަ ޔޯގާ ފަދަ ކަމެއް ކުރާ ހިތްވާ ނަމަ މި ފަދަ ކަސްރަތެއް ޖައްސާލުމަށް މާ އުނދަގޫ ނުވެ ކުރާހިތުން ކުރުމުން ކަސްރަތުގެ ފައިދާ މީހާއަށް ލިބި ވަގުތު ވެސް ކުރާހިތްވާ ކަމެއްގައި ހޭދަކޮށް ލެވުނީ އެވެ.

ކަސްރަތުގެ އިތުރުން ވެސް ރަނގަޅު މޯނިން ރޫޓީންއެއް ގެންގުޅެވިދާނެ އެވެ. ރޭގަނޑު ނުނިދާ ހުރެ ނޫސް ކިޔުމާއި ސޯޝަލް މީޑިއާއަށް ވަގުތު ހުސްކުރުމުގެ ބަދަލުގައި ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން މިކަމަށް ވަގުތު ހޯދިދާނެ އެވެ. ހެނދުނު ހޭލައިގެން އަމިއްލަ ނަފްސަށް ވަގުތު ހޯދުމަކީ ކާމިޔާބު މީހުންގެ އާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހަފުތާ ނިންމާލުމުގެ ކުރިން އަނެއް ހަފުތާގެ އާދީއްތަ ދުވަހަށް ކުރަން ހުރި ކަންކަން ރާވާލައި އެކަމާ ވިސްނާލައި ޓީމް މީހުންނާއި މަޝްވަރާކޮށްލާ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ކަނޑައަޅަންވީ އެވެ.

ޕްލޭނެއް ހަދައި ގޯލްތަކެއް ކަނޑައަޅާފައި ހުރުމުން އާދީއްތަ ދުވަސް ހާސްކަމެއްގެ ތެރޭގައި އުޅެންޖެހުމުގެ ބަދަލުގައި ހަމަޖެހިލައިން ސިސްޓަމެޓިކްކޮށް މަސައްކަތް ނިންމާލެވޭނެ އެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ދުވަހުގެ ކުރީކޮޅުގައި މަސައްކަތަށް ނުކުންނަ ގޮތަށް ބޮޑެތި ޗެލެންޖިންކަންކަން ނިންމަން ހިފުމަށެވެ. އެއީ ދުވަސްނިމޭ އިރު މީހާ ވަރުބަލިވެ ސްޓްރެސް މަތިވުމުގެ ކުރިން ފްރެޝްކޮށް އެލާޓްކޮށް ހުރެފައި ބޮޑެތި މަސައްކަތް ނިންމާލަން ފަސޭހަވާނެ ކަމަށެވެ.

މީގެ އިތުރުން މާ ގިނަ ކަންކަން އާދީއްތަ ދުވަހަށް ޝެޑިއުލްކުރުމުގެ ބަދަލުގައި ބައެއް ކަންކަން ވިދިގެން އަންނަ ދުވަސްތަކަށް ޝެޑިއުލްކުރުމުން ވެސް ހަފުތާ ބަންދަށް ފަހު މަސައްކަތަށް ނުކުންނަ ފުރަތަމަ ދުވަހު މީހާ މާ ބޮޑަށް ބިޒީކޮށްލާ ސްޓްރެސްކުރުމުން ދުރުކޮށް ދެއެވެ.

އޮފީހުގެ މާހައުލުގައި ވެސް ވާންވީ ވަރަށް ޕޮޒިޓިވް މީހަކަށެވެ. އަދި އޮފީސް ރައްޓެހިންނާއި ވާހަކަ ދައްކާއިރު ވެސް ވީހާވެސް އެކި އެކި ޝަކުވާ ކުރުމާއި ޝަކުވާ އުފެދޭ ކަހަލަ ކަންކަމުން ދުރުވާންވީ އެވެ. މިގޮތަށް ކަންތައް ކުރުމުން ނެގެޓިވް އެނާޖީ އުފެދުމުގެ ބަދަލުގައި މަސައްކަތުގެ މާހައުލަކީ ވަރަށް އެކުވެރި ޓީމް ސްޕިރިޓް އޮންނަ ޕޮޒިޓިވް މާހައުލެއް ކަމުގައި ވާނެ އެވެ.

އާދިއްތަ ދުވަހު އޮފީސް ނިންމާލާ ނުވަތަ ލަންޗް ގަޑީގައި ހިތް ގަޔާވާ ކަހަލަ ކަމެއް ކުރުމަށް ރާވަލަންވީ އެވެ މިގޮތުން ރައްޓެއްސަކާ ބައްދަލު ކުރުމަށް ޕްލޭން ކުރެވިދާނެ އެވެ. އޭރުން އާދީއްތަ ދުވަހަށް ކައުންޑައުން ހަދާ އެދުވަހަށް އިންތިޒާރު ކުރެވޭނެ އެވެ. އޮފީސް މާހައުލުގައި ޓީމް މެންބަރުންނާއި ގުޅި، ރާވާލައިގެން މަސައްކަތާއި ގަޔާވެގެން ކުރާނަމަ ހަމަ ޔަގީނުންވެސް ސަންޑޭބުލޫސް މަދުކުރެވޭނެ އެވެ.