ވާހަކަ

އީޝަލް

(28 ފެބްރުއަރީ 2019 އާ ގުޅޭ)

"އަމީރާ... އަހަރެން... އަހަރެން އެބަ ވަންނަން..." ސަމިއާނާގެ ކޮޓަރީގެ ދޮރުކައިރީ ހުރެ ރައުލް ބުންޏެވެ. އަދި ދޮރުފަތް ހުޅުވާލިއެވެ.

ސަމިއާނާގެ ފަރާތުން އެއްވެސް ޖަވާބެއް ނައި ނަމަވެސް ރައުލް އެ ކޮޓަރިއަށް ވަނެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. އެނދު ހުރި ދިމާ ވަކިކޮށްލާފައި ވަނީ ކޮޓަރީގެ ހުރަށް ދަމާލާފައި އޮތް ތުން ފަރުދާއަކުންނެވެ. އެނދުގައި އަރިމަތީގައި ދޮރުން ވަންނަ މީހުންނަށް ފުރަގަސް ފެންނާނޭހެން ސަމިއާނާ އިނެވެ. ކޮޓަރީގެ ދޮރު ލައްވާލުމަށްފަހު މަޑުމަޑުން ރައުލް ކުރިއަށް އައެވެ. ފަރުދާގެ ތެރެއިން ފެންނަން ހުރި ސަމިއާނާއަށް ބަލަން އިރުކޮޅަކު ރައުލް ހުއްޓެވެ.

"އަނިޔާއެއްވީތަ؟" ރައުލް އަހާލިއެވެ. ދެން ވެސް ސަމިއާނާގެ ފަރާތުން ޖަވާބެއް ނައެވެ.

"އަހަރެން... އަހަރެން ގަޞްދުގައި ކުރިކަމެއްނޫން، އެކަމަކު ރޭގައި އަމީރާގެ ޢަމަލުތައް ވެސް ހުރީ ހައްދުފަހަނަ އަޅާފައި، އަހަރެންނަށް ރުޅިއާދެވުނީ އެހެންވެ، އަމީރާގެ ކުށް ވެސް މިކަމުގައިވޭ، އިންސިއެއްގެ ސިފަ ޖެހިގެން ހުރިއިރު... އެ މީހުންގެ ހަށިގަނޑަކީ ކިހާ ބަލިކަށި އެއްޗެއްކަން ނޭނގޭތަ؟" ރައުލް ވާހަކަދެއްކިއެވެ. ސަމިއާނާއަށް އަނިޔާވެއްޖެނަމަ އެކަން އެހެން އެވީ ސަމިއާނާ އިންސިއެއްގެ ސޫރަ ޚިޔާރުކޮށްގެން ހުރުމުންކަން ރައުލްއަށް ޔަގީންވެއެވެ. އެހެންނޫނީ އެހާ ފަސޭހައިން އަނިޔާއެއް ނުވާނެއެވެ. އަނެއްކޮޅުން ރައުލްއަށް ވެސް ރޭގައި އޭނާ އައިސްފައި ހުރި ރުޅީގައި ބާރުގެ ބޭނުންކުރެވުނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ.

"މި ޒަޚަމްތައް ފަސޭހަވެދާނެ" މަޑުމަޑުން ސަމިއާނާ ބުނެލިއެވެ. އެ އަޑު ބަދަލުވެފައި ހުރިވަރު ރައުލްއަށް ނަގައިގަނެވުނީ ދެނެވެ. ފުންނޭވައެއް ދޫކޮށްލައި ނިތްކުރީގައި ރައުލްގެ ކަނާއަތްތިލަ ހިންގާލިއެވެ. އަދި ދެ ޚިޔާލެއްގައި ހުރެ ކުރިއަށް ޖެހި ތުނިފަރުދާ އެއްފަރާތުން ހިއްލާލައި އެތެރެއަށް ވަނެވެ. އޭނާ އައިސް މަޑުކޮށްލީ ސަމިއާނާގެ މޫނު ފެންނަ ހިސާބު ކުރިމަތީގައެވެ.

"އަދިވެސް ތި ސިފައިގަތަ؟... އަހަރެން ދައްކާ ވާހަކައާ މެދު ކުޑަކޮށް ވެސް އަމީރާ ވިސްނާނުލަން ދޯ" ދެބުމަ ކައިރިކޮށްލެވުމާއެކު ރައުލް ބުނެލިއެވެ. ސަމިއާނާ އިނީ އޭނާ އިހު ޚިޔާރުކުރި އިންސީގެ ސިފައިގައެވެ. ދެ ލޯ ހުރީ ރޮއިރޮއެ ރަތްވެފައެވެ. މޫނުގައި މަޑު ރަތްކަމެއް ހުރިއިރު ކޯތާފަތުގައި ހުރި ތެތްކަން ފެނި އަދިވެސް ސަމިއާނާ ރޮނީކަން ރައުލް ދެނެގަތެވެ.

"ތަދުވަނީތަ؟" ރައުލް އަހާލިއެވެ. އެއާއެކު ސަމިއާނާ ބޯޖަހާލިއެވެ.

"އަހަރެންގެ ހަށިގަނޑުގެ ޒަޚަމްތަކުގައެއްނޫން ވޭން އަޅަނީ" ސަމިއާނާގެ ކުރެހިފައިވާ އަޑުން ބުނެލިއެވެ.

"އަހަރެން އަމީރާއަށް އޮޅުވާލާކަށް ބޭނުމެއްނޫން، ހަތް ދުވަސްވަންދެން އަހަރެން ކެތްކުރާނަންކަމަށް އަމިއްލަ ނަފްސަށް ވަޢުދުވިން، އަދި އެއަށްފަހު އަމީރާގެ ތި ދަޢުވަތު ޤަބޫލުނުކުރެވޭނޭކަން ބުނަން ހުރީ... އަހަރެންނަށް އަމީރާގެ ހިތުގައި ހިނގާ އިޙްސާސްތަކާމެދު ވިސްނާނުލެވުނީ، އަހަރެން ވިސްނީ ހަމައެކަނި އަހަރެންގެ ހާލާމެދު، މި ހުރިހާކަމަކުން ސަލާމަތްވެވެން އޮތް ގޮތަކާމެދު... އަމީރާ!... އަހަރެން... އަހަރެންނަކަށް ނެތް އަމީރާއާ ކައިވެނިކުރެވޭކަށް، މީގެ ދުވަސްކޮޅެއްކުރީންނަމަ އަހަރެން ބައްޕައަށް ޓަކައި ވިޔަސް މި ކައިވެންޏަށް އެއްބަސްވާނަން، އަމީރާއާއެކު ވަގުތު ހޭދަކޮށް އަމީރާގެ ގޮތް ދެނެގަންނަން ވެސް މަސައްކަތްކުރީމުސް، އެކަމަކު މިހާރު އެހެންކަންތައް ކުރެވެން ނެތީ، އަހަރެން އަމީރާއާމެދު ޝައުގުވެރިނުވަނީ އަމީރާގެ އުނިކަމެއް ހުރެގެންނެއްނޫން، އަދި އަހަރެން އަންހެނުންނަށް ޝައުގުވެރިނުވާތީއެއް ވެސް ނޫން، މުއްސަނދި ދިރިއުޅުމަކުން ބާރުގަދަ ކާފައެއްގެ ހިމާޔަތުގައި ހުރެ ލޯބިން ހަލާކުވެފައި ހުރި އަންހެންކުއްޖަކަށްވުރެ އަމީރާއަކީ ވިސްނުންތޫނު އަންހެނެއްކަމަށް އަހަރެން ހީކުރީ، އަމިއްލަ އުސޫލުތަކެއް ގެންގުޅޭ ހަރުދަނާ އަންހެންކުއްޖެއްކަމުގައި ދުށީ" ރައުލްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.

"އަހަރެންނަށް ކުޑަ ވެސް ފުރުޞަތެއްނެތްތަ؟" ހިތްދަތިކަމާއެކު ސަމިއާނާ އަހާލިއެވެ. އޭރު ކަރުނުން ފުރިފައިވާ އެ ބޮޑު ދެ ލޯ ހުރީ ރައުލްއަށް ހުއްޓިފައެވެ. އޭނާ އަނގައިން ނުބުނެ ބަލަން ހުރުމުން އަނެއްކާ ވެސް ސަމިއާނާ ވާހަކަދެއްކިއެވެ.

"ރައުލް... އަހަރެން މި ކައިވެންޏައިގެން ކުރިއަށް ނުދާންވީ ސަބަބު ސާފުކޮށް ބުނެދީ، އަހަރެންގެ ހިތްވަނީ އަމިއްލަ އެދުމުން ފޯވެފައި، ކޮންމެގޮތަކުން ވެސް އެ ހިތް ވަނީ ރައުލް ބޭނުންވެފައި" ސަމިއާނާގެ ކޯތާފަތުން ލާފައި ކަރުނަތައް ތިރިއަށް ދެމިގަތެވެ. އެ ކަރުނައަށް ނިމުމެއްނުވާ ކަހަލައެވެ. ސަމިއާނާއަށް ބަލަންހުރި ރައުލްއަށް ހިންދިރުވާލެވުނެވެ.

"އަހަރެންގެ ހިތްވަނީ އެހެން ފަރާތެއް ޚިޔާރުކޮށްފައި، އަމީރާއާ ބައްދަލުވުމުގެ މާކުރިން އަހަރެން އޭނާ ޚިޔާރުކުރީ، އަދި އޭނާ ވެސް އަހަރެން ޤަބޫލުކުރީ... އެހެންވެ އަހަރެންނަށް އެހެން އަންހެނަކު ބަލައިގަނެވެންނެތީ، އޭނާނޫން އަންހެނަކަށް އަހަރެން ބޭނުމެއްނުވޭ، އަދި ޝައުގުވެރިއެއް ވެސް ނުވޭ.... އަމީރާގެ ހުށައެޅުން ޤަބޫލުކުރެވެންނެތީ" ފަހަތަށް ޖެހިލައި ފާރުގައި ބުރަކަށި ޖައްސާލަމުން ރައުލް ވާހަކަދެއްކީ އީޝަލްގެ މަތިން ހަނދާންކުރަމުންނެވެ.

"އޭނާ ނުލިބެއްޖެނަމަ އަހަރެން ބަލައިގަންނާނަންތަ؟" ސަމިއާނާ އެއްސެވެ. އެއާއެކު ރައުލްއަށް ލިބުނީ ސިހުމެކެވެ.

"ކީއްވެ ނުލިބެންވީ؟" ރައުލް ސުވާލުކުރިއެވެ.

"އެއީ ކާކު؟ ކޮންނަމެއްކިޔާ ކޮންތާކު އުޅޭ ޖިންނިއެއް؟" ސަމިއާނާ އެނގެން ބޭނުންވިއެވެ.

"އެއީކާކުކަމެއް ބުނާކަށް ބޭނުމެއްނޫން، އަހަރެންގެ ފުރަގަހުގައި ފުރުޞަތަކަށް ބަލަބަލައި ތިބި ދުޝްމަނުންނަށް އަހަރެންގެ އަތުން މަގުކޮށައިދޭންވީތަ؟... އަމީރާ ވެސް މިއަދަށްފަހު އަހަރެންނަށް ނަފުރަތުކުރާނޭކަން އެނގޭ، އަމީރާ ހީނުކުރައްޗޭ އަހަރެން މިލްކުކުރުމަށް ހުރި ހުރަކީ އެ އަންހެންކުއްޖާކަމަށް، އޭނާއަށް ކަމެއްވެއްޖެނަމަ އަހަރެން މަޑަކުން ނުހުންނާނަން، އޭނާ ނެތްދުވަހަކުން ވެސް އަހަރެންގެ ހިތް ބަދަލެއްނުވާނެ، އެއްވެސް އަންހެނަކަށް އަހަރެން އޭނާއަށް ދީފައިވާ މަޤާމާއި ޤަދަރެއް ނުދެވޭނެ" ރައުލްގެ އަޑުގައި ހިސާބެއްގެ ހަރުކަށިކަން އެކުލެވިގެން ދިޔައެވެ.

"އަހަރެންނަކީ އެހާ ވެސް ނުބައި މީހެއްކަމައްތަ ހީކުރަނީ؟" ސަމިއާނާ ބުންޏެވެ.

"މީހުންނައް އިތުބާރުކުރުމަކީ އަހަރެންނަށް ކުރަން އެހާ ފަސޭހަކަމެއްނޫން، އަމީރާގެ ހިތުގައި އަހަރެންގެ މައްޗަށްވާ ލޯބި އަހަރެންނަށް ހުރި ވިހައަކަށްވެދާނެ، ލޯބިވެރިޔާ ނުލިބުމުން އޭނާއާ ދެކޮޅަށް ނުބައިރޭވުންތައް ރާވަނީ ކިތައް އަންހެނުން" ހިތުގައިވި އެއްޗެއް ފޮރުވުމެއްނެތި ރައުލް ދުލުން ބޭރުކޮށްލިއެވެ.

"އާން! އަހަރެން ވަރަށް ވަރަށް ލޯބިވޭ، އެކަމަކު ރައުލްއަށް ގެއްލުމެއް ދިނުކަކަށް އެ ލޯބި ފުރުޞަތެއްނުދޭ، ހިތުގައި ވޭން އެޅިއެއްކަމަކު އެހިތަށް ހަމަޖެހުމެއް ލިބިއްޖެ، މިހާރު އެނގިއްޖެ ކީއްވެކަން ރައުލް އަހަރެންގެ މީހަކަށް ނުވާނީ، އަހަރެންނަށް ޢަމަލުތައް ބެހެއްޓުނު ގޮތުން އެކަމާ ލަދުވެތިވަން، ރައުލް!... އަހަރެންނަށް މަޢާފުކުރާނަންތަ؟" ރައުލްއަށް ބަލަން އިނދެ ސަމިއާނާ ދެ ކޯތާފަތް ފުހެލިއެވެ.

"ކިހިނެއް އަހަރެންގެ ކޮޓަރިއަށް އައީ؟ އަހަރެން ނިދާތަނެއް އަމީރާ ގާތު ނުބުނަން" ރައުލް ސުވާލުކުރިއިރު އޭނާއަށް އެ ސުވާލުގެ ޖަވާބު އަންނާނޭގޮތް އެނގޭ ކަހަލައެވެ. ނަމަވެސް ސަމިއާނާއަށް ބަލަން ހުރީ ޔަގީންކުރާށެވެ.

"ރައުލްއަށް އަންހެނުން ކަމުނުދާނޭ ޒަގަން ބުނީ، އޭނާ ރައުލްގެ ކޮޓަރި ދެއްކީ، އަހަރެން ބޭނުންވީ އެއީ ތެދެއްތޯ ޔަގީންކުރަން، ރައުލް އަހަރެންނާ އެހާ ދުރުން އުޅެނީ ކީއްވެކަން އެނގެން ބޭނުންވީ، ދެން ގިނަ ދުވަހެއްނުވެ އެނބުރިދާން ޖެހޭނޭކަން އެނގޭއިރު ރައުލްގެ ގޮތް ނޭނގި ދާން ބޭނުންނުވީ، ކޮޓަރީގައި އެކަހެރިކޮށް އެފަދަ ހާލެއްގައި ދެ މީހުން ބައްދަލުވުމުން ހިތަށް އެރީ ރައުލްގެ ހަށިގަނޑު އެދުންވެރިކަމަށް ހޭލާފާނޭ، އެކަމަކު މިހާރު އެނގިއްޖެ އަހަރެންނަށް ކުރެވުނީ ކިހާ މޮޔަކަމެއްކަން" ސަމިއާނާ އަމިއްލަ ނަފްސަށް މަލާމާތްކުރާ ފަދަ ހީނލުމަކުން ހީނލިއެވެ.

"އެއްވެސް މީހެއްގެ ގޮތެއް އަނެކާއަށް ބުނާކަށް ނޭނގޭނެ... ފަހުން ވިސްނާލީމައި އަހަރެންނަށް ހީވީ ރޭގައި ހިނގައިދިޔަ ކަންތަކުގެ ފަހަތުގައި ޒަގަންގެ އަތެއް ވެދާނޭކަން" ރައުލް ބުންޏެވެ.

"އެހެންވިޔަސް އެ ހުރިހާކަމެއް ކުރީ އަހަރެން، ޒަގަންނެއްނޫން" ސަމިއާނާ ނިކަން ބޮޑަށް އިސް އޮބާލިއެވެ.

"ޢަމަލުކުރެވެނީ ވަސްވާހުގެ ނުބައިކަމުން، އަމީރާއަށް އެ ނުބައި ވަސްވާސް ދިނީ އޭނާ، ލޯތްބަށް ބޭނުންވެފައި ހުއްޓައި އެ ބަލިކަށިމުގެ ފައިދާ ނެގީ އޭނާ، އޭނާއަށް ހީވާ ކަހަލަ އަންހެނުންނަކީ ދާނުގައި މަޖާކުރަން ތިބޭ ބައެކޭ، އެފަދަ ޢަމަލުތަކަށް އަހަރެން ނަފުރަތުކުރަން، އަމީރާދެކެ ރުޅިއާދެވުނީ އެހެންވެ، އަހަރެން ނިދާފައި އޮއްވައި އަހަރެންގެ ފަރާތުން އުފާ ހޯދާން އުޅުމުން" ރޭގެ މަންޒަރުތައް ސިފަވުމުން ރައުލްއަށް މޫނުކުނިކޮށްލެވުނެވެ.

"ދެމެދުގައި ކަމެއް ހިނގިނަމަ އަހަރެން އުފާވީސް، އެކަމަކު އެއްވެސް ކަމެއް ނުހިނގި، ކުޑަމިނުން ރައުލްގެ ހަށިގަނޑު ވެސް އަހަރެންނަށް ފުރުޞަތެއް ނުދިން.... އެކަމާ އަހަރެންގެ ބުއްދި ގޯސްވާވަރުވީ، ލޯބިނުވިޔަސް ހަށިގަނޑުގެ އެދުންތަކަށް އިޖާބަދޭނެ، އެކަމަކު އެފަދަ ކަމެއް ވެސް ރައުލްގެ ފުށުން ނުފެނުން، އަހަރެން އެކަމާ ވިސްނިވަރަކަށް ސުވާލުތައްވީ ގިނަ، ފިރިހެނެއްގެ ހަށިގަނޑު އިޖާބަނުދޭނީ އަހަރެން ފުރިހަމަ އަންހެނަކަށް ވެސް ނުވާތީއޭ ހިތަށް އެރީ، އެ ހުރިހާ ޚިޔާލުތަކުގެ ތެރެއިން ޒަގަންގެ ވާހަކަ ޤަބޫލުކުރެވުނީ... ރައުލްއަށް އަންހެނުން ކަމުނުދަނީއޭ، ދެން ހިތަށް އެރީ ރައުލް ބުނާނެނަމައޭ، އަހަރެންނަށް އެގޮތް ވެސް އެންމެ ރަނގަޅޭ، ރައުލްގެ އަނތްބެއްގެ ގޮތުގައި ހުރުމަކުން ވާނޭ ގެއްލުމެއްނެތޭ... އެކަހަލަ އެތައް ޚިޔާލެއް ބޮލަށްވަދެ އަހަރެންނަށް ވެސް ހެދޭނުހެދޭއެއް ނޭނގުނީ، މީ އަހަރެން ވެސް މީހަކުދެކެ ލޯބިވީ ފުރަތަމަ ފަހަރު، އަދި ފިރިހެނަކާ ގާތްވާން މަސައްކަތްކުރި ފުރަތަމަ ފަހަރު ވެސް މެ، އަމިއްލަ ނަފްސަށް ވިސްނައިދިނީ ރައުލްއަކީ އަހަރެންގެ ވާން އުޅޭ ފިރިމީހާކަމުގައި، އެހެންވީމަ ރައުލްގެ ކުރިމަތީ އެފަދަ ގޮތަކަށް އުޅުން އެއީ މައްސަލައެއްނޫންކަމުގައި" ސަމިއާނާ ވެސް ތެދުބަހުން ވާހަކަދެއްކިއެވެ.

"އަމީރާ... އަހަރެންނަށް އަމީރާއާ ކައިވެނިކުރެވެން ނެތްނަމަވެސް، އެ ދަރަޖައަށް ޢަމަލުތައް ދެން ދުވަހަކުވެސް ނުގެންދައްޗޭ، ވަގުތާއެކު ބައެއްކަންކަން ވަޅުޖެހިގެންދާނެ، އަހަރެންގެ މައްޗަށް އޮތް ލޯބިން ތި ހިތަށް ލިބުނު ވޭންތައް ވެސް ވަގުތާއެކު ލުއިވާނެ، މުސްތަޤްބަލުގައި އަމީރާ އެދޭފަދަ ލޯތްބެއް ދޭނޭ ފަރާތަކާ ބައްދަލުވުމަކީ ވެސް ވެދާނޭ ގޮތެއް، އަހަރެންނަށް އެނގެނީ އަހަރެންގެ ގޮތް... އަހަރެންނަށް އަމީރާ ތި އެދޭ ލޯބި ރައްދުކޮށްދެވެން ނެތް، އަހަރެންގެ ފުރާނަ އެދެނީ ހަމައެކަނި އެންމެ މީހަކަށް، އެ މީހަކީ އަމީރާއެއްނޫން... އަހަރެން މިހެން ނުބުނަން މަޑުކުރީ އަހަރެންގެ ވާހަކަތަކުން އަމީރާ ދެރަވާނޭވަރު ހިތަށް އަރާފައި، އަހަރެން ބޭނުމެއްނޫން އަހަރެންނަށް ނަފުރަތުކުރާ މީހުންގެ ލިސްޓު ދިގުވެ އެ ލިސްޓަށް އަމީރާގެ ނަން ހިމެނޭކަށް، އެކަމަކު އެއީ ހުއްޓުވޭނޭކަމެއްނޫންކަން އެނގިއްޖެ، ކޮންމެގޮތަކަށް އަހަރެން ބުނި ނަމަވެސް އަމީރާގެ ހިތުގައި ނުޖެހިނުދާނޭކަން އެނގިއްޖެ" ރައުލް ބުންޏެވެ.

"ރައުލްގެ ފަރާތުން އިޝާރާތެއް ވެގެންނެއްނޫން އަހަރެންނަށް ރައުލް ކަމުދިޔައީ، ފުރަތަމަ ނަޒަރުން ލޯބިވެވުނީ އަހަރެންނަށް، ރައުލް ބޭނުންވަނީ ކޮންގޮތެއްތޯ ބަލާނުލައި ސީދާ ކައިވެންޏަކާ ހަމައަށް ދިއުމަށް ނިންމީ އަހަރެން، ރައުލްގެ ބައްޕައާއި އަހަރެންގެ ކާފައަށް މި ކައިވެނި ކުރުމަށް ޚިޔާލުދީ ބާރު އެޅުވި މީހަކީ އަހަރެން، މިހާތަނަށް ހުރިހާކަމެއް މިހިނގަނީ އަހަރެންގެ އަމިއްލަ އެދުން ކުރިއަށް ނެރިގެން، ލޯބިވެވުނީތީ އެ ލޯބީގެ ނަމުގައި އަހަރެންނަށް ކުރެވުނީ މަޖޫބުރުކަން އެނގޭ، އަހަރެންނަށް ލޯބިވެވުނީތީ ރައުލް ވެސް އަހަރެންދެކެ ލޯބިވާން ޖެހޭނެ ހީކުރެވުނީ މުޅިން ގޯހަކުން" ސަމިއާނާ ވާހަކަދެއްކީ ޚިޔާލުތަކަކަށް ގެއްލިފައި އިނދެއެވެ. އޭނާގެ ވާހަކަތަކަށް ރައުލް ރައްދެއްނުދިނެވެ. ވަގުތުކޮޅަކަށް އެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. ސަމިއާނާ ފިނިނޭވާއެއް ދޫކޮށްލައި ރައުލްއަށް ބަލާލިއެވެ. އެ ދެ ލޮލުގައިވާ ހިތްދަތިކަމާއެކު ވެސް ސަމިއާނާ ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"އަމީރާ ގަޞްދުކުރަނީ ކިހިނެއް؟ ކައިވެނި..." ކުރިއަށް ސަމިއާނާ ރާވާފައިވާގޮތެއް އެނގެން ރައުލް ބޭނުންވިއެވެ.

"އެނބުރިދާނީ... އަހަރެންނާ ކައިވެނިކުރެވެން ނެތްއިރު އަހަރެން ވެސް ބޭނުމެއްނޫން އިތުރަށް މިކަންތައްގަނޑު ކުރިއަށް ގެންދާކަށް، ކައިވެނި ކުރިއަށް ނުދާނޭކަން އަހަރެން ކާފަ ގާތު ބުނާނަން" ސަމިއާނާ ބުންޏެވެ. އެއާއެކު ރައުލްއަށް ހަމަޖެހުމުގެ ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި އިސްތަށިގަނޑުގައި ކަނާއަތުން އަތްފުނާ އަޅާލިއެވެ.

"ރައުލް..." ސަމިއާނާ ގޮވާލިއެވެ. އެއާއެކު ރައުލް އޭނާއަށް ބަލާލައި ހޫން ލައްވާލިއެވެ.

"އަހަރެން ރައުލްއަށް ނަފުރަތެއްނުކުރާނަން" ރައުލްއާ ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ ސަމިއާނާ ބުންޏެވެ.

"އަމީރާ..." ސަމިއާނާގެ ހިތް އޮތްގޮތް ރަނގަޅަށް އެނގިހުރި ރައުލްއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެންމެފަހުން ލުއި ހިނިތުންވުމަކާއެކު ރައުލް ބޯޖަހާލިއެވެ. އެ ހިނިތުންވުން ފެނި ސަމިއާނާގެ މޫނު އުޖާލާވެގެން ދިޔަ ގޮތް ފެނި ރައުލް ހައިރާންވިއެވެ.

"އަހަރެންނަށް ރައުލްގެ ރަޙުމަތްތެރިއަކަށް ވެވިދާނެތަ؟ ވަގުތާއެކު އަހަރެން ވެސް ބަދަލުވާން މަސައްކަތްކުރާނަން، ދެން ބައްދަލުވާއިރު ބޭނުންވަނީ ހެޔޮއެދޭ ރަޙުމަތްތެރިއެއްގެ ގޮތުގައި ކުރިމަތިލާން، އަހަރެން އެހެން އަންހެނުން ގޮތަށް ވާނޭ ހީކުނުރޭ، އަހަރެންގެ ހިތުގައި ބަދަލުހިފުމެއްނެތް، އަހަރެން ދުވަހަކުވެސް ރައުލްގެ މަތިން ހަނދާނެއްނުނެތޭނެ، އަހަރެން އެދެނީ ރައުލްއަށް އުފާވެރި މުސްތަޤުބަލެއް، ރައުލްގެ ހިތުގެ ބައިވެރިޔާއާ ކޮންމެވެސް ދުވަހަކުން ބައްދަލުވާނޭ ފުރުޞަތު ލިބުމަށް އެދެވޭ، ކަލޭމެންގެ ކައިވެންޏަށް ދަޢުވަތު ދީފިނަމަ އުފަލާއެކު ބައިވެރިވާން އަންނާނަން، ހިތުގައި ބުރަކަމެއްނެތި... ރައުލްގެ ރަޚުމަތްތެރިކަން އެދިގެން... އެކުވެރިއެއްގެ ގޮތުގައި ހުރެ، އަހަރެންގެ އެހީތެރިކަން ރައުލްއަށް އަބަދުވެސް ލިބޭނޭކަން ޤަބޫލުކުރޭ، ފަހަރެއްގައި... އޭރުން... ރަޙުމަތްތެރިއެއްގެ ގޮތުން ރައުލްގެ ދުލުން އަހަރެންގެ ނަން ކިޔާ އަޑުއިވެލިޔަސް އަހަރެންނަށް އެވަރުން ފުދޭނެ" ސަމިއާނާ ބުންޏެވެ. ހަޤީޤަތް އެނގުމުން ސަމިއާނާ އިންތިހާއަށް ދެރަވިއެވެ. ނަމަވެސް އޭނާ ރުޅިއިސްކޮށް އެ ރުޅީގައި ހިތުގައި ހަސަދަވެރިކަމާއި ބަދަލުހިފުމުގެ ރޫހު އާލާވުމަށް ފުރުޞަތެއް ނުދިނެވެ. އޭނާގެ އެފަދަ ޢަމަލަކުން ރައުލްގެ ލޯބި ނުލިބުންތާ އޭނާގެ އެކުވެރިކަން ވެސް ނުލިބޭނޭކަން ސަމިއާނާގެ ޟަމީރު ހަނދާންކޮށްދިނެވެ. އެހެންވެ އޭނާ ނިންމީ އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނުމަށެވެ. ވަގުތާއެކު ހަނދާންތައް ފަނޑުނުވި ނަމަވެސް ޖަޒުބާތުތަކުގެ މައްޗަށް ބާރުފޯރުވަން އޭނާއަށް ދަސްވާނޭކަން އެނގެއެވެ. ރައުލްއާމެދު ހިތުގައި ކުޑަ ވެސް ކުންޏެއް ނެތެވެ.

"އަހަރެން ދެން އަރާމުކޮށްލަންތަ؟... މި ހަށިގަނޑުގެ ބަލިކަށިކަމުން ފަސޭހަވާން ވަގުތު ބޭނުންވޭ، އެކަމަކު ދެން ރައުލްއަށް ފެންނާނީ އަހަރެންގެ އަސްލު ސިފައިގައި، އެންމެ ރަނގަޅުތަ؟" ލުއި ހިނިތުންވުމަކާއެކު ސަމިއާނާ ބުންޏެވެ. ރައުލް މަޑުމަޑުން ބޯޖާހާލިއެވެ.

"ރައުލް!..." ކޮޓަރީގެ ދޮރާ ހަމައަށް ރައުލްއަށް އާދެވުނު ތަނާ ސަމިއާނާ ގޮވާލިއެވެ. ވަގުތުން ރައުލް އެނބުރި ބަލާލިއެވެ.

"އަހަރެން އައީސުރެން ރައުލްގެ ސަމާލުކަން ލިބޭތޯ ފަހަތުން ދުވުންނޫންކަމެއް ނުކުރެވޭ، އެކަން މިއަދުން ފެށިގެން މި ހުއްޓާލީ، ތީ އަހަރެންގެ ވާންއުޅޭ ފިރިމީހާއެއްނޫން، އެހެންވީމަ... އަހަރެން އެނބުރި ދިއުމުގެ ކުރީން ގަނޑުވަރުތެރެއާއި ކަނޑުގެ ބަގީޗާތައް ބަލާލަން ބޭނުން، ފޮނި ހަނދާންތަކަކާއެކު އެނބުރިދާން ބޭނުންވަނީ، އަހަރެންނަށް އެތަންތަން ދައްކާލަން ގެންގޮސްދޭނަންތަ؟" ސަމިއާނާ އަހާލިއެވެ.

(ނުނިމޭ)