ސްރީނަގަރު (މާޗް 3) - ކަޝްމީރުގެ ބޯޑަރު ސަރަހައްދުގައި އިންޑިއާ އާއި ޕާކިސްތާނު ސިފައިން އަދިވެސް ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން އަންގާރަ ދުވަހު ދިން ވައިގެ ހަމަލާއަށްފަހު ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ހޫނު ވެފައިވާއިރު، އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި، އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހު އެވެ.
ނަމަވެސް، "ސުލްހައިގެ އަމަލެއް" ގެ ގޮތުން އިންޑިއާގެ އެއާފޯސް ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަން ހުކުރު ދުވަހު ދޫކޮށްލުމާއެކު، އެ އަރައިރުމަށް ފިނިކަމެއް އަންނާނެ ކަމަށް ގަބޫލު ކުރެވުނެވެ.
ނަމަވެސް، ކަޝްމީރު ބޯޑަރުގައި ހުރި އަވަށްތަކަށް ދެ ފަރާތުން ވެސް ހަމަލާތައް އަދިވެސް ދެމުންދާ ކަމަށްވެ އެވެ. ހޮނިހިރު ދުވަހު ހެނދުނު ޕާކިސްތާނު ސިފައިން، އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އޮންނަ އަވަށަކަށް ދިން މިސައިލް ހަމަލާތަކެއްގައި ދެ ކުޑަކުދިންނާއި އެ ކުދިންގެ މަންމަ ވަނީ މަރުވެފަ އެވެ.
ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި އޮންނަ އަވަށަކަށް އިންޑިއާ ސިފައިން ދިން ހަމަލާތަކެއްގައި ކުޑަ ކުއްޖަކާއި ދުވަސްވީ ފިރިހެނަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ އިތުރުން، އެ ހަމަލާތަކުގައި ޕާކިސްތާނުގެ ސިފައިގެން ދެ މީހަކު މަރުވެފައިވާކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
އިންޑިއާ އިން ބުނަނީ، އެ ހަމަލާއަކީ، މިމަހު ކުރީކޮޅު ކަޝްމީރުގައި އެ ގައުމުގެ ސިފައިންތަކެއް މަރާލުމުގައި ބައިވެރިވި ޓެރަރިސްޓް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.
އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.
އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.
ނަމަވެސް، އިންޑިއާ ސަރުކާރުން ބުނި ބުނުން، ޕާކިސްތާނު ސިފައިން ވަނީ ދޮގުކޮށްފަ އެވެ.
އިންޑިއާ އިން ހަމަލާދިން ސަރަހައްދުން "އެންމެ ގާކޮޅެއް" ވެސް ފެނިފައިނުވާކަމަށް ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު އާސިފް ޣަފޫރު ވިދާޅުވި އެވެ.